ރާއްޖެ ޓްރާސްޕޯޓް ލިންކް (އާރްޓީއެލް)ގެ ބަސް ދަތުރުތަކަށް އުނދަގޫ ނުވާގޮތަށް މަގުމަތީގެ ހަރަކާތްތައް ކުރިއަށްގެންދާ ފަރާތްތަކުން އެކަންކަން ކުރިއަށްގެންދިއުމަށް އެ ހިދުމަތްދޭ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާރްޓީއެލްގެ މާލޭ ސަރަހައްދުގެ ބަސްތަކަށް ކޭޝް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި އެކަން އިފުތިތާހުކުރުމަށް ކާނިވާ ސަރަހައްދުގައި ހުންނަ ބަސް ސްޓޮޕްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އާރްޓީއެލްގެ ބަހުގައި ކޮންމެ ދުވަހަކުވެސް 4،500 އެއްހާ މީހުން ދަތުރުކުރާ ކަމަށެވެ. އަދި ހާއްސަކޮށް ސްކޫލު ކުދިންނާއި ހޮސްޕިޓަލުތަކަށްދާ މީހުން ބަހުގެ ބޭނުން ވަރަށް ބޮޑަށް ހިފާ ކަމަށް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްދެވޭނެ ވަރަށް ބަސް އެބަހުރި ކަމަށެވެ. ނަމަވެސް މިދުވަސްވަރު މަގުމަތީގެ ހަރަކާތްތައް ކުރިއަށްގެންދާތީ ބަސް ދަތުރުތައް ޑިލޭވާ ކަމަށް ވިދާޅުވިއެވެ.
"އެންމެންވެސް ދަންނަންވީ ހަގީގަތަކީ، ބަހަށް މީހަކު އަރާނީ ކޮންމެވެސް ގަޑިއަކަށް ކޮންމެވެސް ތާކަށް ދާންކަން. ދެން މަގުމަތީގެ ހަރަކާތްތައް ހިންގާތީ އަޅުގަނޑުމެން މި ދީފައި އިންނަ ގަޑިއަށް ބަހަކަށް ނުދެވޭ ބައެއް ފަހަރު. މިކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ރައްޔިތުންކުރޭ. އެހެންވީމާ އެހެން ނުހައްދަވާ. ބަސް ދަތުރަށް ފުރުސަތު ދެއްވާ!" އާޒިމް ވިދާޅުވިއެވެ.
އާޒިމް އެ އިޝާރާތްކުރެއްވީ، މި ދުވަސްވަރު މާލޭގެ އެކި ސަރަހައްދުތަކުގައި ސިޔާސީ ޕާޓީތަކުން، ހާއްސަކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ ހަރަކާތްތަކަށެވެ. މިފަހަކަށް އައިސް ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ސަރަހައްދުގައި އިހުތިޖާޖުކުރެއެވެ. އަދި ބައެއް ރޭރޭ މަގުތަކުގައިވެސް ހިނގާލުންތައް ބާއްވައެވެ. ބޮޑުތަކުރުފާނު މަގަކީ ބަސް ދަތުރުގެ މުހިންމު ރޫޓެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ބަސް ސްޓޮޕްތައް ހުންނަ ސަރަހައްދުގައި އުޅަނދު ޕާކްކޮށްފައި ހުންނަ ކަމަށާއި އެކަމުގެ ސަބަބުންވެސް ބަހުގެ ދަތުރުތަކަށް އުނދަގޫވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު