މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައި ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ، މެންބަރު ކަމަށް އެދޭ ފޯމާއި އިގުރާރުގެ އިތުރުން އެ މީހެއްގެ ކުށާއި ދަރަނީގެ ރެކޯޑް ފޯމު މި މަހު 22 ވަނަ ދުވަހާއި 23 ވަނަ ދުވަހުގެ 9:30 އިން 12:30 އަށް އެ އޮފީހަށް ބަލައިގަންނާނެ ކަމަށެވެ.

އެހެންކަމުން މެންބަރުކަމުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އިއުލާނުގައިވެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމުތަކާއި އިގުރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި އަހްމަދު ގައިސް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މިދިޔަ އާދީއްތަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ހުސްވުމަށެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަން ރައީސް އޮފީހުން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ލިސްޓު ފޮނުވާނީ ރައީސް އިސްކަން ދެއްވާ ތަރުތީބުންނެވެ. އަދި އެ ނަންތައް މަޖިލީހުން ދިރާސާ ކުރުމަށްފަހު އެ މަގާމަށް މީހަކު އައްޔަނުކުރަން ތަޅުމުގައި ވޯޓަށް އަހާނެއެވެ.

ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރާ ފަރާތް، ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރައްވާނީ ރައީސެވެ.