ޚަބަރު

އީވްނިން ކެފޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި، އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

މާލޭގެ މަޝްހޫރު ކެފޭ، އީވްނިން ކެފޭގައި މިއަދު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 6:12 ގައި ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ އެ ކެފޭގެ ބަދިގޭގައި ކަމަށްވެސް ބުންޏެވެ.

އެ ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިޔާ މުހައްމަދު އިޝާން ބުނި ގޮތުގައި، އަލިފާން ފުރަތަމަ ރޯވީ ދެ ބުރިއަށް ހަދާފައިވާ އެ އިމާރާތުގެ ތިރީގައި ހުންނަ ބަދިގޭގެ އުނދުނެއްގައި ކަމަށެވެ.
ނަމަވެސް ފަހުން އަލިފާންގަނޑު ދެވަނަ ބުރިއަށް ފެތުރުނު ކަމަށެވެ.

ދެވަނަ ބުރިއަކީ ޑެކް އަޅައިގެން ހަދާފައިވާ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއް ކަމަށާއި އެތަނުގައި 30 ވަރަކަށް މީހުން އުޅޭ ކަމަށާއި ނަމަވެސް ހާދިސާ ހިނގި ވަގުތު އެތަނުގައި އެއްވެސް މީހަކު ނޫޅޭ ކަމަށްވެސް އިޝާން ބުންޏެވެ.

އިޝާން ބުނީ، މިއަދު ހަތެއް ޖަހާކަންހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށް، އެމްއެންޑީއެފުން އިމާރާތުގެ އެތެރެ ބަލައި ފާސްކުރި ކަމަށެވެ. އަދި އަލިފާން ރޯވި އިމާރާތުގެ ކައިރީގައި ހުރި ގެތަކުގެ މީހުންނަށް، ގެތަކަށް ވަނުމުގެ ހުއްދަ ދެމުންދާ ކަމަށް ބުންޏެވެ.