އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ ބޮޑު ހަރަދެއް ކުރީ އެ މަނިކުފާނުގެ ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެ މަނިކުފާނަށް އެބަ އޮތް ކަމަށާއި އެކަން ޔަގީން ވަނީ ކޮވިޑްގެ ދެ އަހަރު ހިމެނޭހެން މި ސަރުކާރުން މިހާތަަނަށް ކޮށްދީފައިވާ ކަންކަން ރައްޔިތުން ބަލައިގަންނާތީ ކަމަށެވެ.
ރައީސް ވިދާޅުވީ، އައްޑޫ ސިޓީއަށް ވޭތުވެ ދިޔަ ސަރުކާރުތަކުން ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވައުދުވެ، ބައެއް ކަންތައްތައް ކުރެވޭތޯ ބަލާފައި އެބަހުރި ކަމަށާއި ނަމަވެސް އެއިން ކޮންމެ މަސައްކަތެއްވެސް ކޮށްފައިހުރީ ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
"ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް ސަރުކާރުން ކޮށްދީފައި ހުރިކަމެއް އަދި ނިންމަން ހުރި ކަންތައްތަކަށް ބަލައި އިރު، އައްޑޫ ސިޓީއަށް އެންމެ ބޮޑު ތަރައްގީއެއް ގެނުވާ ސަރުކާރަކަށް ލިޔެކިޔުންތަކުން ފެންނަން އޮތީ މި ސަރުކާރުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އައްޑޫއަށް މި ސަރުކާރުން ގެންނަ ތަރައްގީއަކީ ވެރިކަން ބަދަލުވުމުން އުފުރާލައިގެން ގެންދެވޭނެ ތަރައްގީއެއް ނޫން ކަމަށެވެ. އަދި އައްޑޫގެ ތަރައްގީއަށް މިހާރު ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އެ މަނިކުފާނަށް ވެރިކަން ލިބިގެން ކަމަށާއި އެކަން ކުރަން ޕްރައިމަރީ ކާމިޔާބުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު