އެހެން ރަށްތަކުގެ ތަރައްގީއަށްޓަކާވެސް އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު އެ މަނިކުފާނު ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް ވިދާޅުވީ، އައްޑޫ ސިޓީއަށް ވޭތުވެދިޔަ ސަރުކާރުތަކުން ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވައުދުވެ، ބައެއް ކަންތައްތައް ކުރެވޭތޯ ބަލާފައި އެބަހުރި ކަމަށާއި ނަމަވެސް އެއިން ކޮންމެ މަސައްކަތެއްވެސް ކޮށްފައި ހުރީ ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ ގިނަ މަޝްރޫއު ހިންގަނީ މި ސަރުކާރުން ކަމަށާއި އައްޑޫއަށް ގެނެސްދޭ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އައްޑޫގެ ތާއީދު އެ މަނިކުފާނަށް މުހިންމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އައްޑޫ ސިޓީގެ ތާއީދު ބޭނުންވަނީ ހަމައެެކަނި އައްޑޫ ތަރައްގީކުރުމަކަށް ނޫން، މުޅި ރާއްޖެ ތަރައްގީކުރުމަށް އައްޑޫގެ ތާއީދު އެބަ ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އައްޑޫއަށް މި ސަރުކާރުން ގެންނަ ތަރައްގީއަކީ ވެރިކަން ބަދަލުވުމުން އުފުރާލައިގެން ގެންދެވޭނެ ތަރައްގީއެއް ނޫން ކަމަށެވެ. އެގޮތުން އައްޑޫގެ މަގުތަކާއި ބަނދަރާއި ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އިތުރުންވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީން އެ މަނިކުފާނަށް ދެއްވާ ތާއީދަކީ ބޭކާރުވެގެންދާނެ އެއްޗެއް ނޫން ކަމަށާއި ދެވަނަ ދައުރެއް ލިބިވަޑަައިގެންފިނަމަ ސަރުކާރުގެ އައްޑޫ ބޭފުޅުންގެ ހިއްސާ ބޮޑުވާނެ ކަމަށެވެ.