ދެހާސް އަށާރަ ވަނަ އަހަރު ވެފައިވާ ވައުދުތަކާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ހުށަހަޅާ ވައުދުތައް ފުއްދޭނީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު އަދި ފުވައްމުލަކު ރައްޔިތުންނާއެކު ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގައި ރޭ ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން އެހެން ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހަދަންޖެހޭނަމަ، އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އެމްޑީޕީން މިހާރު ކޯލިޝަން ހަދާފައިވަނީ ސަރުކާރުގެ 40 ޕަސަންޓަށް ކަމަށާއި އެކަމަކު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މުޅި ރާއްޖެއިން ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ދީފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ކޯލިޝަންގެ ހިމެނޭ ޕާޓީއަކަށް ކެބިނެޓުން ތިން މަގާމު ދިން ކަމަށާއި އެ ޕާޓީގެ މެމްބަރަކު މަޖިލިސްގައި ނެތް ކަމަށެވެ. އެމްޑީޕީ 100 ޕަސަންޓް ތާއިދު އޮތްއިރު ސަރުކާރުން 40 ޕަސަންޓް ނަގާނަމަ، އެމްޑީޕީ މެމްބަރުން ބާކީ ވެގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ބ. ދަރަވަންދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނު ނުކުމެ ވަޑައިގެން އެ ހުންނެވީ ވައުދުތައް ފުއްދުމަށް ކަމަށާއި އެކަން ކުރެއްވޭނީ ވެރިކަން ދެމެހެއްޓިގެން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން އެކަނި އެއްވެސް ޕާޓީއަކަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެހެންކަމުން ވައުދުތައް ފުއްދުމަށް ވެސް ކޯލިޝަނެއް އޮންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓު ކުރިއަކުން ގަބޫލެއް ނުކުރައްވާ، މަސައްކަތް ކުރައްވަމުން ގެންދެވީ އެކަނިމާއެކަނި، އެކަނިމާއެކަނި ނުކުމެވަޑައިގެން އިންތިހާބު ކާމިޔާބު ކުރުމަށް. އެހެންނަމަވެސް މިއަދު އެއީ އެކަން އެހެން ކުރެވެން އޮތް ކަމެއް ނޫން ކަމަށް ގަބޫލުކުރައްވަނީ. މިއަދު ވިދާޅުވީ ކޯލިޝަނެއް ހަދާވާހަކަ، ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކުން ކަމަށް. ދަންނަވަން ބޭނުންވާ ވާހަކައަކީ ކޯލިޝަނެއް ހެދެނީ އެކަންޏެއް ނޫން. ގިނަ ޕާޓީތައް ބައިވެރިވެގެން. ތިބޭފުޅުން ބައްލަވަންވީ އެކަން ކުރެވޭނީ ކާކަށްތޯ. އަދި ކޯލިޝަނެއް ހެދިޔަސް އެ އެބަ ދަމަހައްޓަން ޖެހޭ. އެ ނުދަމަހައްޓައެއް އަޅުގަނޑުމެންމިވީ ވައުދުތަކެއް ނުފުއްދޭނެ. އަޅުގަނޑުމެން ވަރަށް ގިނަ ވައުދުތަކެއް ވެގެން 2008ގައި ވެސް ވެރިކަމަށް އައީ. ވައުދުތައް ނުފުއްދި މަގުމަތިވެގެން ދިޔައީ މި ދެންނެވި ވިސްނުން، މި ދެންނެވި އަމާޒު ނެތިގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނާ ކޯލިޝަން ސަރުކާރެއް ހަވާލުކުރީ ރައްޔިތުން ކަމަށާއި އެހެންކަމުން ވެރިކަމުގެ ފުރަތަމަ ދައުރު ނިންމާނީ ކޯލިޝަނާއެކުގައި ކަމަށެވެ. ވައުދުތައް ފުއްދޭނީ ސަރުކާރުގައި ތިބެގެން ކަމަށާއި ސަރުކާރަށް އާދެވޭނެ ގޮތް ރައްޔިތުންނަށް ސާފުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ޕްރައިމަރީ މުހިންމު ވަނީ އެ ސަބަބުތަކާ ހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕްރައިމަރީގެ ދޭ ވޯޓަކީ އިސްރާފަކަށް ނުހެދުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. ދަރަވަންދޫއަކީ 2018 ވަނަ އަހަރު އެ މަނިކުފާނަށް 60 ޕަސަންޓަށްވުރެ ބޮޑު ތާއިދެއް ދިން ރަށެއް ކަމަށާއި އެ ތާއިދު ދެމެހެއްޓުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އެ މަނިކުފާނު އިންތިހާބުގައި ވާދަކުރައްވަނީ ބޮޑު ރަށެއް ކުޑަރަށެއް ނުބައްލަވައި މުޅި ރާއްޖެ ތަރައްގީ ކުރަން ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުން ދަނީ ދަރަވަންދޫ ދާއިރާގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ އެޅުމުގެ މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.