ފްރާންސްގެ ލެޖެންޑް ޒައިނެއްދީން ޒިދާނަށް އިހުތިރާމް ކުޑަކޮށް ވާހަކަފުޅު ދެކެވިފައިވާތީ އެކަމަށް މައާފަށް އެދޭ ކަމަށް ފްރެންޗް ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ނޮއެލް ލެ ގްރައެޓް ވިދާޅުވެއްޖެއެވެ.
އުމުރުން 81 އަހަރުގެ ލަ ގްރައެޓް، ޒިދާނަށް ފާޑު ކިޔުއްވާފައި ވަނީ ރޭޑިއޯ އިންޓަވިއުއެއްގައެވެ. ޒިދާން، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭތޯ ސުވާލުކުރުމުން، ފެޑަރޭޝަންގެ ރައީސް ލަ ގްރައެޓް ވިދާޅުވީ "ޒިދާން ގުޅިޔަސް ފޯނަށް ޖަވާބު ނުދޭނެ،" ކަމަށެވެ. ރެއާލް މެޑްރިޑާއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދި ޒިދާނަކީ ފްރާންސްގެ ޓީމަށް ރަނގަޅު ކޯޗެއް ނޫން ކަމަށްވެސް ލަ ގްރައެޓް ވިދާޅުވެފައިވެއެވެ.
އެ ވާހަކަތަކާއި ގުޅިގެން ލަ ގްރައެޓް ހޫނުފެނަށް ވެއްޓިފައިވާ އިރު، އެ ވާހަކަތަކުގެ ތެރެއިން ކަރިމް ބެންޒެމާއަށް އިހުތިރާމް ކުޑަކޮށްވެސް ލަ ގްރައެޓް ވާހަކަ ދެއްކެވިއެވެ. އެކަމާވެސް އެފްއޭ ރައީސަށް ނުރުހުން އަމާޒުވެވަޑައިގެންފައިވެއެވެ.
ޒިދާނާއި ބެންޒެމާގެ ދިފާއުގައި ރެއާލްއިން ބަޔާން ނެރެފައިވާ އިރު، ޒިދާނަށް އިހުތިރާމް ކުޑަ ކުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށް ބުނެ، ކިލިއަމް އެމްބާޕޭވެސް ވަނީ ވާހަކަ ދައްކައިފައެވެ. އެމްބާޕޭ ބުނީ "ފްރާންސްގެ ފުޓުބޯޅައިގެ ވަރުގަދަ ލެޖެންޑް، ޒިދާނަށް އިހުތިރާމް ކުޑަކުރުން ބަލައިނުގަނެވޭ،" ކަމަށެވެ.
ޒިދާނަށް ކިޔުނު ފާޑުގެ ސަބަބުން ޕްރެޝަރުގައި ހުންނެވި ލަ ގްރައެޓް މައާފަށް އެދިވަޑައިގެން ވިދާޅުވީ ޒިދާނާ ގުޅިގެން ދެކެވުނު ވާހަކައިގެ މަހްފޫމު އޮޅި، ނުބައި މާނައެއްގެ ބޭނުންކުރެވެމުންދާތީ މައާފަށް އެދޭ ކަމަށެވެ.
"އަހަންނަށް މައާފްކުރޭ. އަހަރެން އެ ވާހަކަ ދެއްކީ ޒިދާންގެ ކޯޗިން ކެރިއަރާއި ކުޅުންތެރިއެއްގެ ކެރިއަރު ފަނޑުވާނެ ގޮތަކަށް މާނަކުރުމަށް ނޫން. އަހަންނަށް ގޯސް ހެދިއްޖެ. އަހަރެން އާރްއެމްސީއަށް ދިނީ ދޭން ނުވެސް ޖެހޭ އިންޓަވިއުއެއް. އެ އިންޓަވިއުގައި ރޭޑިއޯ ސްޓޭޝަނުން މަސައްކަތް ކުރީ ޒިދާނާއި މިހާރުގެ ކޯޗު ޑިޑިއޭ ޑީޝޭމްޕްސް ޖައްސަން. އެއީ ދެ ލެޖެންޑުން. އެ ވާހަކައިގެ ތެރެއިން ބުނަން ނުޖެހޭ ވާހަކަތަކެއް ބުނެވުނު ކަމަށް ގަބޫލުކުރަން،" ލަ ގްރައެޓް ވިދާޅުވިއެވެ.
ފްރާންސްގައި މިވަގުތު ހުރި ކޯޗު، ޑިޝޭމްޕްސް 2026 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމުގެ އެއްބަސްވުން އާކޮށްފައިވާ އިރު، މީޑިއާތަކުން ކުރިން ބުނީ އެ މަގާމު ޒިދާން ބޭނުންވި ކަމަށެވެ. 1998 ވަނަ ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޑިޝޭމްޕްސްއާއި ޒިދާނަކީ އެގައުމުގެ ފުޓުބޯޅައިގައި ޝަރަފުވެރި ދެކުޅުންތެރިންނެވެ.
ފްރާންސްގެ އެފްއޭ ރައީސް ލަ ގްރައެޓް މައާފަށް އެދިފައި ވަނީ އެގައުމުގެ ކުޅިވަރާ ބެހޭ މިނިސްޓަރު އަމޭލިއަ އުޑެއާ-ކަސްޓޭރާ، ޒިދާންގެ ދިފާއުގައި މައާފަށް އެދެން ޑިމާންޑްވެސް ކުރައްވާފައި ވަނިކޮށެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް