ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ކެމްޕޭންގައި ކުރައްވާ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވަމުން ނުގެންދަވާ ކަމަށާއި އެފަދަ ކަމެއް ފާހަގަވާނަމަ އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުއްވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ކެމްޕޭން ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވާ ކަމަށް އެ މަނިކުފާނާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް އެކަންތައްތައް ފާހަގަކުރާނީ މީޑިއާއިން ކަމަށް، މީގެ ކުރިން އެ މަނިކުފާނު ބޭއްވި ނޫސް ކޮންފަރެންސްގައި ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ރައީސް ސޯލިހު ކުރައްވާ ކެމްޕޭނު ދަތުރުތަކަށް ހަރަދު ކުރަނީ ކެމްޕޭނު ޓީމުން ކަމަށާއި ރައީސްގެ އެއްވެސް ކެމްޕޭން ދަތުރަކަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރައްވާފައި ނުވާ ކަމަށެވެ.

މިއުވާން ވިދާޅުވީ ކޮންމެތަނަކަށް ރައީސް ވަޑައިގެންނެވި ނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާކަމަށްވާތީ، ރައީސްގެ ސެކިއުރިޓީއާއި އެ މަނިކުފާނު ސަޕޯޓް ޓީމު ހުރިހާ ތަނެއްގައިވެސް ރައީސާއެކު ހަރަކާތްތެރިވާނެ ކަމަށެވެ.

މުލީއާގޭގައި އެމްޑީޕީ މެންބަރުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމަށް އިޝާރާތް ކުރައްވައި މިއުވާން ވިދާޅުވީ ޕާޓީ ބޭފުޅުންނާ ރައީސް ބައްދަލުކުރައްވާއިރުވެސް އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ، ބައްދަލުކުރައްވާނީ ރައްކާތެރި ތަނެއްގައި ކަމަށެވެ. ނަމަވެސް ޕާޓީގެ ރަސްމީ ބައްދަލުވުމެއް މުލީއާގޭގައި ނުބާއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ކެމްޕޭން ދަތުރުތަކުގައި ބޭނުންކުރައްވާ ލޯންޗުކޮޅަކީވެސް ކެމްޕޭނުން ހަރަދުކޮށްގެން ބޭނުންކުރާ ލޯންޗެއް ކަމަށާއި ނަމަވެސް މާލޭގެ އެހެނިހެން ތަންތަނަށް އެމަނިކުފާނު ވަޑައިގަންނަވާއިރު ބޭނުންކުރައްވާނީ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތަށް، ސިފައިން ކަނޑައަޅާ ވަހިކަލެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ބުނެވިދާނެތޯވެސް ސުވާލުކުރެއްވިއެވެ.