މަސްވެރިން ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު މަރަދޫ އެމްޑީޕީ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވައި އެ މަނިކުފާނު ވިދާޅުވީ، މަސްވެރިންނަކީ އެމްޑީޕީއަށްވެސް ސަރުކާރަށްވެސް މުހިންމު ބައެއް ކަމަށާއި ސަރުކާރުން މަސްވެރިން ދޫކޮށްނުލާނެ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ތެލުގެ އަގު އުފުލުމުގެ ސަބަބުން މަސްވެރިންނަށް އެކަމުން އަސަރުކުރާ އިރު، މަސްވެރިންނަށް ތެލާ ނުބައްދަލު އަގެއްގައި މަސް ވިއްކަން ޖެހުމުން ރާއްޖޭން ބޭރަށް މަސް ވިއްކަމުންވެސް ގެންދަނީ ގެއްލުމުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާރު މަސް ގަންނަ އަގަށްވުރެ ބޮޑު އަގެއްގައި މަސް ގަނެފި ނަމަ ވާގެއްލުން ފޫބައްދަން ޖެހޭނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ރަނގަޅު ގޮތްތަކެއްވާން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ހުޅުމީދޫގައި އެ ހުރި ސްޓޯރޭޖު ވީހާވެސް އަަވަހަކަށް ބޭނުންކުރެވޭނެ ގޮތް ހަދައި މަސްވެރިންނަށް މިއަށްވުރެ ރަނގަޅު އަގެއް ލިބޭނެ ގޮތް އިރާދަކޮށްދެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް އެސްޓީއޯ މެދުވެރިކޮށް ތެޔޮ ލިބުމުގައި މިހާރު ހުރި ދަތިތައް ނައްތާލެވިފައިވާ ކަމަށެވެ.