އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ބްރައިޓަނުން 3-0 ގެ ނަތީޖާއަކުން ވަރުގަދަ ލިވަޕޫލް ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު ޕޮއިންޓް ތާވަލުގައި ބްރައިޓަން ވަނީ ލިވަޕޫލްގެ މައްޗަށް ޖެހިލައިފައެވެ. ލިވަޕޫލުން މި ވަގުތު އަށް ވަނައިގައި އޮތީ 18 މެޗުން 28 ޕޮއިންޓާ އެކުގައެވެ. މޮޅާއެކު ބްރައިޓަން ހަތްވަނައަށް ޖެހިލީ 18 މެޗުން 30 ޕޮއިންޓާ އެކުގައެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ލިވަޕޫލުން މިރޭގެ މެޗަށް ނުކުތީވެސް ސެންޓަ ބެކް ވާޖިލް ވެން ޑައިކް ނުލައެވެ. ގަތަރު ވޯލްޑް ކަޕް ފަހުން ލީގުގައި ލިވަޕޫލުން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމުން ވަނީ ދެ މެޗުން ބަލިވެފައެވެ. މިރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެފައިވާ އިރު، މިއީ ބްރައިޓަން އަތުން އެ ޓީމުގެ ތާރީހުގައިވެސް ވި އެންމެ ބޮޑު ބައްޔެވެ.

މެޗުގެ ފުރަތަމަ ހާފުގައިވެސް ރަނގަޅަށް ކުޅުނީ ރޮބާޓޯ ޑެ ޒާބީ އިރުޝާދު ދެމުންދިޔަ ބްރައިޓަނެވެ. ސޮލީ މާޗްގެ ހަމަލާއެއް ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑް ބްލޮކް ކުރި އިރު، ކައޮރޫ މިޓޯމާ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފަށް ނުކުމެ، މާ ގިނައިރެއް ނުވަނީސް ބްރައިޓަން ލީޑު ނެގިއެވެ. މެދުތެރެއިން އާޖެންޓީނާގެ އެލެކްސިން މެކް އަލިސްޓާ ކުރި މަސައްކަތުން ލިބުނު ބޯޅައިގައި މިޓޯމާ ނަގައިގެން ބޯޅަ ގޯލަށް ވައްދާލައި ލީޑު ނަގައިދިނީ މާޗެވެ.

އޭގެ އަށް ވަރަކަށް މިނެޓް ފަހުން މާޗް ދެވަނަ ގޯލެއް ޖެހިއެވެ. އިވާން ފާގަސަން ދުއްވާލި ބޯޅަ، ހިތްގައިމުކޮށް ނިންމާލައި މާޗް އޭނާގެ ދެވަނަ ގޯލް ކާމިޔާބުކުރި އިރު، ބްރައިޓަނުން ތިންވަނަ ގޯލެއް ޖެހީ މެޗުގެ 81 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ބަދަލަކަށް ނުކުތް ޑެނީ ވެލްބެލް ޖެހި ގޯލެކެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާލައި އިރު، އެވަޓަން ވަނީ 2-1 އިން ސައުތުހޭމްޓަން ކައިރިން ބަލިވެފައެވެ. އަދި ނޮޓިންހަމް ފޮރެސްޓުން 2-0 އިން ލެސްޓާ ސިޓީ ބަލިކުރި އިރު، ވުލްވްސްއިން ވަނީ 1-0 އިން ވެސްޓް ހަމް ބަލިކޮށްފައެވެ.