އަމިއްލަ ދިރިއުޅުން ބިނާކުރާ ބަޔަކަށް ޒުވާނުން ހެދޭނީ ޒަމާނީ ތައުލީމު އެ ޒުވާނުންނަށް ދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އައްޑޫ ފޭދޫ ސްކޫލުގެ ރަން ޔޫބީލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ފާއިތުވި ހަތަރު އަހަރު ދުވަހު އެންމެ ހާއްސަ އިސްކަމެއްދިނީ ތައުލީމީ މީހުން ބިނާކުރުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެ އިސްކަމެއްދޭނީ އެ ދާއިރާއަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޒުވާނުންގެ ގައިގައި ހުރި ފަންނާއި ހުނަރު ކުރިއެރުވުމުގެ ފުރުސަތު އެ ޒުވާނުންނަށް ދޭން ޖެހޭ ކަމަށެވެ.

"ޒިންމާދާރުކަމާއެކު އަމިއްލަ ދިރިއުޅުން ބިނާކުރާ ބަޔަކަށް ޒުވާނުން ހެދޭނީ އެންމެ ޒަމާނީ ތައުލީމު ޒުވާނުންނަށް ދީގެން، އެމީހެއްގެ ގައިގައި ހުރި ފަންނާއި ހުނަރު ކުރިއެރުވޭނެ ފުރުސަތު ޒުވާނުންނަށް ދީގެން. އެ ކަމަށް ވަރަށް ގިނަ ކަންކަން ރާވައި ކުރިއަށް އެބަ ގެންދެވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުދައްރިސުންގެ ތައުލީމީ ގާބިލުކަން އިތުރުކުރުމަށް މި ސަރުކާރުން މިހާތަނަށް 26،500 މުދައްރިސުން ތަމްރީން ކުރެވިފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަމާޒަކީ ކުދިންނަށް ކިޔަވައިދިނުމުގައި އެންމެ އަތޮޅެއްވެސް އަދި އެންމެ ރަށެއްވެސް ބާކީ ނުކޮށް އެންމެންނަށްވެސް އެ ފުރުސަތު ލިބޭނެ ގޮތް ހެދުން ކަމަށެވެ.