އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ހަފުތާ ބަންދުގައި ރައީސް ސޯލިހު އައްޑުއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ރަސްމީ ދެ އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެއީ ފޭދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައެވެ.

"މިއީ ކެމްޕޭން ދަތުރުފުޅެއް. މި ދަތުރުފުޅަށް ހަރަދުކުރާނީ ކެމްޕެއިން ޓީމުން،" މިއުވާން ވިދާޅުވިއެވެ.

ރައީސް އެންމެ ފަހުން އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗުގައެވެ. ރައީސް މާދަމާ އައްޑުއަށް ވަޑައިގަންނަވާ އިރު، އެ މަނިކުފާނުގެ ކެމްޕޭނަށް މި ހަފުތާގައި ވަނީ ބައެއް އަތޮޅުތަކަށް ވަޑައިގެން ކެމްޕޭން ކުރައްވައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާ އިރު، އެކަމަނިކުފާނާ ވާދަކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.