ކްރިސްޓިއާނޯ ރޮނާލްޑޯއަށް އައްނަސްރުން ދޭ މުސާރައަށްވުރެ މާބޮޑު މުސާރައެއް ދީގެން އާޖެންޓީނާގެ ލިއޯ މެސީ ގެންދަން ސައޫދީ އަރަބިޔާގެ އަލްހިލާލުން މަސައްކަތް ފަށައިފިއެވެ.
އަލްހިލާލަކީ އައްނަސްރުގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. ނޫސް ރިޕޯޓްތައް ބުނާގޮތުން އަލްހިލާލުން މެސީއަށް ހުށައަޅަން އުޅެނީ އަހަރަކު 279 މިލިޔަން ޔޫރޯގެ މުސާރައެކެވެ. ރޮނާލްޑޯއަށް އައްނަސްރުން ދެނީ އަހަރަކު 200 މިލިޔަން ޔޫރޯގެ މުސާރައެކެވެ. މެސީއަކީ މިހާރުވެސް ސައޫދީ އަރަބިޔާގެ ފަތުރުވެރިކަމުގެ އެމްބެސެޑަރެކެވެ. އެހެންވީމާ އޭނާ އަލްހިލާލަށް ގެނައުމުގެ ފުރުސަތު އެބައޮތްކަމަށް އެކުލަބުން ދެކެއެވެ. މެސީ މިވަގުތު ހުރީ ފްރާންސްގެ ޕީއެސްޖީގެ ކޮންޓްރެކްޓެއްގައެވެ. އެކަމަކު މިއަހަރުގެ ޖޫންމަހު އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނެއެވެ.
އުމުރުން 35 އަހަރުވީ މެސީގެ ސޮއި އަލްހިލާލުން ހޯދައިފިނަމަ އެއީ އެކުލަބަށް ލިބޭނޭ ވަރަށްވެސް ބޮޑު ކުރިއެރުމަކާއި މަޝްހޫރު ކަމެކެވެ. އަދި ސައޫދީ ފުޓްބޯޅަޔަށްވެސް ލިބޭނޭ ވަރަށް ބޮޑު ދިރުމެކެވެ. ސައޫދީ ލީގުގައި އަލްހިލާލާއި އައްނަސްރުގެ ކުރިމަތިލުމަކީ އެގައުމުގެ އެންމެ ބޮޑު މެޗުކަމަށްވާއިރު ރޮނާލްޑޯ އާއި މެސީގެ ސަބަބުން މިމެޗު މުޅި ދުނިޔޭގެ އެންމެންވެސް ބަލަން ބޭނުންވާ މެޗަކަށްވެ މާލީގޮތުން ނުހަނު ބޮޑު މަންފާއެއް މި ދެކުލަބަށާއި ސައޫދީ ލީގަށްވެސް ލިބޭނެއެވެ.
އަލްހިލާލަށް މެސީ އަދި ސޮއިނުކުރިއަސް މެސީ އާއި ރޮނާލްޑޯގެ އައު ކުރިމަތިލުމެއް ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގައި މިމަހު 19 ވަަނަ ދުވަހު އޮންނާނެއެވެ. މިއީ މެސީގެ ކުލަބްކަމަށްވާ ޕީއެސްޖީން މެދުއިރުމައްޗަށް ކުރާ ދަތުރެއްގައި ސައޫދީ ލީގުގެ އައްނަސްރާއި އަލްހިލާލުން ނެގޭ ޓީމަކާއެކު ކުޅޭ އެކުވެރިކަމުގެ މެޗެކެވެ. ސައޫދީ ލީގުން ނެގޭ ޓީމުގައި ރޮނާލްޑޯ ހިމެނޭއިރު ޕީއެސްޖީގެ ޓީމުގައި މެސީ ހިމެނޭނެއެވެ. މި މެޗުގެ ޓިކެޓް ވަނީ ވިކި ހުސްވެފައެވެ. ޓިކެޓްގެ އިންތިޒާރުގައި އަދިވެސް ދެ މިލިޔަން މީހުން އެބަތިއްބެވެ. ކަޅުބާޒާރުގައި ޓިކެޓްގެ އަގު އެތައް ލައްކަ ޑޮލަރަކަށް ވަނީ އުފުލިފައެވެ.