މާލެއާއި އަތޮޅުތެރޭގައި މި ފަހުން ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ފަށާފައިވާ ބޮޑު ތަހުގީގަށް ރާއްޖޭން ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަހަކަށް އައިސް މާލެއާއި އަތޮޅުތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި އެކަމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މި ތަހުގީގާ ގުޅިގެން ފުލުހުންގެ މީޑިއާ އިން "ވަން" އަށް ބުނީ، އަލިފާނުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގައި ރާއްޖޭން ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފުސީލެއް ނުދެއެވެ.
މި ފަހުން ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގެ ތެރޭގައި މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މ. ނިރުފެހި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ގދ. ގައްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައިވެސް މީހަކު މަރުވެފައިވެއެވެ.
އޭގެ އިތުރުން މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ކ. ގުޅިފަޅުގައި ހުރި ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ އެއްކޮށް ވަނީ އަނދައިފައެވެ. އަދި އެތަނުގައި ދިރިއުޅޭ މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް އިންސާނެއްގެ ކަށިތަކެއް ވަނީ ފެނިފައެވެ. އޭގެ ފަހުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ސ. ހުޅުދޫ ވަލުތެރޭގައި ހުރި ތާރު ކޮންޓެއިނަރު ތަކެއްގައި ވަނީ ރޯވެފައެވެ.
މި ފަހުން، މިދިޔަ އާދީއްތަ ދުވަހު ފިޔޯރީ ސްކޫލު ހޯލުގައި އަލިފާން ރޯވެ އަނދާފައިވާއިރު، އިއްޔެ މާލޭގެ ނީލަން ފިހާރައިގައި ރޯވެ އަނދާ ހުލިވެފައިވެއެވެ.
ޚަބަރު
ޚަބަރު