ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއަށް 40 އަހަރުން ފުރުން ފާހަގަކުރަން ކްރޮސްރޯޑްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ކާލް ވިދާޅުވީ، މިހާރު އޮތް ވާދަވެރިކަމުގެ މާހައުލުގައި އިތުރު އެހެން މާކެޓުތައް ހޯދަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ވާދަވެރިކަމަށް ބަލާއިރު އެބަޖެހޭ އާ މާކެޓުތައް ހޯދަން. އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ބީއެމްއެލްއިން ބައިނަލްއަގުވާމީ މައިދާނުގައި ހަރަކާތްތެރިވާނެ ކަމަށް. ބައިނަލްއަގުވާމީ މައިދާނުގައި އަދި ރާއްޖޭގައި ބޭންކް އޮފް މޯލްޑިވްސްއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ ނުކުންނަން މުހިންމު ކަމެއް. އަދި މުޅިންއާ ހިދުމަތްތަކެއް ތާއަރަފުކުރަން ޖެހޭ. ބޭރުގެ އާމްދަނީ ރާއްޖެއަށް ލިބޭނެ އިތުރު ގޮތް ހޯދަންޖެހޭ" ކާލް ވިދާޅުވިއެވެ.

ކާލް ވިދާޅުވީ ދުނިޔެ ޓެކްނޮލޮޖީ ގޮތުން ކުރިއަރަމުން އަންނައި،ރު ބީއެމްއެލްވެސް އެ ރޮގުން ކުރިއަރަން ޖެހޭ ކަމަށެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގެންދާއިރު، ސައިބާ ކްރައިމް އިތުރުވާނެ ކަމަށާއި އެކަން ހުއްޓުވުމަށް ބޭންކުގެ މުވައްޒަފުންނާއި ކަސްޓަމަރުން ހޭލުންތެރިކުރުވަން ޖެހޭކަމަށް ކާލް ވިދާޅުވިއެވެ.

ކާލް ވިދާޅުވީ ބޭންކުން ފޮރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު މިހާރަށްވުރެ ބޮޑަށް ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ފައިސާ ގެންގުޅުން އެއްކޮށް ހުއްޓި އޮންލައިންކޮށް މުއާމަލާތް ކުރުމަށް ބަދަލުވެގެންދާނެ ކަމަށާއި ރާއްޖޭގައި މިހާރު ގިނައިން މުއާމަލާތް ކުރަނީ އޮންލައިންކޮށް ކަމަށް ކާލް ވިދާޅުވިއެވެ.

"އަހަރަކަށް އަޅުގަނޑުމެން (ބީއެމްއެލް) އިން 7.8 މިލިއަން ޓްރާންސެކްޝަން ކުރޭ އޭޓީއެމް ނެޓްވޯކުން. 84 މިލިއަން ޓްރާންސެކްޓަން އިންޓަނެޓް މެދުވެރިކޮށް އަދި 38 މިލިއަން ޓްރާންސެކްޝަން ޕޮއިންޓް އޮފް ސޭލް (ކާޑް މެޝިން) އަހަރަކު ކުރޭ،" ކާލް ވިދާޅުވިއެވެ.

ކާލް ވިދާޅުވީ 63 ޕަސަންޓް ރާއްޖޭގެ ރައްޔިތުން އިންޓަނެޓް ބޭނުންކުރާ ކަމަށާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބީއެމްއެލްގެ މޯބައިލް ބޭންކިންއިން 63 މިލިއަން ފަހަރު ލޮގިންވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އަދި ބޭންކުން ޑިޖިޓަލް މުއާމަލާތްތައް ކުރިއަރުވައި ކަސްޓަމަރުންގެ އުއްމީދާ އެއްވަރަށް ހިދުމަތްތައް ފުޅާކުރަންޖެހޭ ކަމަށް ކާލް ވިދާޅުވިއެވެ.

"އެއީ އެންމެ މަހަކު 250،000 ޔޫޒަރުން. އެއީ ގާތްގަޑަކަށް އަހަރަކަށް ބަލާއިރު 800 މިލިއަން ލޮގިން،" ކާލް ވިދާޅުވިއެވެ.