ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން، ރާއްޖެ ވަޑައިގަންނަވާތީ ބައެއް ގަޑިތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގާއި ފަޅުން ބަޔަކާއި މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅިގެން މާދަމާއާއި މި މަހުގެ 17 ވަނަ ދުވަހު ވަކި ގަޑިތަކަކަށް އެއާޕޯޓްގެ މަގުން ބަޔަކާއި ފަޅުން ބައެއް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވަނީ މާދަމާ ހެނދުނު 9:00 އިން 11:00 އަށް އަދި މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 7:30 އިން 8:30 އަށް ކަމަށް ބުންޏެވެ.
އެމްއޭސީއެލުން ބުނީ ބަންދުކޮށްފައި ހުންނަ ގަޑިތަކުގައި އެއާޕޯޓްގެ މުވައްޒަފުން އުފުލާ ފެރީއާއި އެމްޓިސީސީ ފެރީ ގާތްކުރާނީ ވެސްޓާން ބަނދަރު (ބީ)އަށް ކަމަށެވެ. އަދި ބަސް ހުއްޓާނީ ވެސްޓާން ޕާކިން ސަރަހައްދު (އޭ) އަށް ކަމަށް ބުންޏެވެ.
މީގެ އިތުރުން ބަންދުކުރަން ހަމަޖެހިފައިވާ ގަޑިތަކުގައި ހުޅުލޭ ފަޅަށް ވަދެ ނިކުމެވޭނީ ދެކުނު ނެރު (ސީ) އިން ކަމަށާއި މި ވަގުތުތަކުގެ އެއްގަޑިއިރު ކުރިން ފެށިގެން ކާގޯ ޓާމިނަލާއި ދިމާލުގައިވާ ނެރު (އީ) އިން ފެށިގެން ރަސްމީ ފާލަމާއި ދިމާލުގައިވާ ނެރު (ޑީ) އާއި ހަމައަށް އެއްވެސް ބާވަތެއް އުޅަނދެއް އަޅާފައި ނުބޭއްވުމަށްވެސް އަންގާފައިވެއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅިގެން މާދަމާ މާލެއިން ބަންދުކުރަން ނިންމާފައިވަނީ ރައީސް އޮފީހާއި ސިފައިންގެ ހުންނަ ގްރީން ޒޯން ސަރަހައްދާއި މާރުކޭޓް ސަރަހައްދާއި ބޮޑުތަކުރުފާނު މަގުގެ ބަޔަކާއި ހޮޓެލް ޖެން ހުންނަ ސަރަހައްދުގެ އިތުރުން އެއް ނަންބަރު ފާލަމާ ދިމާލުން ފަޅުތެރޭގެ ބޮޑު ބައެކެވެ.
ފުލުހުން މިއަދު ބުނީ މާދަމާ ހަވީރު 6:00 އިން ފެށިގެން ފަޅުތެރެއިން ބަންދުކުރާ ސަރަހައްދު ބަންދުވާނެ ކަމަށާއި ނަމަވެސް ޕާކުކުރުން މަނާ ސަރަހައްދުތަކުގައި ޕާކުކުރުން މަނާވި ނަމަވެސް އެއްގަމު އުޅަނދުތައް ދުއްވޭނެ ކަމަށެވެ.
އޭގެ އިތުރުން ރަސްމިއްޔާތު ހިނގަމުންދާ ވަގުތު ވެހިކަލެއްގައި ވިޔަސް ނުވަތަ ހިނގާފައި ވިޔަސް ގްރީން ޒޯން ސަރަހައްދަށް އާންމުންނަށް ނުވަދެވޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ތިން ދުވަހު މި ދަތުރުފުޅަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނާ ގޮތުން، ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރާނެއެވެ.
މީގެ އިތުރުންވެސް މި ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކުރުމަށާއި ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ޗެމްބާ އޮފް ކޮމާސް އިން ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.