ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ އެރަށު ކެނެރީގެ، އަލީ މުނީޒް، ޝަރުތުތަކާއެކު 100 ދުވަހަށް ބަންދުން ދޫކޮށްލައިފިއެވެ.

އަލީ މުނީޒުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާކޮށްފައެވެ. އެ ދައުވާތަކަށް އޭނާ އިންކާރުކުރެއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ، އަލީ މުނީޒުގެ ބަންދު މުރާޖާ ކުރުމާ ގުޅޭ އަޑުއެހުމެއް ބާއްވައިފައެވެ.

އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މުނީޒުގެ ސިއްހީ މައްސަލަތަކެއްގެ ޝަކުވާކޮށް، އެކަމުގެ ލިއެކިއުންތަކެއް އޭނާގެ ފަރާތުން ހުށައެޅި ކަމަށެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށްވެސް އޭނާއަށް ފަރުވާ ފޯރުކޮށްދެވުނު ނަމަވެސް، މިހާތަނަށްވެސް އޭނާގެ ބަލިމަޑުކަމަށް ފަރުވާއެއް ނުލިބި އޭނާގެ ހާލަތު އިންތިހާއަށް ގޯސްވެގެން ކަރެކްޝަންސްއިންވެސް ޕީޖީ އޮފީހަށް އެންގި ކަމަށެވެ. އެހެންވެ އޭނާއަށް ފަރުވާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، ޝަރުތުތަކާއެކު އޭނާ 100 ދުވަހަށް ބަންދުން ދޫކޮށްލުމަށް އެދޭ ކަމަށެވެ.

އަލީ މުނީޒުގެ ފަރާތުން ވަނީ ދައުލަތުގެ ޝަރުތުތަކަށް ބޯލަނބާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މާލޭގައި އޭނާއަށް ހުރެވޭނެ ތަނެއް ނެތް ކަމަށް ފާހަގަކޮށްފައިވެއެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ގާޒީ ވަނީ އަށް ޝަރުތެއް އޭނާގެ މައްޗަށް ކުރައްވައިފައެވެ. އޭގެ ތެރޭގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމާއި ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް ހާޒިރުވުމާއި ރޭގަނޑު 6:00 އިން ހެނދުނު 8:00 އަށް ސިއްހީ ފަރުވާ ފިޔަވައި އިތުރު ކަމެއްގައި ބޭރަށް ނުދިއުމާއި ޕީޖީ އޮފީހުގެ ހުއްދަ ނެތި މާލެ ސަރަޙައްދުން ބޭރަށް ނުދިއުން ހިމެނެއެވެ.

ކުށްތަކުގެ ތުހުމަތުވާ މީހުންނާއި މައްސަލައިގެ ހެކިބަސް ދޭ މީހުންނާ ބައްދަލު ނުކުރުމާއި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ ކަމުގެ ލިއުންތައް ކޮންމެ 15 ދުވަހަކުން ޕީޖީ އޮފީހާއި ކޯޓަށް ހުށައަޅަމުން ދިއުމުގެ އިތުރުން ފުލުހުން އަންގާ ގޮތެއްގެ މަތިން ހާޒިރުވެ، ސޮއި ކުރަންޖެހޭ އެއްޗެއްގައި ސޮއި ކުރުންވެސް ހިމެނެއެވެ.

ދައުލަތުން އެދިގެން 2021 ވަނަ އަހަރުވެސް މުނީޒް ވަނީ ބޭސް ފަރުވާއަށް މާލެއިން ބޭރަށް ނުދެވޭގޮތަށް ބަންދުން ދޫކޮށްލައިފައެވެ. ނަމަވެސް ހަރުކަށި ފިކުރުމުގެ މީހުންނާ ބައްދަލުކޮށް، ޝަރުތުތަކާ ހިލާފުވެފައިވުމުން، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާ ވަނީ އަލުން ޖަލު ބަންދަށް ބަދަލުކޮށްފައެވެ.