އިޓަލިއަން ސެރެއާ އޭގެ އެއްވަނައިގައި އޮތް ނަޕޯލީން ރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ޔުވެންޓަސް ބަލިކޮށްފިއެވެ.
ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ނަޕޯލީން ވަރުގަދަ ޔުވެންޓަސް ބަލިކުރީ 5-1ގެ ނަތީޖާއަކުންނެވެ. 1990 ވަނަ އަހަރަށްފަހު ނަޕޯލީން އިޓަލީ ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ އިރު، ރޭގެ މޮޅާއެކު އެ ޓީމުން މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓްގެ ލީޑެއްގައެވެ.
ނަޕޯލީން ލީގުގައި 18 މެޗު ކުޅެ، 47 ޕޮއިންޓް ހޯދާފައިވާ އިރު، އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާނުން މިހާތަނަށް ކުޅުނު 17 މެޗުގައި އެ ޓީމަށް ލިބިފައިވަނީ 37 ޕޮއިންޓެވެ. ތިންވަނައިގައި ޔުވެންޓަސް އޮތީ 18 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ މިލާނުން ހަތަރުވަނައިގައި އޮތް އިރު، އެ ޓީމަށް 17 މެޗުން 34 ޕޮއިންޓް ލިބިފައިވެއެވެ.
މި ސީޒަނުގައި އާދަޔާހިލާފު ފޯމެއް ދަމަހައްޓަމުން އަންނަ ނަޕޯލީން މިހާތަނަށް ލީގުގައި ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ އިންޓަ މިލާނާ ދެކޮޅަށް، ސަން ސީރޯގައި ކުޅުނު މެޗުން އެކަންޏެވެ. އެ މެޗުންވެސް ނަޕޯލީ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ނަޕޯލީއަށް ލީޑު ނަގައިދިނީ ވަރުގަދަ ފޯވަޑް ވިކްޓާ އޮސިމްހެންއެވެ. އޭނާ ފުރަތަމަ ގޯލު ޖަހައި، ދެވަނަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން އިރު، މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޖޯޖިއާގެ ތަރި ކަވިޗާ ކްވަރެޓްޝޭލިއާއެވެ.
ޔުވެންޓަސްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންހާލް ޑިމަރިއާ ޖަހައިދިން އިރު، ދެވަނަ ހާފަށް ނުކުމެ، އާމިރް ރަހްމާނީއާއި އޮސިމްހެން ޖެހި ގޯލުތަކުން ނަޕޯލީ ލީޑު އިތުރަށް ފުޅާކުރިއެވެ. އަދި އެ ޓީމުގެ ފަސްވަނަ ގޯލު ޖަހައި ޔުވެންޓަސް ލަދުގަންނަވާލީ އެލިފް އެލްމާސްއެވެ.
ޔުވެންޓަސް ކޮޅަށް މީގެ ކުރިން އެންމެފަހުން ފަސް ގޯލް ޖަހައިފައި ވަނީ 1993 ވަނަ އަހަރުއެވެ. ޔުވެންޓަސްއިން ރޭގެ މެޗާ ހަމައަށް ދިޔައިރު، ލީގުގައި ކޮޅަށް ވައްދާލާފައި ވަނީ އެންމެ ހަތް ގޯލެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ