ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި އޭނާގެ ގާތިލް ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު މަރަން ކުރި ހުކުމް، އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތް ފަށަން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ. އަދި 30 ސެޕްޓެމްބަރު 2020 ގައި އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

މި ހުކުމް ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މައްސަަލައިގެ ފުރަތަމަ އަޑުއެހުމަށް ބާއްވަން އެ ކޯޓުގައި ތާވަލުކޮށްފައި ވަނީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާނީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ.