ރިޕޯޓް

ނީލަން ފިހާރަ: އުސޫލަކީ ކޮބާތަ؟ ކުއްޔެއް ޓެކުހެއް ދެއްކުމެއްނެތް ބޮޑު ވިޔަފާރިއެއް؟

ރިފާ ހަލީލު

ނީލަން ފިހާރައޭ ބުނުމުން ސިފަ ވަނީ ކޮން އެއްޗެއް ހެއްޔެވެ؟ ބިދޭސީންގެ ވިޔަފާރި ހެއްޔެވެ؟ ނުވަތަ ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދާ ލިބޭ ތަނެއްގެ ގޮތުގައި ހެއްޔެވެ؟ ނޫނީ ތަރުތީބެއް ނެތި، ބަލަހައްޓާނެ މީހަކު ނެތި އެއްޗެހި ހުންނަ ތަނެއްގެ ގޮތުގައި ހެއްޔެވެ؟ ލައްކަ ބައިވަރު ސުވާލުތަކެވެ.

އެއްބަޔަކު މިތަން ސިފަކުރީ މާލެ ތެރެއިން ވަގަށް ނަގާ ސާމާނު ނުއަގުގައި ވިއްކާތަނެއްގެ ގޮތުގައެވެ. މިހާރު ރަށުތެރޭގައި ވާހަކަދެކެވެނީވެސް އެފަދަ ގޮތަކަށެވެ. އެހެން ވާހަކަތައް ދެކެވޭ ސަބަބުތައްވެސް ބައިވަރެވެ. ޖެހުނު ކޮންމެ މީހަކު، އަމިއްލައަށް ގޮޅި ވަކިކޮށްގެން އެ ސަރަހައްދުގެ މަގުމަތީގައިވެސް ވިޔަފާރި ކުރަނީއެވެ. ކުއްޔެއް ދައްކާކަށް ނުޖެހެއެވެ. ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ފައިސާއެއް ދައްކާކަށް ނުޖެހެއެވެ.

މިހާތަނަށް "ވަން" އަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު މާލޭގެ ބޮޑު ސަރަހައްދެއް ނީލަމުގައި މުދާ ވިއްކުމަށް ދޫކޮށްފައިވަނީ ސަރުކާރަށް އެއްވެސް ކުއްޔެއް ދިނުމަކާނުލައި ހިލެއެވެ. އަދި އެތަނުން ގޮޅި ބަހައި ކަންކަން ކުރަނީވެސް އެތަނުގައި މުދާ ވިއްކަން ބޭނުންވާ ބައެކެވެ. ގިނައީ ބިދޭސީންނެވެ. ވިޔަފާރިއެއް ރެޖިސްޓްރީއެއް ނުކުރެއެވެ. އެކަމަކު މިކަމާ އަޅައިލާނެ ނުވަތަ މިކަމަށް ފިޔަވަޅެއް އަޅާނެ މުއައްސަސާއެއް ނެތެވެ.

ބަޔަކު ގަސްދުގައި ރޯކޮށްލަނީތަ؟

ނީލަން ފިހާރައިގައި ހިނގާ އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރާ ކަމަށް ހާދިސާ ހިނގުމަށްފަހު ކަމާގުޅޭ އިދާރަތަކުން ބުނެއެވެ. ނަމަވެސް އޭގެ ފަހުން އެ ތަހުގީގަށް ވާގޮތެއް ނޭނގެއެވެ. ސުވާލު ކުރާ ކޮންމެ ފަހަރަކު ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެއެވެ. އެކަމަކު ތަހުގީގު ކުރަނީ ކިހިނެއް ކޮން ގޮތަކަށް ކަމެއް، އެކަމުގެ އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ. ބުނާހާވެސް އެއްޗަކީ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ނީލަން ފިހާރައިގައި އެންމެ ފަހުން މިމަހުގެ ނުވަ ވަނަ ދުވަހު އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވިއެވެ. މިއީ އެކި ސަރަހައްދުތަކުގައި ނީލަން ފިހާރައިގެ ނަމުގައި ހުޅުވި ފިހާރަތައް ރޯކޮށްލި/ ރޯވި 10 ވަނަ ފަހަރެވެ. އެއް ބަޔަކު ބުނަނީ މިއީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ކުރާ ކަމެއް ކަމަށެވެ. އެކަމަކު ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމެއް ނުވަތަ ރޯވީ ކަމެއް ބުނާކަށް ނޭނގެއެވެ. މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ތަހުގީގަށް ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންގެ އެހީވެސް ކަމާގުޅޭ އިދާރާތަކުން އަންނަނީ ހޯދަމުންނެވެ.

ނީލަމުގައި ވިއްކާތަކެތިން ދިރިއުޅުމުގެ ހަރަދުތައް:

ގިނަ އަހަރުތަކެއް ވަންދެން ނީލަން ފިހާރައިގައި ގޮޅިއެއް ހިންގަމުން އަންނަ އަހުމަދު، "ވަން"އާ ވާހަކަ ދައްކަމުން ބުނީ ފެށުނީއްސުރެ ކާންބޯން، ދިރިއުޅެން އޭނާ ކުރާ މަސައްކަތަކީ ނީލަން ފިހާރަ ހިންގުން ކަމަށެވެ. އާއިލާގެ ކަންކަމަށް ހަރަދުކޮށް ދެކޮޅު ޖައްސަނީ އެ މަސައްކަތުން ލިބޭ އެއްޗަކުން ކަމަށް އޭނާ ބުންޏެވެ.

އަހުމަދު ތުހުމަތު ކުރަނީ ބަޔަކު ގަސްދުގައި ކުރިކަމެއްގެ ގޮތުގައެވެ.

"އަޅުގަނޑު އެތައް ޒަމާނެއްވެއްޖެ މިކަމުން އާމްދަނީ ހޯދައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސާތާ. އަޅުގަނޑުމެންވެސް އަގުދީގެން ގަނެފަ ހުރި އެއްޗެހި މިތަނުގަ ހުންނާނީ. އެހެންވީމަ މިހެންވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކިހާ ބޮޑު ދެރައެއް. އަނދައިގެން ދިޔައިރުވެސް ތިން ލައްކައެއްހާ ރުފިޔާގެ މުދާ ހުންނާނެ. އެކަމުގެ ޒިންމާ ނަގާނީ ކާކު؟ އަޅުގަނޑުމެން ހަމަ ނިކަމެތި ވަނީ. ސަރުކާރުން މިފަދަ ކަންކަމަށް އެއްބާރުލުމެއް ނުދޭ. އަޅައިލާނެ ބަޔަކު ނުތިބޭ. މިއީ ކަރަންޓެއް އޮންނަ ތަނެއް ނޫން. ރޭގަނޑު ހުޅުވާ ތަނެއް ނޫން. ދެން މިތަން ރޯވާނީ ކިހިނެއް؟ ބަޔަކު ގަސްދުގަ ރޯކޮށްލަނީ ހަމަ." މާޔޫސްވެފައި ހުރެ އޭނާ ބުންޏެވެ.

ނީލަން ފިހާރައިގެ ގޮޅި ހިންގާ ބިދޭސީންތަކެއް ބުނީ އެމީހުންވެސް ކާންބޯން ކުރަނީ މި މަސައްކަތް ކަމަށެވެ.

"އަހަރުމެން ރާއްޖެ ގެނެސް ކުޑަ މުސާރައަކަށް މަސައްކަތް ކުރުވާފަ ވަޒީފާއިން ކަނޑާލަނީ. ދެން އަހަރުމެން ކުރާނެ މަސައްކަތެއް ހޯދާނީ އަމިއްލައަކަށްނު. އެގޮތަށް މިހެން ލިބޭ ބާ މުދާ ވިއްކަން ފެށީ. މީގެން ރަނގަޅު އާމްދަނީ ލިބޭ. އެކަމަކު އަބަދު އަބަދު ރޯކޮށްލާތީ ބޮޑު ގެއްލުމެއް ލިބޭ. ދެ މީހުން ތިން މީހުންވެގެންވެސް އެއް ގޮޅި އެބަ ހިންގަން. ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާގެ މުދަލާއެކު ކުރިން ދުވަހު ރޯވީ." އެމީހުންވެސް ތުހުމަތު ކުރަނީ ތަން ހުސްކުރުމަށް ބަޔަކު މީހުން މިތަން ރޯކޮށްލީ ކަމަށެވެ.

ބިދޭސީން މިތަނުގައި ވިޔަފާރި ކުރަނީ ހުއްދަ ނަގައިގެންތޯ ސުވާލު ކުރުމުން ބުނީ ދިވެހި މީހަކާ ގުޅިގެން ބައެއް މީހުން ހިންގާ ކަމަށެވެ. ހުއްދަ ނަގަންވީ ކޮންތާކުން ކަމާއި އެތަނުގައި ދިވެހިންވެސް ވިޔަފާރިކުރަނީ ހުއްދަ ނުނަގާ ކަމަށް ބުންޏެވެ. އެކަން ބަލަނީ ކޮން ބައެއްތޯ އެމީހުންވެސް ސުވާލު ކުރިއެވެ.

އެހެންކަމުން އެނގިގެން ދަނީ މިއީ ހިތުހުރި ގޮތަކަށް ބަޔަކު މީހުން ވިޔަފާރިކުރަމުންދާ ތަނެއް ކަމެވެ.

ތޮއްޖެހިފައިވާ މި މާލެއަށް މިއީ މުހިންމު ތަނެއްތަ؟

ނީލަން ފިހާރައެއް މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީއެއްގައި ހުރުން އެއީ އެއްބަޔަކު ދެކޭ ގޮތުގައި ރަނގަޅު ކަމެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ބޭކާރު ކަމެކެވެ.

ނީލަން ފިހާރައިގެ ވާހަކަ މިގޮތަށް ދެކެވޭނީ ބޮޑު ކަމެއް ހިނގީމައެވެ. އޭގެ ކުރިން މަތިމަތިން އެވާހަކަތައް ދެކެވުނު ނަމަވެސް އަމަލީ ސިފައަކުން އެތަނުގައި ހުރި މައްސަލަތަކަށް ހައްލެއް ނުގެނެވެއެވެ.

"ވަން" އާ ވާހަކަދެއްކި ބައެއް މީހުންގެ ހިޔާލުތައް ދެގޮތަށްވެސް އެބަ ހުއްޓެވެ. މިއީ ކޮންމެހެން މާލޭގައި ހުރުން މުހިންމު ތަނަކަށް އެއްބަޔަކު ގަބޫލެއް ނުކުރެއެވެ. އެކަމަކު އަނެއް ބަޔަކު ގަބޫލު ކުރަނީ މިއީ ހުރުން މުހިންމު ތަނެއް ގޮތުގައެވެ.

"ނީލަން ފިހާރައެއް ނޫނީ މިކަހަލަ ބާ މުދާ ވިއްކާތަނެއް މި މާލޭގަ ހުރުން އެއީ މާ މުހިންމު ކަމެއް ގޮތުގަ އަޅުގަނޑަކަށް ގަބޫލެެއް ނުކުރެވޭ. ގޭތެރެއަށް ބޭނުންވާ އެއްޗެހި މާލޭގެ ފިހާރަތަކުންވެސް ލިބޭނެ. ހައިޖީނިކަލީ ބެލިޔަސް އެއީ އެންމެ ރަނގަޅު ގޮތް. މިތާ މިތިބޭ ބިދޭސީން މި ވިއްކަނީ ކޮންތާކުން ކިހިނެއް ކޮން ގޮތަކުން އެއްޗެހި ހޯދައިގެން ކަމެއްވެސް ނޭނގެ." ނީލަން ފިހާރަ ސަރަހައްދުގައި މަޑުކޮށްލައިގެން ހުރި މެދު އުމުރުގެ މީހަކު ބުންޏެވެ.

އެކަމަކު އޭނާއާ ތަންކޮޅެއް ދުރުގައި ސައިކަލެއް މަތީގައި މަޑުކޮށްގެން އިން މީހަކަށް ނީލަން ފިހާރައަކީ ވަރަށް މުހިންމު ތަނެކެވެ.

"އަޅެ ބަޔަކު މީހުން ކޮން ހަސަދައެއް ފިލުވާލަން ކުރި ކަމެއްތަ މިއީ. (ސިދާ އަލިއަޅުވައިލީ ކޮން ކަމަކަށް ކަމެއް ނޭނގެ، ބެލެވެނީ އަލިފާނުގެ ހާދިސާއަށް ކަމަށް). ބަޔަކަށް މިތަނުން ފައިދާއެއް ވެދާނެތީ ކުރި ކަމެއް މިއީ. ކުރިން ދުވަހުވެސް މަގޭ ދަރިފުޅު ހިތާނަ ކުރަންވެގެން، އެތަން ރީތިކުރަން ބޭނުންވާ ފަތިކޮޅެއް ގަންނަން ހާޑުވެއާ ފިހާރައަކަށް ދިޔައީމާ ބުނީ 500 ރުފިޔާ އަރާނެޔޯ އެވަރުގެ ފަތިކޮޅަކަށް. އެކަމަކު މިތަނުން އަހަރެން ހަމަ 100 އެއްހާ ރުފިޔާއަށް ފަތިކޮޅު ގަނެގެން ދިޔައީމޭ. މިހުރީ މިތަނުގެ މުހިންމުކަން. ހަމަ ނުލާހިކު ރީތި ގޮނޑިއާ މޭޒުވެސް އެބަހުރި. އަހަރެން ދަންނަ މީހަކު މިތަނުން ގަނޭ. ބޮޑު އަގު ދީފަ ގަންނަން ނުކުޅެދޭ މީހާއަށް މިކަހަލަ ތަނެއް ކިހައި މުހިންމުވާނެތަ." މިއީ އެމީހާގެ ވާހަކައެވެ.

ނީލަން ފިހާރައިގެ މައްސަލައިގައި ސިޓީ ކައުންސިލާއި ސަރުކާރާ މިހާރު އޮތީ ކޯޅުމެއްގެ ތެރޭގައެވެ. ސިޓީ ކައުންސިލުން ބުނީ މީގެ ކުރިން އެތައް ފަހަރަކުވެސް ނީލަން ފިހާރަ މިހާ ހުރި ތަނުން އެހެން ތަނަކަށް ބަދަލުކޮށް ރަނގަޅު ގޮތުގައި ހިންގުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އިންޑަސްޓްރިއަލް ޒޯނުގައި ނީލަން ފިހާރަ ހިންގުމުގެ ހުއްދަ ދިނުމަށްވެސް އެދުނު ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެހެން ނަމަވެސް ކުރިން ނީލަން ފިހާރަ ހިންގި ސަރަހައްދުގައި އެތަން ހިންގުމުގެ ހުއްދަ ނުދޭނެ ކަމަށް މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނީލަން ފިހާރަ މިހާރު ހުރި ތަނުގައި ދެން އެ ވިޔަފާރި ނުހިންގޭނެ ކަމަށާއި އެތަން ހިންގަން މާލެ ނުވަތަ ހުޅުމާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދޫކުރަން އަނެއްކާވެސް ސަރުކާރުގައި އެދުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސުވާލަކީ އެއީއެއް ނޫނެވެ. މާލެ ކަހަލަ މޮޑާން، ޒަމާނީ ސިޓީއަކަށް މި ނީލަން ފިހާރަ މުހިންމު ހެއްޔެވެ؟ މި ތަނުގައި ވިއްކާ މުދަލުގެ ސައްހަކަން، ނުވަތަ ހޯދާ ގޮތެއް އެނގެނީ ކާކަށް ހެއްޔެވެ؟ ނީލަން ފިހާރައަކީވެސް މާލޭގެ މަގުމަތީގައި ބޮޑު ސަރަހައްދެއް ނަގައިގެން، ކުއްޔަކާ ނުލައި، ޓެކުހެއް ދެއްކުމެއް ނެތި ކުރާ ފައިދާ ބޮޑު ވިޔަފާރިއެއް ނަމަ އެއީ އެހެން ވިޔަފާރިތަކަށް އިންސާފެއް ހެއްޔެވެ؟