ގޯލްޑަން ފުޓްސަލް ޗެލެންޖް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގުރު ނަގައިފި، 242 މެޗަށް ތައްޔާރު!

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގުރު ނެގުން އިއްޔެ ބާއްވައިފިއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ގުރުލުން އިއްޔެ ބާއްވާފައި ވަނީ ކާމް އިން ގައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. އަންނަ އަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަހު މުބާރާތް ފަށަން ތާވަލުކޮށްފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. އޭގެ އިތުރުން މުބާރާތް ހުޅިވިގެންދާނީ ހާއްސަ ޝީލްޑް މެޗަކުންނެވެ.

މިފަހަރުގެ ގުރު ނެގުމުގައިވެސް ހަ ރަށަށްވުރެ ގިނައިން މުބާރާތުގައި ޓީމުތައް ބައިވެރިވެފައިވާ އަތޮޅުތައް ވަނީ ގްރޫޕް ތަކަށް ބަހާލައިފައެވެ. އެގޮތުން ހއ. އަތޮޅާއި، ހދ. އަތޮޅު، ށ. އަތޮޅު، ކ. އަތޮޅު، އދ. އަތޮޅުގެ އިތުރުން މ. އަތޮޅާއި ތ. އަތޮޅުގެ އަތޮޅު ބުރުވެސް ކުރިއަށްދާނީ ގްރޫޕްތަކަށް ބަހާލައިގެންނެވެ.

އެގޮތުން ހއ. އިން ބައިވެރިވި 12 ޓީމު ވަނީ ތިން ގްރޫޕަކަށް ބަހާލައިފައެވެ. ހއ. އަތޮޅަކީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ޓީމު ވާދަކުރާ އަތޮޅެވެ. ހދ. އަތޮޅުގެ ނުވަ ޓީމެއް ދެ ގްރޫޕަށް ބަހާލާފައިވާ އިރު، ފުރަތަމަ ގްރޫޕްގައި ހަތަރު ޓީމެއް، ދެވަނަ ގްރޫޕްގައި ފަސް ޓީމެއް ހިމެނެއެވެ.

ށ. އަތޮޅުގެ ހަތް ޓީމެއް ވަނީ ދެ ގްރޫޕަށް ބަހާލައިފައެވެ. ފުރަތަމަ ގްރޫޕްގައި ހަތަރު ޓީމް އޮތް އިރު، ދެވަނަ ގްރޫޕްގައި ހިމެނެނީ ތިން ޓީމެވެ. ކ. އަތޮޅުގެ ޓީމުތައްވެސް ދެ ގްރޫޕަށް ބަހާލާފައިވާ އިރު، އެ އަތޮޅުން ޖުމުލަ ހަތް ޓީމެއް ވާދަކުރެއެވެ. އދ. އަތޮޅުގެ ހަ ޓީމު ވަނީ ތިން ޓީމުގެ ދެ ގްރޫޕަށް ބަހާލައިފައެވެ.

އޭގެ އިތުރުން ގއ. ގެ އަށް ޓީމެއް ކުޅޭއިރު، ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. އަދި މ. އަތޮޅުން ވެސް ހަޓީމެއް ވާދަކުރާއިރު، ދެ ގްރޫޕަކަށް ވަނީ ބަހާލައިފައެވެ. އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށި ހިމެނޭ ތ. އަތޮޅުންވެސް ހަތް ޓީމު ވާދަކުރާ އިރު، އެ އަތޮޅުވެސް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ.

ބާކީ ދެން ހުރި އަތޮޅުތަކުގައި އަތޮޅު ބުރުގައި ކުޅޭނީ ލީގު އުސޫލުންނާއި ދެ ލެގުން ޗެމްޕިއަންކަން ކަނޑައަޅާ އުސޫލުންނެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ޖެހޭ ހަމައެކަނި އަތޮޅަކީ ދެ ޓީމު ބައިވެރިވެފައިވާ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީން ބައިވެރިވީ، މަރަދޫ ފޭދޫ އާއި ފޭދޫއެވެ. މި ދެ ޓީމުގެ މެދުގައި ދެ ލެގު ކުޅޭނެއެވެ. އެ ދެ ލެގުން ޗެމްޕިއަން ޓީމު ހޮވާނެއެވެ.

ބާކީ ދެން ހުރި އަތޮޅުތަކުގައި ލީގު ބުރެއް ކުޅެ، އަތޮޅު ފައިނަލް ކުޅެވިގެންދާނެއެވެ.

މުބާރާތުގައި ފަސް ޓީމު ނުވަތަ ފަސް ޓީމަށްވުރެ މަދުން ޓީމުތައް ބައިވެރިވެފައިވާ އަތޮޅުތަކުގެ މެޗުތައް ކުޅޭނީ ލީގު އުސޫލުންނެވެ. ލީގު އުސޫލުން ކުޅެ އަތޮޅު ބުރުގެ ފައިނަލްގައި ކުޅޭނީ އެއްވަނަ އާއި ދެވަނަ ޓީމެވެ.

މިފަހަރުގެ މުބާރާތުގެ ފޯމެޓަށް ބަދަލެއް ގެނެސްފައިވާ އިރު، އަތޮޅު ބުރުގައި ގްރޫޕަށް ބަހައިގެން ކުޅޭ އަތޮޅުތަކުގައި ސެމީގެ ދެ މެޗު ފެނިގެންދާނެއެވެ. ކުރީގައި އޮންނަ ގޮތުން ލީގު ބުރު ނިމޭ އިރު، ދެ ގްރޫޕުގެ އެއްވަނަ ވެސް ޒޯނަށް ކޮލިފައިވާ އިރު، ޗެމްޕިއަން ހޮވާނީ ސީދާ ފައިނަލަކުންނެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ލީގު ބުރުގައި ގްރޫޕްތަކުގެ އެއްވަނަ އާއި ދެވަނަ ކޮލިފައިވާނީ ސެމީ ފައިނަލް ދެ މެޗަކަށެވެ.

އެ ފޯމެޓާއެކު ހަ ޓީމަށްވުރެ އިތުރަށް ޓީމުތައް ބައިވެރިވާ އަތޮޅުތަކުން ޒޯނަށް ދާނީ ސެމީ ފައިނަލުން މޮޅުވާ ދެ ޓީމެވެ. ޗެމްޕިއަންކަން ހޮވާނީ ސެމީ ކާމިޔާބު ކުރާ ދެ ޓީމުގެ ދެމެދުގައި ކުޅޭ ފައިނަލް މެޗުންނެވެ.

މުބާރާތުގައި ބައިވެރިވެ ޓީމުތަކުގެ ތަފްސީލު

މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ސޮނީ ސްޕޯޓްސްއާއެކު ސޮއިކޮށްފައިވާ އިރު، ސޮނީ ސްޕޯޓްސްއަކީ ރާއްޖޭގައި ކުޅިވަރު ސާމާނު ވިއްކަމުންދާ އެންމެ އިތުބާރު އަދި އެންމެ ޒަމާންވީ ބްރޭންޑެވެ. ރާއްޖޭގެ ކުޅިވަރު ކުރިއެރުމުގެ ފަހަތުގައި ސޮނީ ސްޕޯޓްސްގެ ހިއްސާ ބޮޑުކޮށް އަބަދުވެސް ފެނިގެންދާ އިރު، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ވެސް އެންމެ ގާތް ޕާޓްނަރަކީ ސޮނީ ސްޕޯޓްސްއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުން ބޭއްވި ފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. އެ ރަށަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރަށްވެސް މެއެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ތަށި ހޯދާފައިވާ ތިމަރަފުށިން ވަނީ މިދިޔަ އަހަރު ފައިނަލުގައި ކ. ގާފަރު ބަލިކޮށް ތަށި ދިފާއުކޮށްފައެވެ.

މީގެ ކުރިން ހަ ފަހަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް މިދިޔަ އަހަރުވެސް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އެ މުބާރާތުގައި ޖުމުލަ 91 ޓީމު ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި 177 މެޗު ކުޅެވިގެން ދިޔަ އިރު، ސަޕޯޓަރުންގެ ފޯރި ފެނުނީ ވަރަށް ގަދަކޮށެވެ. ހާއްސަކޮށް ރަށްރަށުގައިވެސް މުބާރާތުގެ ފޯރި ނަގާފައިވާކަން ފާހަގަވެފައިވެއެވެ.

މުބާރާތުގެ ތައްޔާރީތައް މިހާރުވެސް ރަށް ރަށުން ފޯރިއާއެކު ފަށާފައިވާ އިރު، މުބާރާތުގެ ފޯރި ކުރިއަށްވުރެ ވެސް ބޮޑު ވެގެންދާނެކަން ޔަގީނެވެ.

މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.