އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 29

އަބްދުﷲ ފާރޫގް ހަސަން

(6 ޖެނުއަރީގެ އަދަދާ ގުޅޭ)

سـلطـــان محمّـــد އަށް މި މެސެޖު ލިބިވަޑައިގެންނެވީ އޭޝިޔާކޫޗަކުގެ ހަރުކަށިފުޅު ބައެއް އަމީރުންގެ "މިޒާޖުފުޅު ރަނގަޅުކުރެއްވުމުގައި" މަޝްޣޫލުވެވަޑައިގެން އުޅުއްވަނިކޮށެވެ. سـلطـــان محمّـــد ކެތްތެރިވެވަޑައިގެން ހަމަޖެހިވަޑައިގެންނެވުމާއެކު އެ އިންޒާރު އަޑުއެއްސެވިއެވެ. ވަކި ޖަވާބެއް ނުދެއްވިއެވެ. މި ހާދިސާއާ ވިދިގެން ޢުޘްމާނީ އަމީރުންނަށް ކަށަވަރުވެވަޑައިގެންނެވީ ޢުޘްމާނީންނާއި ބައިޒެންޓެއިނުންނާ ދެމެދު ދެގޮތުންކުރެ އެއްގޮތެއްގެ މައްޗަށް ހަނގުރާމަކުރުމުގެ ވަގުތުއައިސް ޖެހިއްޖެކަމެވެ.

عــلاّمــــة أسـلـــم ޖޭރާޖުޕޫރީ ލިޔުއްވައިފައިވެއެވެ.

"ކައުސާހިބާ صـلّـــــى اللّـــه عــلـيــــه وسـلّـــــم ޤުސްޠަންޠީނިއްޔާގެ ފާތިޙު ލަޝްކަރަށާއި އެލަޝްކަރުގެ އަމީރަށް ތާރީފުކުރައްވައިފައިވާ ޙަދީޘުފުޅުވެސް سـلطـــان محمّـــد ثــانـــــى އަށް ވަނީ އެނގިވަޑައިގެންފައެވެ. އެމަނިކުފާނުގެ ބައްޕާފުޅު سـلطـــان مــــــــراد ثــانـــــى ވަނީ ޤުސްޠަންޠީނިއްޔާ ފަތަޙަކުރައްވަން ވަޞިއްޔަތް ކުރައްވައިފައެވެ. އަނެއްކޮޅުން ރޫމީންގެ ބޭވަފާތެރިކަމާއި އަބަދާއަބަދު ޢަހްދު އުވާތީ އެކަމާހުރެވެސް އޭނާގެ ހިތްޕުޅުގައިވަނީ ބަދަލުހިއްޕެވުމުގެ ޖޯޝު ކެކިއުތުރިއަރައިފައެވެ. މިހުރިހާ ސަބަބުތަކަކާހުރެ سـلطـــان محمّـــد ގެ ހިތްޕުޅުގައިވަނީ ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވުމުގެ ޢަޒުމުފުޅު ވަރުގަދަޔަކަށް އެކަށައެޅިފައެވެ. އަބަދުވެސް ހުންނެވެނީ އެކަމުގެ ފިކުރުފުޅުގައެވެ. އެކަމާހުރެ ބޭޤަރާރުވެވަޑައިގެންފައި ހުންނެވޭވަރުން އެއްރެޔަކު އެއްގޮތަކަށްވެސް އަވަހާރަފުޅެއް ނުލެއްޕެވުނެވެ. އަވަހާރަފުޅުލައްޕަވަން އުޅުއްވައުޅުއްވައި ރޭދެބައިވީއިރުވެސް އަވަހާރަފުޅު ނުލެއްޕެވުމުން وزيـــــرالأعـظـــــم خــلـيــل ޕާޝާ ބަލައިފޮނުއްވިއެވެ. خــلـيــل ޕާޝާ ވަޑައިގެންނެވީ ވަރަށް ޖެހިލުންވެވަޑައިގެން ހުންނަވައެވެ. އެކަހަލަ ނުވަގުތެއްގައި ބަލައިފޮނުއްވީތީއެވެ.

"سـلطـــان محمّـــد ބޮޑުވަޒީރާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މިކަމުގެ ހިތާމައިގައި އަހުރެންނަށް ޖެހިފައިވާ ޙާލު ދެކެބަލާށެވެ! އަހަރެން މިއޮންނަނީ ދެފަރާތަށް ފުރޮޅިފުރޮޅިއެވެ. ކޮންމެ އަރިޔަކަށްއޮތަސް ނިންޖެއް ނާދެއެވެ. އަހަރެން އެދެނީ އެންމެ ކަމެކެވެ. އަހަންނަށް ޤުސްޠަންޠީނިއްޔާ ހޯދައިދޭށެވެ."

ބުއްދިވެރި ވަޒީރަށް ޔަޤީންވެވަޑައިގެންނެވީ ޤުސްޠަންޠީނިއްޔާ ފަތަޙުކުރެއްވުމާމެދު سـلطـــان محمّـــد ثــانـــــى ގެ ހިތްޕުޅުގައި އެކަށައެޅުއްވިފައިވަނީ ޙަޤީޤީ އެދިވަޑައިގެންނެވުމެއްކަމެވެ. ނުގުޑާނެ ޢަޒުމުފުޅެއްކަމެވެ. އެއީ ކާމިޔާބީއަށް ވާސިލުކޮށްދޭނެ މަގެއްކަމެވެ. وزيـــــر خــلـيــل ޕާޝާ سـلطـــان محمّـــد އަށް ތަސައްލީ ދެއްވައިފައި އެނބުރި ވަޑައިގެންފިއެވެ.

އެދުވަސްވަރު މުސްލިމުންކުރެ ދުޢާ އިޖާބު ބޭކަލެއްކަމުގައިވާ شـيــخ آقــا شمــس الّــديــــن އަށް އިލްހާމީ ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. މުސްލިމުން މިވެނިދުވަހެއްގެ އެވެނި ވަގުތެއްގައި ޤުސްޠަންޠީނިއްޔާއަށް ވަންނާނެކަމުގައެވެ. شـيــخ آقــا شمــس الّــديــــن އެ އިލްހާމުގެ ވާހަކަ وزيـــــر خــلـيــل ޕާޝާގެ އަރިހުގައި ވިދާޅުވިއެވެ. خــلـيــل ޕާޝާ އެއުފާވެރި ޚަބަރު سـلطـــان محمّـــد ثــانـــــى ގެ އަރިހުގައި ވިދާޅުވިއެވެ.

ޙަމަލައިގެ ތައްޔާރީ

سـلطـــان محمّـــد ثــانـــــى ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވުމުގެ އަމަލީ މަސައްކަތްޕުޅު ފައްޓަވައިގެންނެވިއެވެ. އެކަމަށް ބޭނުންވާނެ ކަންތައް ތައްޔާރުކުރައްވާން ފެއްޓެވިއެވެ. ދުރާލައި ރައްކައުތެރިވެވަޑައިގެންނެވުމުގެ ތަދްބީރުތައްވެސް ރޭއްވެވިއެވެ. ދައުލަތެ ޢުޘްމާނިއްޔާ މުޞަންނިފު ލިޔުއްވައިފައިވެއެވެ.

"سـلطـــان محمّـــد ثــانـــــى ޤުސްޠަންޠީނިއްޔާއަށް ޙަމަލަދެއްވުމުގެކުރީން ބޭނުންތެރި ހުރިހައި ތައްޔާރީތަކެއް ފުރިހަމަކުރެއްވިއެވެ. ދުރާލައި ރާއްވަވާން ޖެހިވަޑައިގަންނަވާ ހުރިހައި އިންތިޒާމުތަކެއް ހަމަޖެއްސެވިއެވެ. ޤުސްޠަންޠީނިއްޔާ ޙިޞާރުކުރައްވައިގެން ހުންނަވާއިރު އެހެންފަރާތަކަށް ސަމާލުކަންދެއްވަން ޖެހިވަޑައިނުގަންނަވާނެގޮތުންނެވެ. އެންމެފުރަތަމަ އޭޝިޔާކޫޗަކުގެ ހުރިހައި ބަޣާވާތްތަކެއް ހަމަޖެއްސެވިއެވެ. ކަރުމާނިޔާގެ އަމީރާ ޞުލްޙަވެވަޑައިގެން އޭނާގެ ދަރިކަނބަލުންނާ ކާވެނިބެއްލެވިއެވެ. އެއާއެކު މުސްލިމުންގެ ނުބައި ދުޝްމިނެއްކަމުގައިވާ ހުންޔާޑޭއާއެކުވެސް ތިންއަހަރުގެ ޞުލްޙަނާމާއެއްގައި ސޮއިކުރެއްވިއެވެ. އެ ޞުލްޙައިގެ މުޢާހަދާގެ ސަބަބުން ޔޫރަޕުގެ އުތުރުން އަތުވެދާނެ ޙަމަލައެއްގެ ދޮރު ބަންދުވިއެވެ. ހަމައެފަދައިން މޯރިޔާއަށް ލަޝްކަރެއް ފޮނުއްވިއެވެ. އެތާނގެ ރަސްކަލަކަށް ހުންނެވީ ޤުސްޠަންޠީނިއްޔާގެ ޝަހެންޝާހުގެ އަޚެކެވެ. އެދިމާޔަށް ލަޝްކަރެއް ފޮނުއްވީ މޯރިޔާއިން ޤުސްޠަންޠީނިއްޔާއަށް އެހީވާން ލަޝްކަރެއް އައުމުގެ ދޮރު ބަންދުކުރެއްވުމަށްޓަކައެވެ.

"މިދެންނެވި ތަދްބީރުތަކުން އަވަދިވެވަޑައިގެން ބޮސްފަރަސްގެ ޔޫރަޕިޔަން އައްސޭރީގައި ވަރުގަދަ ކިއްލާއެއް ބިނާކުރެއްވިއެވެ. ޤުސްޠަންޠީނިއްޔާއާ އެންމެ ފަސްމޭލު ދުރުގައެވެ. (އެ ކިއްލާ ބިނާކުރެއްވުމުގެ މަޤްޞަދަކީ މަސީޙީންގެ ކަނޑުގެ ބާރުގެ ޙަރަކާތްތައް ބެލެހެއްޓެވުމެވެ. ހަމައެއާއެކު ޤުސްޠަންޠީނިއްޔާއަށް އެހީލިބުމުގެ މަގުތައް ހަނިކުރެއްވުމެވެ.) سـلطـــان محمّـــد ގެ މުނިކާފާފުޅު بــايـــزيــد خــــان ޔިލްދިރިމްވެސް ވަނީ ބޮސްފަރަސްގެ އޭޝިޔާއާވި ފަރާތުގެ އައްސޭރީގައި ވަރުގަދަ ކިއްލާއެއް ބިނާކުރައްވައިފައެވެ. އެ ކިއްލާގެ ނަމަކީ އަނާޠޫލީ ކިއްލާއެވެ. (އަނާޠޫލީ ޙިޞާރީ) سـلطـــان محمّـــد ކިއްލާ ބިނާކުރެއްވީ އަނާޠޫލީ ކިއްލާއާ ސީދާ ކުރިމަތިވާގޮތަށެވެ. (އެ ދެކިއްލާ ހުރީ ބޮސްފަރަސްގެ އެންމެ ހަނިދިމާގައެވެ. ކިއްލާ ބިނާކުރުމުގެ މަސައްކަތް ބެލެހެއްޓެވީ مـصـلــــح الّــديــــن آعــا އެވެ. سـلطـــان محمّـــد ބިނާކުރެއްވި ކިއްލާގެ ނަމަކީ ރޫމެލީ ކިއްލާއެވެ. ރޫމެލީ ޙިޞާއީއެވެ.) سـلطـــان محمّـــد އެކިއްލާ ބިނާކުރައްވާތީ ޤައިޞަރު ޤުސްޠަންޠީން XII އެކަމާ އިޢުތިރާޟުވެސް ކުރެއްވިއެވެ. (ކިއްލާއަށް ޙަމަލަވެސް ދެއްވިއެވެ.) އެކަމަކު އެކަންވީ ބޭކާރު ކަމެއްކަމުގައެވެ.

"ހިޖްރައިން 856 (1452މ.) ވަނައަހަރުގެ ހޫނުމޫސުމުގެ ކުރީން އެކިއްލާ ޢިމާރާތްކުރައްވައި ނިމިއްޖެއެވެ. (ރޫމެލީ ކިއްލާ ކުރެއްސެވީވެސް ޚުދު سـلطـــان محمّـــد އެވެ. އެ ކިއްލާ ބިނާކުރާން ހަތްހާސް މީހުން މަސައްކަތްކުރިއެވެ. އެކިއްލާގެ ފާރުތަކުގެ ބޭރަށާއި ބުރުޒުތަކަށް ތިމަރަވިރުވައި އެޅުއްވިއެވެ.) ބޮސްފަރަސް ކަނޑުއޮޅި މިހާރުވަނީ ސައްތައިންސައްތަ ތުރުކިޔޭއިންގެ ބާރުގެ ދަށުގައެވެ. ތުރުކިޔޭއިންގެ އިޒުނަޔާ ނުލައެއް އެކަނޑުއޮޅި ގިރައެއް ނުކުރެވޭނެއެވެ. سـلطـــان محمّـــد ދެން އަވަސްވެވަޑައިގެންނެވީ ހަނގުރާމައިގެ އެހެނިހެން ތައްޔާރީތަކަށެވެ. އޭނާ އުދުރުނާއަށް ދޮޅުލައްކަ ސިފައިން ޖަމާކުރެއްވިއެވެ. އެކަމަކު ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމަކީ ސިފައިންގެ ޢަދަދުގެ މައްޗަށް ބިނާވެފައި އޮތްކަމެއް ނޫނެވެ. ސިފައިންގެ ޢަދަދު ކިތަންމެ ގިނަކަމުގައިވިޔަސްވެހެވެ.

ޤުސްޠަންޠީނިއްޔާއަކީ ތިނެސްކަނަށް އޮންނަ ރަށެކެވެ. އެއްދެފަރާތުގައި އޮންނަނީ ކަނޑެވެ. ރަށުގެ އުތުރުގައި އޮންނަނީ ގޯލްޑަންހޯނެވެ. ދެކުނުގައި މަރުމަރާކަނޑެވެ. އެއްގަމު މަގުން އެރަށަށް ޙަމަލަދެވޭނީ ހުޅަނގުފަރާތުން އެކަންޏެވެ. އެކަމަކު އެފަރާތުން އެރަށް ދިފާޢުކުރުމަށްޓަކައިވަނީ ވަރުގަދަ ތިންފާރު ރާނައިފައެވެ. ބޮޑުބަޑި އީޖާދުކުރެވުމުގެ ކުރީން އެފާރުތަކުންވަނީ އެރަށަށްދެވޭ ހުރިހައި ބާވަތެއްގެ ޙަމަލަތަކެއް މަތަކޮށްފައެވެ. ދިފާޢުކޮށްފައެވެ. އެތިންފާރުގެ ތެރެއިން އެތެރެޔަށް ހުންނަ ދެފާރު ވަރަށް ފުޅަލެވެ. އެފާރުގެ ކޮންމެ ސަތޭކަހަތްދިހަ ފޫޓެއްގެ ދުރުމިނުގައި ވަރުގަދަ ބުރުޒެއް ހުރެއެވެ. އެއިން ކޮންމެ ދެފާރެއްގެ ދޭތެރޭގައި ފަސްދޮޅަސް ފޫޓު ހުރެއެވެ. ބޭރުފާރުގެ ބޭރުގައްޔާއި އެތެރޭގެ ދެފާރުގެ ދޭތެރޭގައި ފަސްދޮޅަސް ފޫޓުފުޅާ ސަތޭކަފޫޓު ފުން ޚަންދަޤެއް އޮވެއެވެ. އެފާރުތައް ބިނާކުރެއްވީ ތިއޮޑޯސީސަސް II އެވެ. ޢީސަވީ ސަނަތުން ފަސްވަނަ ސައްތައިގައެވެ. سـلطـــان محمّـــد ثــانـــــى ގެ ޒަމާނާ ހަމަޔަށް އެފާރުތަކުންވަނީ ޤުސްޠަންޠީނިއްޔާއަށް އެކިފަރާތްތަކުންދިން އެކާވީސް ޙަމަލައެއް ހުއްޓުވައި ރަށް ދިފާޢުކޮށްދީފައެވެ."

ޤުސްޠަންޠީނިއްޔާ ފަތަޙުކުރުމަށްޓަކައި ބޮޑުބަޑިން އެފާރުތަކަށް ކާމިޔާބު ޙަމަލަތަކެއް ދޭންޖެހެއެވެ. ބޮޑުބަޑި އީޖާދުކުރެވުނީ އޭގެ ކުޑަދުވަސްކޮޅެއް ކުރީންނެވެ. ތުރުކިޔޭއިންނާއި މަސީޙީން އޭރުވަނީ ހަނގުރާމަތަކުގައި ބޮޑުބަޑި ބޭނުންކުރާން ފަށައިފައެވެ. سـلطـــان محمّـــد ثــانـــــى ދެކެވަޑައިގެންނެވިގޮތުގައި އެޒަމާނުގައި ޢާންމުކޮށް ބޭނުންކުރާ ބޮޑުބަޑިތައް ޤުސްޠަންޠީނިއްޔާގެ ފާރުތަކަށް ޙަމަލަދޭކަށެއް ނުފުދެއެވެ. އެހެންކަމުން سـلطـــان محمّـــد ބަޑިހެދުމުގެ އިންޖިނޭރެއްކަމުގައިވާ އުރުބަން (Uruban) ލައްވައި ބޮޑުބަޑީގެ ބޮޑެތި ސާދަ ބެޓެރި ހެއްދެވިއެވެ. އޭނާއަކީ ޢީސާއީ އިންޖިނޭރެކެވެ. ހަންގޭރީގެ މީހެކެވެ. އޭނާ ބައިޒެންޓެއިނުންގެ ވަޒީފާ ދޫކޮށްލައިފައި سـلطـــان محمّـــد ގެ އަރިހަށް އައީއެވެ.

އުރުބަން سـلطـــان محمّـــد އަށް ހަދައިދިން ބަޑިތަކަކީ އޭގެ ސައިޒަށް ބަލާއިރުވެސް ހިފޭބޭނުމަށް ބަލާއިރުވެސް އެޒަމާނުގައި ނާދިރު މިސާލެކެވެ. އޭނާ އަލަށްހެދި ބަޑީގެ އުންޑައިގެ ވަށަމިނުގައި ދޭއްބައި ފޫޓު ހުރެއެވެ. މޭލަކަށްވުރެ ދުރަށް އުންޑަ ފޮނުވައިލެވެއެވެ. އެބަޑިތަކުގެ ބެޓެރީއެއް ދަމާފައި އެއްތަނުން އަނެއްތަނަށް ގެންދަން ހަތްސަތޭކަ މީހުން ބޭނުންވެއެވެ. (އެއިން ކޮންމެ ބެޓެރީއެއްގައި ދުއިސައްތަ ބޮޑުބަޑި ހިމެނެއެވެ.)

ބޭރޮންކާރާޑިވޯ ލިޔުއްވި ފޮތެއްކަމުގައިވާ "މުފައްކިރީން އިސްލާމް" ގެ އެއްވަނަބައިގައި سـلطـــان محمّـــد الــفــاتــــح ގެ ވާހަކައިގައި ލިޔުއްވައިފައިވެއެވެ. އެދުވަސްވަރަކީ ބޮޑުބަޑި އަލަށް އީޖާދުކުރެވުނު ދުވަސްވަރެވެ. އޭނާ މަސައްކަތްކުރެއްވީ އެދުވަސްވަރު އުފެއްދޭނެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑެތި ބަޑިތަކެއް އުފެއްދެވުމަށެވެ. އޭނާ އެކަމަށްޓަކައި ހަންގޭރީގެ އިންޖިނޭރެއްގެ ޚިދުމަތް ހޯއްދެވިއެވެ. އެ އިންޖިނޭރު އީޖާދުކުރި ބަޑިން ތިންސަތޭކަ ރާތަލުގެ ބަރުދަންހުރި އުންޑަ ފޮނުވައިލެވެއެވެ. އެއްމޭލަށްވުރެ ދުރަށް ޙަމަލަދެވެއެވެ. (އަޅުގަނޑުގެ އިސްތަންބޫލު ދަތުރުގައި އޭގެތެރެއިން ބައެއް ބަޑި ދުށީމެވެ.) އެއިން ބަޑިޔެއް (ބެޓެރީއެއް) ދަމައިފައި އެއްތަނުން އަނެއްތަނަށް ގެންދާން ހަތްސަތޭކަ މީހުން ބޭނުންވެއެވެ. އުންޑަނިވާލި އަޅާން ދެގަޑިއިރު ބޭނުންވެއެވެ. (އިންސާނީ ދުންޔާޕަރެ މުސަލްމާނޫންކޭ ޢުރޫޖު ވަޒަވާލްކާ އަސަރު: مـــولانــا ســيـّـد أبـــوالحســـن عــلــــى نـــدوى) އެމެރިކާގެ މަޝްހޫރު މުއައްރިޚު އަދި ޕްރޮފެސަރ ވިލް ޑްރަންޓް ލިޔުއްވާގޮތުގައި އެބަޑީން ފޮނުވޭ ވަޒަނުގެ ބަރުދަނަކީ ހަސަތޭކަ ރާތަލެވެ. (ތަހްޒީބުކީ ކަހާނީ، ޖިލްދު: 6، ޞަފުޙާ: 182)

މިދެންނެވި ވަރުގަދަ ބޮޑުބަޑީގެ އިތުރަށް ތަންކޮޅެއް ލުއި އަދި ފަސޭހައިން އެއްތަނުން އަނެއްތަނަށް ގެންދެވޭ ބޮޑުބަޑިތަކެއްވެސް سـلطـــان محمّـــد ހެއްދުވިއެވެ. سـلطـــان محمّـــد ثــانـــــى ޤުސްޠަންޠީނިއްޔާ ޙިޞާރުކުރެއްވުމަށްޓަކައި 180 ނަވުގެ އަރުމާދެއްވެސް ތައްޔާރުކުރެއްވިއެވެ. سـلطـــان محمّـــد މިބާވަތުގެ ހުރިހައި މަސައްކަތްޕުޅުތަކެއްވެސް ހިންގެވީ ޚުދު އޭނާގެ ބެއްލެވުމުގެ ދަށުންނެވެ. (ޞަފުޙާ: 106 - 108)

ދުޝްމިނުންގެ ރައްކައުތެރިކަމުގެ ފިޔަވަޅުތައް

އެއްކޮޅުން މުސްލިމުން ޤުސްޠަންޠީނިއްޔާއަށް ޙަމަލަދޭން ތައްޔާރުވަމުންދިޔައިރު އަނެއްކޮޅުން ރޫމީންވެސް ގެންދިޔައީ ރައްކައުތެރިކަމުގެ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ފޯރުމާލާއި ކާބޯތަކެތި ހައްދެއްނެތް މިންވަރަށް ޤުސްޠަންޠީނިއްޔާއަށް ޖަމާކުރިއެވެ. ޔޫރަޕުގެ ޤައުމުތަކުންވެސް ކޮންމެވެސްވަރަކަށް އެހީ ފޮނުވަމުން ގެންދިޔައެވެ. ޔޫރަޕުގެ ޤައުމުތަކުން ފޮނުވަމުން ގެންދިޔައީ ހުސްއެކަނި ހަނގުރާމަވެރީން ލައިފުރައިފައިވާ ނައުފަހަރެއް ނޫނެވެ. ޢަސްކަރީ ފޯރުމާލާއި ކާބޯތަކެތި ބަރުކޮށްފައިވާ ބައްތެލިފަހަރުވެސް ފޮނުވަމުން ގެންދިޔައެވެ. ޔޫރަޕުގެ ޤައުމުތަކުން ޚާއްޞަކޮށް އިޓަލީން ތަޖުރިބާކާރު ޢަސްކަރީ މާހިރުންނާއި އިންޖިނޭރުންނާއި ރާނާމީހުންވެސް ފޮނުވަމުން ދިޔައެވެ. އެބައިމީހުން ޤުސްޠަންޠީނިއްޔާގެ ރަށްބޭރު ފާރުތަކާއި ބުރުޒުތަކުގެ އާބާތުރަ ފިލުވައި މަރާމާތުކޮށް ވަރުގަދަކުރަމުން ގެންދިޔައެވެ. ކަނޑުމަގުން ބަނދަރަށް ވަދެވޭ ކަނޑިންމައިގެ ދެފަރާތުން ވަރުގަދަ ޗޭނެއް އެޅިއެވެ. އެޗޭނުގެ ދެކޮޅުވަނީ ކަނޑިންމައިގެ ދެފަރާތަށް ހަރުކޮށްފައެވެ. އެހެންކަމުން ބަނދަރަށް ވަދެވޭނީ ރަށުމީހުން ވެއްދި ނަވަކަށެވެ. ކަނޑިންމަ ބަންދުކުރާން ބޭނުންވުމުން ދެކޮޅުން ޗޭނަށްދަމައި ވާންކޮށްލަނީއެވެ. ރަށުގެ އަހްލުވެރީން ނަވެއް ވައްދާން ބޭނުންވެއްޖެނަމަ ޗޭނަށް ދޫދީ ކަނޑުގެ އަޑިޔަށް ފައްތައިލަނީއެވެ. ވައްދާން ބޭނުންވާ ނަވެއް އެތެރެޔަށް ވަނުމުން އަނެއްކާވެސް ދެކޮޅުން ދަމައި ޗޭނަށް ވާންކޮށްލަނީއެވެ. ބޭރުބައެއްގެ ނަވަކަށް އެ ކަނޑިންމައިން ވަދެވުމަކީ މުސްތަޙީލު ކަމެކެވެ. އެދިމާއިން ރަށުގެ ފާރުހުންނަނީ ސާދަމޭލުގެ ދިގުމިނުގެ ވަށްބުރެއްގެ އެއްފަޅިގޮތަށެވެ. ނުހަނު ގަދަފަދައެވެ. އެފާރަކީ ގިރާކުރެވުން އެކަށީގެންނުވާ ފާރެކެވެ. ބަނދަރާވީ ފަރާތުން ފާރު ތަންކޮޅެއް ތިރިއެވެ. ފާރުހުރީ ހިސާބަކަށް ދޭސީވެސްވެފައެވެ. ކަނޑާވީ ފަރާތުން ޙަމަލައެއް އަތުވެދާނެކަމަށް ނުވަތަ ރަށް ޙިޞާރުކޮށްފާނެކަމުގެ ކުޑަވެސް އެކަށޭނަކަމެއް ނެތުމާއެކު އެފާރު ވަރުގަދަކުރާން ސަމާލުކަން ނުދެވޭތީއެވެ. ފާރުގެ ހުރިހައި ފަރާތަކުންވެސް ކަޑައްތުނުކުރޭވަރުގެ ޚަންދަޤުތައް އޮތެވެ. ގަދަފަދަ ބުރުޒުތައް ހުއްޓެވެ. ވަރުގަދަ ބޮޑުބަޑިތައް ދުއްދައިފައި ހުއްޓެވެ. ތީރުވެރީންގެ ގަދަފަދަ ގެމަތައްވަނީ ޢައްޔަންކޮށްފައެވެ. ދެފަރާތުގެ ފާރުގައިވެސް ބޮޑުބަޑީގެ ޙަމަލައަކުން ވެއްޓިދާނެހެން ހީވާދިމަދިމާވާނީ އަލުން ރާނައި ވަރުގަދަކޮށްފައެވެ. ޤުސްޠަންޠީނިއްޔާގެ ދިފާޢަށްޓަކައި އަޅާން ބޭނުން ހުރިހައި ފިޔަވަޅުތަކެއްވަނީ އެންމެފުރިހަމަޔަށް އަޅައިފައެވެ.

(ނުނިމޭ)