(15 ޖޫންގެ އަދަދާ ގުޅޭ)
أبـــوطــالــب ގެފާނު އެހެން ވިދާޅުވުމަށްފަހު بـــنـــو هـــاشــــم އާއި بـــنـــو مـطّــلــب ގެ އެންމެން އެކަލޭގެފާނުގެ ގެކޮޅަށް ގެންނެވިއެވެ. އެކަލޭގެފާނު ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ދެއްކެވި ވާހަކަފުޅާއި އިތުރު ސާހިބާގެ މައުޤިފު ބަޔާންކޮށްދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "ކޮންމެހެނެއްވިޔަސް އަހަރެމެން އެންމެންވެގެން އަހަރެމެންގެ އަޚާ ޙިމާޔަތްކުރާން ޖެހޭނެއެވެ. (حــــيــات محــمّــــد صــلّـــــى اللّــــه عــلـيــــه وســلّـــــم، محــمّــــدحَسَـنَــيْــنِ هـيـكـــل)
قـــــريـش ންގެ ފުރައްސާރަކުރުމާއި އަނިޔާވެރިކަން
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ރަޙްމަތުގެ ދަޢުވަތަށް ކުޑައިކޮށްވެސް ދުލެއް ނުދެއްވައެވެ. ފިސާރި ސާބިތުކަމާއެކު ގެންދެވީ قـــــريـش ންގެ ޝިރުކުގެ ފިކުރިއްޔާތަށް ވަރުގަދަޔަކަށް ފާޑުވިދާޅުވަމުންނެވެ. ބުދަށް އަޅުކަންކުރުމުގައިހުރި ދެކޮޅު ނުޖެހޭކަން ބަޔާންކޮށްދެއްވަމުންނެވެ. قـــــريـش ންގެ ބޮޑުންގެ ހުރި ފާޖިރުކަމާއި ފާސިޤުކަމާއި މުޑުދާރުކަމަށް ފާޅުގައި ތަންޤީދު ކުރައްވަމުންނެވެ. ޙުއްޖަތާއި ދަލީލުތައް ދައްކަވަމުންނެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވާހަކަފުޅަށް އަރުވާނެ ޖަވާބެއް قـــــريـش ންގެ ކިބަޔަކު ނުހުރެއެވެ. ނަތީޖާއެއްގެގޮތުން އެބައިމީހުންގެ ގާތަށް އަންނަނީ އަމަށަކު ރުޅިޔެއްނޫނެވެ. އެބައިމީހުންގެ ޢަޞަބިއްޔަތާއި ޣީރަތު ކެކިއުތުރިގަންނަނީ ވަކި ޙައްދެއް ނެތިއެވެ. ދެން އެބައިމީހުން ފަށައިގަތީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށާއި އެމާތް ސާހިބާގެ ތަޙްރީކުގެ އެކުވެރީންނަށް ފުރައްސާރަ ކުރާށެވެ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އަނިޔާކުރާށެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ނުވަތަ ޞަޙާބީންގެ ބޭކަލަކު މަގެއްގެމަތީން ހިންގަވައިފައި ވަޑައިގަންނަވާތަން ފެންނައިރަށްވެސް މުޝްރިކުން ސިބިބިލައްވާން ފަށައެވެ. އެކަކު އަނެކަކަށް ލޮލުންނާއި އިނގިލީން އިޝާރާތްކޮށްފައި ޖެއްސުމުގެ ވާހަކަތައް ދައްކާން ފަށައެވެ. އެއުރެންގެ މަޤްޞަދަކީ ރަޙްމަތުގެ ނަބިއްޔާއަށް ފުރައްސާރަކޮށްގެން އެމާތް ސާހިބާގެ ހިތްޕުޅު މަރައިލުމެވެ. އެމާތް ސާހިބާގެ ހިތްވަރުފުޅު އެލުވައިލެވޭތޯ ބެލުމެވެ. ނަމަވެސް قـــــريـش ންގެ މަޤްޞަދުގައި ކާމިޔާބުވާގޮތެއް ނުވެއެވެ. قـــــريـش ންނަކީ އެބައިމީހުންގެ އާރާއި ބާރާއި މުދާ ގިނަކަމާމެދު އިންތިހާދަރަޖަޔަށް ފަޚުރުވެރިވާ ބަޔެކެވެ. ތިމާމެންގެ ދުރުވިސްނުމާއި ޙިކުމަތާމެދު އިންތިހާދަރަޖަޔަށް ބޮޑާވެ ހެއްސޯހެދޭ ބަޔަކެވެ. އެކަމަކުވެސް އެބައިމީހުން ދައްކާ އިދިކީލިކަމަކުން އެއްވެސްވަރެއްގެ ކާމިޔާބެއް ނުލިބެއެވެ. ސިޔާސަތުގެ ރާޒުވާގައި ހައްތާވެސް ސައިވަނީ އެބައިމީހުންނެވެ. ނަތީޖާއަކަށްވީ قـــــريـش ންގެ ގާތަށް އަންނަ ސިނގުރުޅީގައި އަނިޔާވެރިކަމުގެ ހަތިޔާރު ބޭނުންކުރާން ފެށުމެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާއި އެމާތް ސާހިބާގެ އެކުވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައްކާގެ އެއްވެސް އަޝްރާފަކާ ދެކޮޅަށް قـــــريـش ންނަކަށް ހަތިޔާރު ބޭނުންކުރާކަށެއް ނުކެރެއެވެ. قـــــريـش ން ކުޑަވެސް ހިތެއް ފިތެއްނެތި އެބައިމީހުންގެ ހައްދެއްނެތް އަނިޔާވެރިކަމުގެ އުޑީގައި ފިސްކުރާންފެށީ މުސްލިމުންގެ ތެރޭގައި ތިއްބެވި މުޖްތަމަޢުގައި އާރެއް ބާރެއްނެތް ބޭބޭކައުކަނބަލުންނެވެ. މުސްލިމުންގެ ތެރޭގައި ތިއްބެވި قـــــريـشــى އަޝްރާފުންނަށް އަނިޔާކުރާން ފަށައިގަތީ ޚުދު އެބޭކަލުންގެ ވަންހަތަކުންނެވެ.
قـــــريـش ންގެ އަނިޔާވެރިކަމާއި ފުރައްސާރަކުރުމުގެ އެންމެފުރަތަމަ ބާބަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ސުލޫކާމެދު އެހައިތަނަށް މައްކާގެ އަހްލުވެރީންގެ މެދުގައި އުފެދިފައިއޮތް އިތުބާރާއި އެމާތް ސާހިބާގެ ރީތި ނަންފުޅު ކިލަނބުކުރާން ހޭބޯނާރައި މަސައްކަތްކުރުމެވެ. އެގޮތުން قـــــريـش ންގެ ޕްރޮޕެގެންޑާގެ މާހިރުން ގެންދިޔައީ ޙަޤީޤަތާ ޚިލާފު ލަޤަބުތައް އީޖާދުކުރަމުންނެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ އެބައިމީހުން މީސްތަކުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރެއެވެ.
"މިހިރައުޅޭ މީހާގެ ވާހަކަތައް އަޑުއަހަނީ ކީއްކުރާންހެއްޔެވެ؟ މީނާއަކީ "މުރުތައްދެކެވެ." (نــعــــوذ بـــاللّــــه) އަހަރެމެން ތަބާވެގެން މިތިބަ ކާބަފައިންގެ ދީނުން ބޭރުވެފައިހުރި މީހެކެވެ. އޭނާ އުޅެނީ ހައިރާންވާކަހަލަ އައުދީނެއް އީޖާދުކޮށްގެންނެވެ. އެދީނުގެ ޞައްޙަކަމުގެ އެއްވެސް ދަލީލެއް ނެތެވެ. މީނާއަކީ "ޞާބީ" އެކެވެ." އެދުވަސްވަރު ޞާބިއިއްޔަތަކީ މުޝްރިކުންގެ ތެރޭގައި ނުހަނު ބޮޑަށް ބަދުނާމުވެފައިވާ މަޒްހަބެކެވެ. އެދުވަސްވަރު މީހަކާ ދިމާޔަށް ޞާބީ އެކޭ ބުނުމަކީ މިޒަމާނުގައި މީހަކު މުސްލިމަކާ ދިމާޔަށް ޔަހޫދީއެކޭ ނުވަތަ ޚަވާރިޖެކޭ ނުވަތަ ނޭޗަރީއެކޭ ނުވަތަ ޓެރަރިސްޓެކޭ ބުނުމާ އެއްފަދަ ކަމެކެވެ. މައްކާގެ މަގުތަކާއި މަޖިލިސްތަކުގައި މުޝްރިކުން ގެންދިޔައީ ކޮންމެ މުސްލިމަކާ ދޭތެރޭގައިވެސް އެބާވަތުގެ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކުގެ ޑަނޑޫރާ ޖަހަމުންނެވެ. މުޝްރިކުން އުފައްދައިފައިވާ މިބާވަތުގެ ފުރައްސާރައިގެ ޠޫފާނުގެ ސަބަބުން މުސްލިމަކަށް މައްކާގެ މަގެއްގެ މައްޗަށް ބޯދިއްކޮށްލާކަށެއްވެސް ފަސޭހައެއް ނޫނެވެ. އެހެންކަމާއެކުވެސް ޙައްޤުގެ ދާޢީންގެ ހިތްވަރުފުޅަކަށް ބަދަލެއް ނާދެއެވެ. ޢަޒުމުފުޅަކަށް ގުޑުމެއް ނުވަތަ ލޮޅުމެއް ނާރައެވެ. އެހެނީ މީސްތަކުންނަށްޓަކައި މާތް اللّــــه އެއްވެސް ރަޙްމަތެއް ހުޅުއްވައިދެއްވާނަމަ އެ ރަޙްމަތްފުޅެއް ހިފެހެއްޓުމަކީ އެއްވެސް އިންސާނަކަށް ލާހިކު ކަމެއް ނޫނެވެ. (فــاطــــــر: 2) އެހެންކަމުން މުޝްރިކުން އީޖާދުކުރާ ކޮންމެ ބަދުބަހެއްގެ ވިހަކަން ދާދިއަވަހަށް ކެނޑިދެއެވެ. އަސަރެއްނެތް ޢާންމު ބަހަކަށް ވެދެއެވެ.
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ޤުރައިޝުން އީޖާދުކުރި ނުބައި ލަޤަބުތަކުގެ ތެރެއިން އެއްލަޤަބަކީ إبـــن أبـــــى كـبـشــة އެވެ. އިއްތިފާޤުން ދިމާވި ހާދިސާއެކެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ކިރުފޮދުގެ ބަފައިކަލުން حـــارث بـــن عــبــدالــعـــــزّى ގެ ވަނަންފުޅަކީ أبـــو كـبـشــة އެވެ. އެހެންކަމުން قـــــريـش ން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ތައުހީނުކުރުމުގެގޮތުން ބައެއްފަހަރު إبـــن أبـــــى كـبـشــة އެވެ ކިޔައި އުޅުނެވެ. ނަމަވެސް އިސްލާމީ ރަޙްމަތުގެ ތަޙްރީކާ ވިދިގެން قـــــريـش ން ކައުސާހިބާއަށް ފުރައްސާރަކުރުމުގެ ޠޫފާން އުފައްދައިލި ދުވަސްވަރު އެމާތް ސާހިބާއަށް إبـــن أبـــــى كـبـشــة ގެ ނަން ހަރުކުރާން މަސައްކަތްކުރީ ޢަރަބިކަރައިގައި އުފެދުނު ފާސިދު ޢަޤީދާއެއްގެ މީހަކާ ގުޅުވައިގެންނެވެ. އޭނާއަކީ ޢަރަބިކަރައިގައި ވަރަށްބޮޑަށް ބަދުނާމުވެ ނަން ހުތުރުވެފައިވާ މީހެކެވެ. އޭނާގެވެސް ވަނަމަކީ أبـــــى كـبـشــة އެވެ. އޭނާއަކީ ޢަރަބީންގެ ދީނީ ފިކުރިއްޔާތާ ޚިލާފަށް ޝިޢުރާ އެވެ ކިޔޭ ތަރިޔަށް އަޅުކަން ކޮށްއުޅުނު މީހެކެވެ. إبـــن أبـــــى كـبـشــة ގެ މާނައަކީ أبـــــى كـبـشــة ގެ ދަރިއެވެ. މިއީވެސް قـــــريـش ން އެބައިމީހުންގެ ތަޢައްސުބާއި "ޖަޒުބާތީ ކަރުހިއްކުން" ފިލުވުމަށްޓަކައި އީޖާދުކުރި ވަނަމެކެވެ.
ދަޢުވަތެއްގެ އިސްދާޢީއަކަށް ނުވަތަ ތަޙްރީކެއްގެ ނަޤީބަށް މިފަދަ ޙަމަލާތައް އަމާޒުކުރާއިރު އެބަޔެއްގެ މަޤްޞަދަކަށްވެފައި އޮންނަނީ އެމީހަކު މޮޅިކުރުވުމެވެ. ހިތްދަތި ކުރުވުމެވެ. ހިންމަތް ނައްތައިލުމެވެ. އެމީހަކާއި އެމީހެއްގެ ތަޙްރީކަށް ފުރަގަހުން ޙަމަލަދިނުމެވެ. އެ ތަޙްރީކެއްގެ ފޫދެމުން އަންނަ ދިޔަވަރު މަތަކުރާން ފީއިލޮށީން ބަންދެއް (ޑޭމެއް) ހެދުމެވެ. قـــــريـش ން މިގޮތަށް އުފައްދާ ކޮންމެ ވަނަމެއްގެ އައުކަން ކެނޑި ބައުވެ އަސަރު ކެނޑުމުން އަނެއްކާވެސް އައު ވަނަމެއް އުފައްދައެވެ. މިގޮތުން قـــــريـش ން އީޖާދުކުރި އެއްނަމަކީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަކީ މަޖްނޫނެކޭ (މޮޔައެކޭ) ގޮވުމެވެ. އެމާތް ސާހިބާއަކީ ޚަފްޤާނުބަލި ޖެހިވަޑައިގެންފައިވާ ބޭކަލެކޭ ގޮވުމެވެ. އެބަލީގެ އަސަރު ގަދަވާއިރު ބައެއްފަހަރު މަލާއިކަތުން ފެނިވަޑައިގަންނަވާ ކަމަށާއި، ވަޙީ އަންނަހެން ހީފުޅުވާ ކަމަށާއި ނަރަކައާއި ސުވަރުގޭގައި ސައިރުކުރެއްވޭހެން ހީފުޅުވާ ކަމުގައި އަޑުއެރުވުމެވެ. قـــــريـش ން މީހުންނަށް ވިސްނައިދެއެވެ. "ތިޔަބައިމީހުން އެ ބަލިމީހާ" ގެ ވާހަކަޔަށް ނުހެއްލޭށެވެ. قـــــريـش ން މިފަދަ ވާހަކަތައް ދައްކައި އުޅުނީ ހުސްއެކަނި އެމާތް ސާހިބާ ނުހުންނަވާ ތަންތަނަކު ނޫނެވެ. އެމާތް ސާހިބާގެ ކުރިފުޅުމަތީގައިވެސް އެފަދަ ލަޤަބުތަކުން ގޮވައި އުޅުނެވެ. އަރަހުށި މާތް اللّــــه ކީރިތި ޤުރްއާނުގައި ވަނީ އެކަން ބަޔާންކުރައްވައިފައެވެ.
"އެއުރެން ބުނެފޫއެވެ. އޭ قــــــرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނަކީ، މޮޔައެއްކަން ކަށަވަރެވެ." (اَلْحِــجُــــــرُ: 6)
قـــــريـش ންގެ މިބާވަތުގެ ނީހައިގެ ފުރައްސާރަތަކުގެ ނަންތަކަކީ އިތުރަށް މާދިގުކުރުމުގެ ފައިދާއެއް އޮތްކަމެއް ކަމަކަށް ނުފެނެއެވެ. އެހެންކަމުން މިވަރުން ފުއްދައިލަމެވެ.
ރަޙްމަތުގެ ދަޢުވަތުގެ މަލަމަތި ހުތުރުކުރާން އުޅުން
قـــــريـش ން ރަޙްމަތުގެ ތަޙްރީކާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ތެރެއިން އެއްކަމަކީ އެ ދަޢުވަތުގެ ރީތި ސިފަ ހުތުރުކުރާން މަސައްކަތް ކުރުމެވެ. މީސްތަކުންގެ ހިތްތަކުގައި އެ ދަޢުވަތާމެދު ޝައްކު އުފައްދާން ޙަޤީޤަތާ ޚިލާފު ޕްރޮޕެގެންޑާ ވާހަކަތައް ހަދަހަދައިގެން ފަތުރަމުން ގެންދިޔުމެވެ. އެބައިމީހުންގެ އެއްބޭނުމަކީ ރަޙްމަތުގެ ތަޙްރީކުގެ ދަޢުވަތާމެދު މީސްތަކުންނަށް ހަމަޖެހިލައިގެންތިބެ ވިސްނައިލާނެ ފުރުޞަތު ނުދިނުމެވެ. އެގޮތުން މުޝްރިކުން ކީރިތި قــــــرآن އާ ބެހޭގޮތުން އަޑުފަތުރަމުން ގެންދިޔައެވެ.
"އެކަލޭގެފާނު (އަމިއްލަފުޅަށް) އުފައްދަވައިގެން އުޅުއްވާ ދޮގެއްކަމުގައި މެނުވީ قــــــرآن ނުވެއެވެ. އަދި އެކަމުގެ މައްޗަށް އެހެންބަޔަކު އެކަލޭގެފާނަށް އެހީވޫއެވެ." (الــفــــرقــان: 4)
މުޝްރިކުން މިދަންނަވާ ގޮތަށްވެސް ވާހަކަ ދެއްކިއެވެ.
"އެކަލޭގެފާނަށް އުނގަންނައިދެނީ، ހަމަކަށަވަރުން، އިންސާނެކެވެ." (الـــنّــحــل: 103)
قـــــريـش ން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާމެދު އިޢުތިރާޟުކުރަމުން ބުނެފައިވެއެވެ.
"މި ރަސޫލާއަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު ކާތަކެތި ފަރީއްކުޅުއްވައެވެ. އަދި ބާޒާރުތަކުގައި ހިންގަވައި އުޅުއްވަތެވެ." (الــفــــرقــان: 7)
އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ވަނީ قـــــريـش ންގެ އިޢުތިރާޟުތަކަށް ވަރަށް ފުރިހަމަޔަށް ޖަވާބު ދެއްވައިފައެވެ. ބައެއްފަހަރު އެއުރެންގެ އިޢުތިރާޟުތައް ބަޔާންކުރެއްވުމާ އެކުގައެވެ. ބައެއްފަހަރު قـــــريـش ންގެ ވާހިޔާތުތަކަށް ޙަވާލާ ދެއްވުމެއް ނެތިއެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް