މާލޭގެ މަގުމަތީގެ ކަންކަން ބަލަހައްޓަން "މަގު ފާރަވެރިން" އުފައްދައި އެކަމަށް މުވައްޒަފުން ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ، "މަގު ފާރަވެރިން"ގެ މަސްއޫލިއްޔަތުތަކަކީ މަގުމަތީގައި ދުއްވާ އުޅަނދު ފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފައިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާ ގޮތަށްތޯ ބެލުމާއި ރިޕޯޓް ކުރުން ފަދަ ކަންކަނަ ކަމަށެވެ.

އެކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކަމުގެ ސަބަބުން މާލޭގެ މަގުތައް ފުރިހަމަ ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި މަގު ފާރަވެރިން ޕޮލިސް ކޮންސްޓަބިއުލަރީއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން މަގުމަތީގެ ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.