ޚަބަރު

ސްކައިސެވަން ރެސްޓޯރެންޓް ފަޅާލައި ވައްކަންކުރި މީހާ 13 މަހަށް ޖަލަށް

އިބްރާހިމް ޒަކީ

ވެލާނާ އިންޓަނޭޝަނަލްގައި ހުންނަ ސްކައިސެވަން ރެސްޓޯރެންޓް ފަޅާލައި އެތަނުން ވައްކަން ކުރި މައްސަލައިގައި ހައްޔަރުކުރި ގދ. ރަތަފަންދޫ ދިލާސާގެ އަބުދުﷲ ހާރޫނު، 13 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 18 ޖަނަވަރީ 2021 ވަނަ ދުވަހުގެރޭ 2:00 ހާކަންހާއިރު އެއާޕޯޓުގެ އީސްޓަން ސައިޑްގައި ހުންނަ ސްކައިސެވަން ރެސްޓޯރެންޓް ފަޅާލި މައްސަލައެކެވެ.

މި މައްސަލައިގައި ހާރޫނުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކުރިއެވެ. އެއީ ވައްކަން ކުރުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ. މި ތިން މައްސަލަ އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

އޭގެ ތެރެއިން ރެސްޓޯރެންޓުގެ ސްޓޮކް ރޫމްގެ ބިއްލޫރި ކުޑަދޮރު ތަޅާލައި، އެ ދޮރަށް ގެއްލުންދީ، އެ ރެސްޓޯރެންޓްގެ ސްޓޮކް ރޫމް ތެރޭގައި ހުރި ސީސީޓީވީ ފްޓޭޖް ރެކޯޑާ ޑީވީޑީއަށް ގެއްލުންދީފައިވާތީ، 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އެތަން ބަނދުކޮށްފައި ހުއްޓައި ވެރިފަރާތަށް ނޭނގި އެތަނަށް ވަދެފައިވާތީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.

މީގެ އިތުރުން އެ ރެސްޓޯރެންޓްގެ ކޭޝް ކައުންޓަރުގެ ވަތްގަނޑުގައި ހުރި 14،812 ރުފިޔާ އާއި އެތަނުގެ ސްޓޮކްރޫމް ތެރޭގައި ހުރި ސީސީޓީވީ ފުޓޭޖް ރެކޯޑާ ޑީވީގެ ހާޑް ޑިސްކް ވަގަށް ނެގި މައްސަލައިގައި ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ހުކުމްކޮށް، އޭނާ ތަންފީޒު ކުރަންޖެހޭނީ ނުވަ މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.