އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މަހުމޫދު މެރި ކަމަށް ކްރިމިނަލް ކޯޓުގައިވީ އިއުތިރާފަށް ދެކޮޅު ހަދައި މަހުމޫދު މެރިކަމަށް އޭނާ މިއަދު ހައިކޯޓުގައި އިންކާރުކޮށްފިއެވެ.
ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ، މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެންދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.
މި މައްސަލައިގައި ސާލިމް ވަނީ ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައެވެ. އަދި އެއީ ޝައިތޯނާ ކުރުވި ކަމެއް ކަމަށް ބުނެ އޭނާ ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ސާލިމް މެރުމަށް ހުސްވި 2022 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 27 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ހައިކޯޓުގައި މިއަދު ކުރިއަށް ދިޔައީ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ހުށަހެޅި މައްސަލައެވެ.
ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އެ ހުކުމް ސާލިމްގެ ފަރާތުން އިސްތިއުނާފު ނުކުރުމުންނެވެ.
މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހެއެވެ.
މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ، މި މައްސަލައިގެ ތަހުގީގީ މަރުހަލާ އާއި ދަށު ކޯޓުގެ މަރުހަލާގައި ސާލިމްގެ ތަރުޖަމާނެއްގެ ގޮތުގައި ބޭނުންކުރި، ދިވެއްސެއް ކަމަށްވާ މުހައްމަދު ހަލީލު ބޭނުންކޮށްގެންނެވެ.
ނަމަވެސް ސާލިމް ބުނީ އޭނާގެ ތަރުޖަމާނާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި ބަނގްލާދޭޝް މީހަކު އާ ތަރުޖަމާނެއްގެ ގޮތުގައި ބޭނުންވާ ކަމަށެވެ. އަދި އާވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށްވެސް ބުންޏެވެ.
ރުޅިވެރިކަމާއެކު ދިވެހިންނާއި ބަނގްލާދޭޝް ބަހުން ވާހަކަ ދައްކަމުން ސާލިމް ބުނީ، މަހުމޫދު މެރިކަމަށް ދަށު ކޯޓުގައި އޭނާ އިއުތިރާފުވީ، އެކަމަށް އިއުތިރާފު ވުމުން އޭނާ ޑީޕޯޓުކޮށް ރަށަށް ފޮނުވާލާނެ ކަމަށް ތަރުޖަމާނު ބުނެގެން ކަމަށާއި މަހުމޫދު މެރުމަކީ އޭނާ ކުރި ކަމެއް ނޫން ކަމަށެވެ.
އެވާހަކަ ތަރުޖަމާކޮށްދެމުން، ތަރުޖަމާނު ބުނީ ތަހުގީގީ މަރުހަލާގައި އެކަމަށް އެއްބަސްވުމަށް ސާލިމް ކައިރީގައި ބުނެފައި ނުވާނެ ކަމަށެވެ.
ފަނޑިޔާރުން ވިދާޅުވާ އެއްޗަކަށްވެސް ބެލުމެއްނެތި އޭނާ އެގޮތަށް ވާހަކަ ދައްކަމުން ގެންދާތީ، ޝަރީއަތުން އިޒުނަ ދިނީމަ ވާހަކަ ދެއްކުމަށް ތަރުޖަމާނު މެދުވެރިކޮށް ފަނޑިޔާރު ވަނީ ތަކުރާރުކޮށް އޭނާއަށް އަންގަވައިފައެވެ.
މިއަދަކީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކަަމަށް ވާތީ ދަށު ކޯޓުގެ މަރުހަލާގައި އޭނާއަށް ވަކީލަކު ހަމަޖައްސައިދިނިންތޯ، ފަނޑިޔާރު ސުވާލު ކުރުމުން ސައުލަތުގެ ވަކީލު ވިދާޅުވީ، ވަކީލެއްގެ ގޮތުގައި އަލީ މަޖީދު ހަމަޖައްސައިދިން ކަމަށެވެ.
މި މަރުހަލާގައި ވަކީލަކު ބޭނުންވޭތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ސާލިމް ބުނީ، އޭނާ ވަކީލެއް ބޭނުންވާ ކަމަށާއި ނަމަވެސް އަމިއްލައަށް ވަކީލަކު ނަގާނެ ފެންވަރެއް ނެތް ކަމަށެވެ. އަދި ރަށުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ ތިބީ ނުކައި، ނުބޮއި ކަމަށާއި ވަކީލަކު ބޭނުންވަނީ ދައުލަތުގެ ހަރަދުގައި ކަމަށްވެސް ބުންޏެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވީ، ޝަރުތު ހަމަވާ ނަމަ، ބަންގްލަދޭޝް މީހަކު ތަރުޖަމާނަކަށް ހަމަޖައްސަން ދެކޮޅު ނުހަދާ ކަމަށެވެ. އަދި ވަކީލަކު ހަމަޖެއްސުމާބެހޭ ގޮތުން ވެސް ޝަރީއަތުގެ މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށްވެސް ދައުލަތުން އެދުނެވެ.
އެހެންކަމުން ސާލިމަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުމަށް ޝަރީއަތުގެ މަޖިލީހުން ނިންމަވައި އެކަމުގެ އިޖުރާއަތްތައް އޮތް ގޮތް އޭނާއަށް ސާފުކޮށްދިނުމަށް ދައުލަތުގެ ވަކީލުންގެ ކިބައިން ފަނޑިޔާރު އެދިވަޑައިގަތެވެ.
ދައުލަތުގެ ވަކީލުން ވަނީ އެކަން އޭނާއަށް ސާފު ކޮށްދެއްވައިފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައިލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަވާނީ، ސާލިމަށް ވަކީލަކު ހަމަޖެހުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު