ޚަބަރު

ވީއައިއޭގެ ތާރީހުގައިވެސް އެންމެ ގިނަ އެއާ ޓްރެފިކް މޫވްމަންޓު މިދިޔަ ހޮނިހިރު ދުވަހު

ރިފާ ހަލީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިދިޔަ ހޮނިހިރު ދުވަހު އެއާ ޓްރެފިކް މޫވްމެންޓް، އެއާޕޯޓް ބޭނުން ކުރި އަދަދުގެ އާ ރެކޯޑެއް ހަދައިފިއެވެ.

މިއީ ވީއައިއޭގެ ތާރީހުގައިވެސް އެންމެ ގިނަ އެއާ ޓްރެފިކް މޫވްމެންޓްސް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ މިމަހުގެ ހަތްވަނަ ދުވަހު ރެކޯޑް އަދަދަކަށް އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ ދުވަހު އެކަނި 856 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑު ކުރެވިފައިވާ އިރު، މިދިޔަ މަހުގެ 22 ވަނަ ދުވަހު 456 އެއާ ޓްރެފިކް މޫވްމަންޓްސް ވަނީ ރެކޯޑު ކުރެވިފައެވެ.

މިމަހުގެ ހަތް ވަނަ ދުވަހު 102 އިންޓަނޭޝަނަލް މޫވްމެންޓާއި 114 ޑޮމެސްޓިކް މޫވްމެންޓްގެ އިތުރުން 35 ޖެނެރަލް އޭވިއޭޝަން މޫވްމަންޓާއި 605 ސީޕްލޭން މޫވްމެންޓު ރިކޯޑު ކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެކެވެ. ޓޫރިޒަމް މިިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 42،404 ފަތުރުވެރިން އައިސްފައިވެއެވެ.