(1 ޖޫންގެ އަދަދާ ގުޅޭ)

ރަޙްމަތުގެ ދީނާއި ޢީސާއިއްޔަތުގައި އެއްގޮތް ކަންތައްތަކެއް ހުރެއެވެ. ޚާއްޞަކޮށް މައްކީ ދައުރުގައި މުސްލިމުންގެ ޤިބްލައަކީ ބައިތުލްމަޤްދިސެވެ. މަދަނީ ދައުރުގެ ކުރީކޮޅުގައިވެސް ދުވަސްތަކެއް ވާންދެން މުސްލިމުން ނަމާދުކުރީ ބައިތުލްމަޤްދިސަށް ކުރިމަތިލައިގެންނެވެ. އެހެންކަމުން قـــــريـش ންނަށް ހީވެފައިއޮތީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މުހިންމަތަކީ ޢީސާއީ ދީން ފެތުރުއްވުން ކަމުގައެވެ.

ހަތަރުވަނަ ސަބަބު:

ވަރަށްބޮޑު އަނެއް ސަބަބަކީ قـــــريـش ވަންހައިގެ ޤަބީލާތަކުގެ މެދުގައި އޮންނަ ޚާންދާނީ ވާދަވެރިކަމެވެ. قـــــريـش ވަންހައިގެ ދަރިކޮޅުތަކުގެ ތެރެއިން بـــنــــى هـــاشــــم އާއި بـــنــــى أمـــيّــــة އަކީ عــبـــد مـــنـــــاف ވަންހައިގެ ދެދަރިކޮޅެވެ. ޢިއްޒަތާއި ޝަރަފުގެގޮތުން ތިލަފަތްހަމަ ދެވަންހައެވެ. ފެށުނީއްސުރެ ވެރިކަމާއި ސިޔާދަތު ހޯދާން ވާދަކުރަމުން އަންނަ ދެވަންހައެވެ. عــبـــدالمطّــلــب ގެފާނުގެ ދައުރުގައި އެކަލޭގެފާނުގެ ޝަޚްޞިއްޔަތާއި ސިޔާސަތާއި ޢާންމުންގެ ކުރިމަތީގައި އެކަލޭގެފާނުގެ މަޤްބޫލުކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ هـــاشــــم ވަންހައިގެކޮޅަށް ތިލަފަތް ބަރުކުރައްވައިފައެވެ. އެކަމަކު عــبـــدالمطّــلــب ގެފާނު އަވަހާރަވުމުން هـــاشــــم ވަންހަޔަކު އެކަލޭގެފާނުފަދަ ޝަޚްޞިއްޔަތެއް ނެތެވެ. أبـــوطــالــب ގެފާނަކީ މުއްސަނދިފުޅު ބޭކަލެއް ނޫނެވެ. عــبّـــاس ގެފާނަކީ މުއްސަނދިފުޅު ބޭކަލެކެވެ. އެކަމަކު ދީލަތިފުޅު ބޭކަލެއް ނޫނެވެ. أبـــولــهب އަކީ ޚުލުޤު ނުބައި ފާޖިރެކެވެ. އެހެންކަމުން بـــنــــى أمـــيّــــة ގެ ބާރުވެރިކަން އައީ އިތުރުވަމުންނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ނުބުއްވަތާމެދު بـــنــــى أمـــيّــــة ވަންހައިގެ މީހުން ދުށީ އެބައިމީހުންގެ ވާދަވެރި هـــاشــــم ވަންހަޔަށް ލިބޭ ވަރަށްބޮޑު ފަތަޙައެއް ކަމުގައެވެ. އެހެންކަމުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ދެކޮޅަށް އެވަންހައިން ގެންދިޔައީ "ބަނޑާއި ބުރަކަށީން އަޑުކިޔާވަރަށް" ހިފަމުންނެވެ. ބަދުރު ހަނގުރާމަ ފިޔަވައި އިސްލާމީ ތަޙްރީކާ ދެކޮޅަށް މައްކާގެ މުޝްރިކުން ކުރި ހުރިހައި ހަނގުރާމަތަކެއްގެ ފަލީތާ ރޯކުރީ أمـــيّــــة ވަންހައިގެ ރައީސް أبـــوسفـيــــان އެވެ. އެހަނގުރާމަ ތަކުގައި قـــــريـش ންގެ ކޮމާންޑަރ އިން ޗީފަކީ أبـــوسفـيــــان އެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އެންމެބޮޑު ދުޝްމިނަކީ عــقـبــــة بــــن أبـــــى مـعـيط އެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ނަމާދުކުރައްވާން ސަޖިދައިގައި އޮންނަވަނިކޮށް އެމާތް ސާހިބާގެ ބުރިކަށިފުޅުމައްޗަށް ޖަމަލެއްގެ ނަޖިހާއެކުހުރި ގޮހޮރުތަކެއް ގެނެސް އަޅައިލީ އެކަލޭގެއެވެ. އޭނާއަކީވެސް އުމަވީއެކެވެ.

بـــنــــى أمـــيّــــة ގެ މީހުން ފިޔަވައި هـــاشــــم ވަންހަޔާ ފިލިވަތް ހަމަކަމަށް ދަޢުވާކުރާ އަނެއް ވަންހަޔަކީ مخـــــزوم ވަންހައެވެ. ولــيــد بـــن المــغــــيـــرة އަކީ އެވަންހައިގެ ރައީސެވެ. އެހެންކަމުން އެވަންހައިގެ މީހުންވެސް رحـمــة لّـلعــالمــيـــن ގެ ތަޙްރީކާ ދެކޮޅަށް ކަށީގެމަދުން ހިތްވަރު ނެރެގެން ތެދުވެ މަސައްކަތް ކުރިއެވެ. ވަންހައިގެ ވާދަވެރިކަމުގައެވެ. مخـــــزوم ވަންހައިގެ މީހުންގެ އެ ނަފުސިއްޔާތު أبــــو جــهـــل ގެ ބަޔާނަކުން އެނގޭން އެބައޮތެވެ.

އެއްފަހަރަކު أَخْـنَسُ بِــــنْ شُـــرَيـْـقُ، أبــــو جــهـــل އާ ބައްދަލުކޮށް އޭނާއާ ސުވާލުކުރިއެވެ. "محــمّــــد އާމެދު (صــلّـــــى اللّــــه عــلـيــــه وســلّـــــم) ތިބާގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟" أبــــو جــهـــل ޖަވާބު ދިނެވެ. "އަހަރެމެންނާ بـــنــــى عــبـــد مـــنـــــاف އަކީ އަބަދުވެސް އެއްހަމައެއްގައި ވާދަކުރާ ވާދަވެރީންނެވެ. އެބައިމީހުން މީހުންނަށް މެހްމާންދާރީ ކުރެއެވެ. އަހަރެމެންވެސް އެކަން ކުރީމުއެވެ. އެބައިމީހުން މީހުންގެ މަރުގެދިޔަ އަދާކޮށްދެއެވެ. އަހަރެމެންވެސް އެކަން ކުރީމުއެވެ. އެބައިމީހުން ދީލަތިވިއެވެ. އަހަރެމެން އެބައިމީހުނަށްވުރެ ދީލަތިވީމުއެވެ. އެބައިމީހުންނާ ކޮނޑާއި ކޮނޑު ޖައްސައިލައިގެން ތިބެވޭވޭ ވަރަށެވެ. މިހާރު بـــنــــى هـــاشــــم އެ ދަޢުވާކުރަނީ ނަބީކަމަށެވެ. ކަލާނގެ ރަސްކަންފުޅު ގަންދެމެވެ. އަހަރެމެން ފަހަރެއްގައިވެސް هـــاشــــم ވަންހައިގެ ނަބިއްޔާއަކަށް އީމާނެއް ނުވާހުށީމުއެވެ." (إبـــن هشــام ޞަފުޙާ 108 - މަޠުބޫޢާ މިސުރު)

ފަސްވަނަ ސަބަބު:

قـــــريـش ން رحـمــة لّـلعــالمــيـــن ގެ ތަޙްރީކާ ދެކޮޅުހެދި މުހިންމު އަނެއް ސަބަބަކީ އެދުވަސްވަރު قـــــريـش ވަންހައިގެ ބޮޑުންގެ ތެރޭގައި ޢާންމުވެފައިއޮތް ޚުލުޤު ނުބައިކަމެވެ. ފާސިޤުކަމާއި ފާޖިރުކަމެކެވެ. މުޑުދާރުކަމެވެ. قـــــريـش ންގެ ބޮޑެތިބޮޑެތި ތަނބުތައް ކަމުގައިވާ މީހުންނަކީ ނުހަނު މުޑުދާރު ބަޔެކެވެ. އެބައިމީހުން ގެންދިޔައީ ނުހަނު ދަށުދަރަޖައިގެ ފާސިދު ޢަމަލުތައް ކުރަމުންނެވެ. އިސްވެދެންނެވި ފަދައިން هـــاشــــم ވަންހައިގެ އެންމެ ކުރިޔަށްހުރި އެކަކީ أبـــولــهب އެވެ. އޭނާ ވަނީ ގެފުޅުގެ ޚަޒާނާގައި ހިމެނޭ ރަނުގެ ފުއްލާއެއް ވަގަށްނަގައި ވިއްކައިލައިފައެވެ. أَخْـنَسُ بِــــنْ شُـــرَيـْـقُ އަކީ زهـــــــــرة ވަންހައިގެ ޙަލީފެކެވެ. ޢަރަބީންގެ ރައީސުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާއަކީ ދެބައޮޑުވާ މީހެކެވެ. ކައްޒާބެކެވެ. نـضــــر بـــن حـــارث އަކީ ދޮގުހަދަން އެފަދަ ދެވަނައެއް ނެތްފަދަ މީހެކެވެ. ވަކި ސަހަލު މީހަކު ނެތެވެ. ބޮޑުން ސާހިބުންގެ އެންމެންނަކީވެސް (ހާލަކުން މީހަކު ފިޔަވައި) އެކި ބާވަތްބާވަތުގެ ދަށުދަރަޖައިގެ އަޚްލާޤީ ޚަޞީލަތްތަކުގެ މީހުންނެވެ. މުޑުދާރު މީހުންނެވެ.

ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ބުދަށް އަޅުކަންކުރުމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދެވިއިރު ހަމަ އެނޭވާފުޅުގައި ގެންދެވީ قـــــريـش ންގެ ބޮޑުންގެ މުޑުދާރުކަމަށާއި ފާސިދުކަމަށާއި ފާޖިރުކަމަށްވެސް ފާޅުގައި ފާޑުވިދާޅުވަމުންނެވެ. އިތުރު ސާހިބާ ގެންދެވީ އެބައިމީހުންގެ "ބަތާނަފުށް" ހާމަކުރައްވަމުންނެވެ. އިޞްލާޙަށް ގޮވައިލައްވަމުންނެވެ. ނަތީޖާއެއްގެގޮތުން އެބައިމީހުންގެ އައުދާނަކަމާއި ފުރަދާނަކަމަށް އައީ ލޮޅުން އަރަމުންނެވެ. އަރަހުށި މާތް اللّــــه ކީރިތި ޤުރްއާނުގައިވެސް މިމޭރުމުގެ އާޔަތްތައް ބާވައިލައްވަމުން ގެންދެވިއެވެ.

"އަދި ގިނަގިނައިން ހުވާކޮށްހަދާ އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައި ނުގަންނަވާށެވެ. (އެއީ) ޣީބަބުނެހަދާ ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ. ހެޔޮކަންތައް މަނާކުރުންގިނަ، ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ މީހާއެވެ. ހިތްހަރު މީހާއެވެ. އެހުރިހައިކަމަކަށްފަހު، ބަފައި ނުކަށަވަރު ދަރިޔެކެވެ. އޭނާއީ މުދައުވެރި، އަދި ދަރީންތިބި މީހަކަށްވީތީއެވެ." (الـــقـــلـــم: 14-10)

އަދިވެސް މިމޭރުމުގެ އެހެން އާޔަތެއްގައިވެއެވެ.

"ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންރަސްކަލާނގެ އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ. އެއީ ދޮގުވެރި ކުށްވެރި ނިތްގަނޑެކެވެ." (الــعــلــــق: 15، 16)

އެތައް ޒަމާނަކުއްސުރެ ޢަރަބީންގެ މެދުގައި އަށަގަނެ ޢާންމުވެފައިއޮތް ވެރިކަމާއި މުދާވެރިކަމުގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން އެބައިމީހުން ކުކުރައިލަނީވެސް ވަރަށްވެސް ބާރުހުރި ގޮތެއްގައި އެބައިމީހުނާ މުޚާޠަބު ކޮށްގެންނެވެ. އެހެންކަމުން އެފަދަ މޭރުމަކުންވެސް ކީރިތި ޤުރްއާނުގައި ބައެއްފަހަރު ވަނީ މުޚާޠަބު ކުރައްވައިފައެވެ.

"ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރީން ތިމަންރަސްކަލާނގެ އޭނާއަށް ދެއްވީމެވެ. އަދި (ދުނިޔޭގެ ހުރިހައި ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާއަށް ފަސޭހަކޮށްދެއްވީމެވެ. ދެންވެސް އޭނާ އެދެނީ ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން އޭނާވީ، ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ." (المــــدّثـــــر: 16-11)

މިމާތް އާޔަތްތަކުގައި ޚިޠާބުކުރައްވައިފައި އެވަނީ قـــــريـش ވަންހައިގެ ވެރިޔާ ولــيــد بـــن المــغــــيـــرة އަށެވެ. މިބަސްފުޅުތައް އިންސާނުންނަށް އަޑުއިއްވެވީ ބޭރުފުށުން ފެންނަގޮތުގައި އެއްވެސް ޖާހެއް ޝާނުޝައުކަތެއްނެތް ފަރާތްޕުޅެއްގެ ދޫފުޅުންނެވެ. އަނެއްކޮޅުން މުޚާޠަބު ކުރެވުނު ފަރާތަކީ قـــــريـش ން ފިޔަވައި އެހެން އެންމެހައި ޢަރަބީންގެ މައްޗަށްވެސް އެމީހެއްގެ ނުފޫޒު އޮތްމީހެކެވެ. ޢަރަބީން ހީކުރާގޮތުގައި އެބައިމީހުން އަޅުކަން ކުރުމުގެގޮތުން މޫނުކާއްތާ ބުދުތަކަކީ رحـمــة لّـلعــالمــيـــن ގެ ތަޙްރީކާއި އެ ތަޙްރީކުގެ ޤާއިދުގެ ނަންފުޅާއި ނިޝާންވެސް ފޮހެލެވޭފަދަ ބާރުހުރި ފަރާތެކެވެ. އެހެންކަމުން އެފަރާތާ ބެހޭގޮތުން ވަޙީކުރައްވައިފައިވެއެވެ.

(ނުނިމޭ)