ޚަބަރު

ފައިސަލްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ބައެއް އާންމުންގެ އެއްބާރުލުމެއް ނުލިބޭ: އެންއައިސީ

ރިފާ ހަލީލު

1

ހދ. ނޮޅިވަރަމުގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ހިތަށްފިނިވާގޭ/ ނިޝާމާ މުހައްމަދު 28އ. ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ އދ. ފެންފުށީ/ ރޯސީ ވިލާ، އަބޫބަކުރު ފައިސަލް، 32އ. ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި ދަންޖެހުނު މައްސަލައިގެ ތަހުގީގަށް ބޭނުންވާ އާންމުންގެ ބަޔާން ނެގުމަށް އެއްބާރުލުން ނުލިބޭ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.

ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަންގައި ފައިސަލް ބަންދުކޮށްފައި ހުއްޓައި ދަންޖެހުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އެތަނުން އޭނާ ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންގޮސް، އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މަރުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމުގެ ތަހުގީގު ހިންގަނީ އެންއައިސީންނެވެ.

އެންއައިސީގެ އިންވެސްޓިގޭޓިވް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ރިފްއަތު އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ނަމަވެސް ތަހުގީގު ލަސްވަނީ، އެ ތަހުގީގަށް ބޭނުންވާ ބައެއް އާންމުންގެ އެއްބާރުލުން ނުލިބޭތީ ކަމަށެވެ.

އެގޮތުން ހާދިސާއަށްފަހު އެންއައިސީގެ ޓީމެއް ކުޅުދުއްފުއްޓަށް ދިޔަ ކަމަށާއި އެ ވަގުތުން ފެށިގެން މައްސަލައިގައި ހިމެނޭ އެންމެހާ ކަންކަން ބަލަމުންދިޔަ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފުލުހުންގެ ބަޔާނާއި އާންމުންގެ ބަޔާން ނެގުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ފުލުހުންގެ ބަޔާން ގާތްގަނޑަކަށް ނަގައި ނިމިފަ މިވަނީ. ދެން ބައެއް އާންމުންގެ ބަޔާންވެސް ނެގުމުގެ މަސައްކަތް ކުރަމުން މިދަނީ. އެކަމަކު އަދިވެސް ތަހުގީގަށް ބޭނުންވާ ބައެއް އާންމުންގެ ފަރާތުން އެއްބާރުލުން ނުލިބޭ. އެހެންވެ ލަސްތަކެއް އެބަހުރި." އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގުކޮށް ނިމޭނީ ކޮން ދުވަހަކުންތޯ އެހުމުން އެ ސުވާލަށް އޭނާ ޖަވާބެއް ނުދެއްވައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފައިސަލް ދަންޖެހުނު މައްސަލަ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށްވެސް ވަނީ ހުށަހަޅައިފައެވެ.