މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މެންބަރުން ވޯޓުލާ ގޮތުން އެމްޑީޕީ ދާނީ ތަރައްގީގެ މަގުގައިތޯ ނުވަތަ އަލުން މަގުމައްޗައްތޯ ނިމިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މަރަދޫ އެމްޑީޕީގެ ކެމްޕޭން އޮފީހަށް މިއަދު ހަވީރު ވަޑައިގެން، ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ވަރަށް މުހިންމު އިންތިހާބެއް ކަމަށާއި އެއީ ގައުމީ މަސްލަހަތާ ގުޅިފައި އޮތް އިންތިހާބެއް ކަމަށެވެ.

"މި ނިންމަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުން. ވެރިކަމަށް ހޮވުން، ވެރިކަމުގައި އަނެއްކާވެސް އެމްޑީޕީ ދެމި އޮތުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ހުރިހާ ވިސްނުމެއް ހުންނަންވާނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ހޯދައިދިނުމަށް ކަމަށާއި، އެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެ މަނިކުފާނަށް ޕްރައިމަރީ ކާމިޔާބުވުމުން ކަމަށެވެ.

ނަމަވެސް އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަމަށް އެހެން ޕާޓީއެއްގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ 5،600 ވޯޓު މަދުވެގެން ކަމަށެވެ.

"އަޅުގަނޑުމެން އަނެއްކާވެސް ނިންމަން މި ޖެހެނީ މި އިންތިހާބަށްފަހު ބަލިވެ، އެނބުރި މަގުމައްޗަށް ދާނީތޯ ނޫނީ އަޅުގަނޑުމެން ފަށައިގެން ކުރިއަށް މި ގެންދާ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ކުރިއަށްދާނީތޯ," ރައީސް ވިދާޅުވިއެވެ.