ޕްރޮފައިލް ރިޕޯޓް

ޤައުމީ ޚިދުމަތުގައި އަޅުގަނޑު: އެންޓި-ކޮރަޕްޝަން ބޯޑާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި

އަބްދުﷲ ފާރޫގް ހަސަން

1

ނޯޓު: މި ބަޔާނަކީ އަޅުގަނޑުގެ ޤައުމީ ޚިދުމަތުގެ ޙަޔާތުގައި އެންމެފަހުން އުޅުނު ދެދާއިރާގައި އަޅުގަނޑު ކުރިކަންތައްތަކާއި އަޅުގަނޑާ ކުރިމަތިވިގޮތުގެ ވާހަކަ ބަޔާންކުރާން ލިޔެފައިވާ ލިޔުމެކެވެ. އަޅުގަނޑުގެ ގާތް ވަރަށްގިނަ ބޭފުޅުން އެކަމަށް އެދިވަޑައިގަންނަވާތީ ލިޔެފައިވާ ލިޔުމެކެވެ. އަޅުގަނޑުގެ ޙަޔާތުގެ މިބާވަތުގެ ކަންކަން ބަޔާންކޮށް ޙަޔާތުނާމާއެއް ލިޔުމަކީ އަޅުގަނޑު އެއްގޮތަކަށްވެސް ކުރާން ބޭނުންވާ ކަމެއް ނޫނެވެ. އެކަމަކު އަޅުގަނޑުގެ ދަރިފުޅު نسيـبـة އާއި އަޅުގަނޑުގެ ކޮއްކޮ أحمــد مــاجــــد ގެ އުނދަގުލާހުރެ އެކިއެކި ތަންތަންކޮޅުކަމުގައިވިޔަސް ލިޔެދޭން މިއުޅެނީ ގަލަން ނަގައިގެންނެވެ. އަޅުގަނޑުގެ އަޚް އަދި ތާރީޚު ޢިލްމުވެރިޔާ محـمّــد شــاطــــر އާއި އެކުވެރި الـفــاضـــل حســن شــاكـــــــر محــمّــد ވެސް އެކަމަށް ބާރުއެޅުއްވިކަން ފާހަގަކޮށްނުލުން ވާނީ ބޭއިންސާފެއްކަމުގައެވެ. ކޮންމެ ސަބަބަކާހުރެ ކަމުގައިވިޔަސް މި މަސައްކަތް ފެށޭގޮތްވުމުން ކުރިޔަށްއޮތްތާނގައިވެސް މިފަދަ އިތުރު ލިޔުންތައް ލިޔާންގަސްދުކުރަމެވެ. ތައުފީޤު އެދެނީ މާތް اللّـه ގެ ޙަޟުރަތުންނެވެ.

ޤައުމުތަކުގެ ތާރީޚުގައި ޢާންމުކޮށް ދިމާވެފައި އޮންނަ ހިތާމަވެރި މައްސަލައެކެވެ. ހައްތާވެސް ލިޔެވެނީ އަދި ލިޔާންޖެހެނީ އެންމެމަތީ ވެރިކަންކުރާ މީހުންގެ ތާރީޚެވެ. ރަދުންނާއި ރަނީންނާއި ރައީސުންގެ ތާރީޚެވެ. އެހެންބަޔަކު ކުރާޚިދުމަތެއްގެ ވާހަކަ ދެއްކުމެއް ނޯވެއެވެ. ރަނގަޅު ކޮންމެ ކަމަކީ އެންމެ އިސްވެރިޔާއަށް ނިސްބަތްކުރާންޖެހޭ ކަންކަމެވެ. "އެމަނިކުފާނު ދެއްވާ ލަފާފުޅުގެމަތީން" ކުރެވޭކަންކަމެވެ. އެކަމަކު ފަރުދުންގެ ވާހަކަތަކަކީވެސް ތާރީޚުގެ ބަޔެކެވެ. ޤައުމުގެ ތާރީޚު ފުރިހަމަވާނީ އެބައިވެސް ހިމަނައިގެންނެވެ. މިސާލެއްގެގޮތުން ދަންނަވަމެވެ. މުސްތަޤްބަލުގެ މުއައްރިޚުން ރާއްޖޭގައި ފަސާދައިގެ (ކޮރަޕްޝަންގެ) ޙާލަތު އޮތްގޮތާއި ސަރުކާރާއި ދައުލަތާއި ޙުކޫމަތުގެ ދާއިރާގައި އެކަން ހުއްޓުވާން ކުރެވުނު މަސައްކަތުގެ ވާހަކަ ލިޔުއްވާން ބޭނުންފުޅުވާނެކަމީ ޝައްކެއްހުރިކަމެއް ނޫނެވެ. އެންޓި-ކޮރަޕްޝަން ބޯޑުގެ ވާހަކަ މިއަދު ކޮންމެވެސް މީހަކު ލިޔެފައި ނެތްކަމުގައިވާނަމަ އެކަމަކީ ވަރަށްވެސް ބޮޑު އުނިކަމެއްކަމުގައި ނުވެދާނެތޯއެވެ؟ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހި ތާރީޚުގެ މިބާބު ލިޔުމަކީ އަޅުގަނޑަށްވެސް ލިބިފައިވާ ޙައްޤެކެވެ.

ދުނިޔޭގައި ޢިލްމީގޮތުން ކުރިއަރައިފައިވާ ޤައުމުތަކުގައި އެކިދާއިރާތަކުގެ ޚިދުމަތްތެރީން އެމީހަކުކުރި ޚިދުމަތެއްގެ ވާހަކަ އެމީހަކު އަމިއްލަޔަށްވެސް ލިޔުމަކީ ވަރަށް ޢާންމުކަމެކެވެ. ލިޔުންތެރިކަމުގެ ގޮތުންނާއި ޚިދުމަތް ފާހަގަކުރުމުގެގޮތުން ރާއްޖޭގައި އަދި އެދައުރު ނާންނަނީކަމުގައި ވެދާނެއެވެ. އެކަމަކު މިހާރަކަށްއައިސް ރާއްޖޭގައިވެސް ދިގުމުއްދަތަކަށް ޤައުމަށް ޚިދުމަތްކުރާ މީހުން އެބަފާހަގަކުރެވެއެވެ. އެކަމަށްޓަކައި އެމީހަކު އަމިއްލަޔަށްވެސް އެމީހަކު ކުރިކަމެއްގެ ވާހަކަ ދައްކާން އެބަޖެހެއެވެ. ބަޔެއް ބޭފުޅުންގެ ޙަޔާތުނާމާ ނެރުއްވާތަންވެސް ފެންނާން ފަށައިފިއެވެ. ޙަޔާތުނާމާ ނެރުއްވާ އެކިއެކި ބޭފުޅުން އެހެންމީހުންލައްވައި ލިޔުއްވިކަމުގައިވިޔަސް އެމީހަކު އަމިއްލަޔަށް ލިޔެލުމަކީވެސް މައްސަލައެއްކަމަކަށް ނުފެނެއެވެ. އެހެންކަމުން އަޅުގަނޑުގެ ގާތްބޭފުޅުން އެދިވަޑައިގަންނަވާ ކަމެއްކަމުގައިވާތީ އަޅުގަނޑުވެސް މިހާސަރު އަމުނައިލުމުގެ ހިތްވަރު ލިބިގަތީއެވެ.

ޢަރަބިބަހުގެ ހަރުބަހެއްގައިވާގޮތުން ކޮންމެ ބާވަތެއްގެވެސް ލިޔުމެއް ލިޔުމަކީ ނުވަތަ ތަޞްނީފެއް ކުރުމަކީ އަމާޒުފަތްގަނޑަކަށްވާ ކަމެކެވެ. އެގޮތުން ބަލާއިރު އަޅުގަނޑުގެ މިލިޔުމަކީވެސް ހެޔޮބަހެއް ލިބުމަށްވުރެބޮޑަށް "ޖަމްރާއަކަށްވުމުގެ" އެކަށޭނަކަންއޮތް ލިޔުމެއްކަމުގައި ޤަބޫލުކުރަމެވެ. އެކަމާހުރެ މިލިޔުން ލިޔެފައި ފޮށީގެ އަޑީގައި ބާއްވަންވެސް ބަޔެއް އަޚުން ލަފާދެއްވިއެވެ. އެކަމަކު އަޅުގަނޑު ޚިޔާރުކުރީ "ޖަމްރާއަކަށްވަންޏާ" ރަނގަޅަށް "ޖަމްރާއަކަށް" ވާށެވެ. އަޅުގަނޑުގެ އެހެން ބޭނުމެއްވެސް އެބައޮތެވެ. އަޅުގަނޑު ކޮށްފައިވާ ކަންކަމުގެ ވާހަކަ ލިޔާކަމުގައިވާނަމަ އަޅުގަނޑާއެކު މަސައްކަތުގެ ދާއިރާގައި އުޅުއްވި ބޭފުޅުން މާތް اللّـه ގެ ރަޙުމަތްފުޅާއެކު ހެޔޮޙާލުކޮޅުގައި ތިއްބަވަނިކޮށްލިޔެ ޝާއިޢުކުރުމެވެ. ޙަޤީޤަތް އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް ކަމުގައިވާތީއެވެ. އާދެ، މިއީ އަޅުގަނޑު މިލިޔުންލިޔެ ޝާއިޢުކުރާން މެދުވެރިވި ސަބަބުތަކެވެ.

- ފާރޫޤު –

+ + + +

1993 ވަނައަހަރަކީ ރާއްޖޭގެ ޤައުމީ ސިޔާސަތުގެ ދާއިރާގައި ވަރަށް މުހިންމު އަހަރެކެވެ. ސިޔާސީ އޮއިވަރު ވަރަށްބާރަށް އެނބުރެމުންދިޔަ އަހަރެކެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކުރެ ވިކޭނެބަޔަކު ބެލުމާއި އެކިއެކި މެމްބަރުން ގަނެވޭނެ އަގަކީ ކޮބައިތޯ ބެލުމުގެގޮތުން ސިއްރު ރިޕޯޓުތައް ތައްޔާރުކުރެވުނު ވާހަކަވެސް އުދުހުނު ދާއިރާއެއްގައި އުދުހުނުކަމީ ޙަޤީޤަތެކެވެ.

އެދުވަސްވަރު އަޅުގަނޑު މަސައްކަތްކުރީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައެވެ. އެ މަރުކަޒުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އޭގެއިތުރަށް 1985މ. އިން ފެށިގެން އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީމެވެ. އެދުވަސްވަރު ޤައުމީ ސިޔާސީ މަސްރަޙުގައި އެނބުރުނު އޮއިވަރާއެކު ރިޔާސީ އިންތިޚާބަށްފަހު ސަރުކާރުގެ ހިންގުމުގެ ދާއިރާއަށް ބަދަލުތަކެއް އަންނާނެކަމަށް އޮތީ ބެލެވިފައެވެ. ކޮންމެ މީހެއްގެ ހިތުގައިވެސް ތިމާޔަށްވެސް މަޤާމުގެ ކުރިއެރުން ލިބި އެނޫންވެސް ރަނގަޅު ގޮތްތައް މެދުވެރިވުމުގެ އެދުން އޮތުމަކީ ޠަބީޢީކަމެއް ދޮގެއްތޯއެވެ؟ އެގޮތުން އަޅުގަނޑުވެސް ހުރީ އަޅުގަނޑު ހުރި ދާއިރާއިން މަޤާމުގެ ކުރިއެރުން ލިބުން އެދިގެންނެވެ. ނަމަވެސް އަޅުގަނޑުގެ މިޒާޖާ އެއްގޮތަށް އެކަމަށް އެދި މަސައްކަތެއް ނުކުރަމެވެ. 1.10.1967 އިން ފެށިގެން 20 މެއި 2009 އަށް އަޅުގަނޑު ސަރުކާރުގެ ވަޒީފާ އަދާކުރިއިރު ދުވަހަކުވެސް ވެރިޔެއްގެ އަރިހުގައި މަޤާމުގެ ކުރިއެރުމަކަށް އެދި އަނގަބަހުންވެސް ލިޔުމަކުންވެސް ނުދަންނަވަމެވެ. އެހެންކަމުން އަޅުގަނޑަކީ ސަރުކާރުގެ ދާއިރާގައި މާބާރަށް ކުރިއަރައިގެން އައިމީހެއް ނޫނެވެ. މާކަޤާބިލު މީހަކީމެއްވެސް ނޫނެވެ.

އަޅުގަނޑު ސަރުކާރުގެ ވަޒީފާ އަދާކުރާންފެށީ ދެނަންބަރު ކާތިބެއްގެ މަޤާމުންނެވެ. ވުޒާރަތުލްމަޢާރިފު (ރ) ގެ ނީލަންފިހާރައިގެ ދެނަންބަރު ކާތިބެއްގެ މަޤާމުންނެވެ. سمـــــــوّالأمـيــــــر إبـــــراهــيـــــــم نــاصـــــــر ރ.ބ.ކ.، ނ.ޣ.ޢ.ވ. ސަރުކާރުގެ މުވައްޒަފުންގެ ފެންވަރު މަތިކުރެއްވުމުގެގޮތުން ދެނަންބަރު ކާތިބުން އެއްނަންބަރު ކާތިބުކަމުގެ ސަނަދު ނެގުން ލާޒިމުކުރެއްވިއިރު އަޅުގަނޑު ހުރީ ސޯސަންވިލާގެ ހިސާބު ބަލަހައްޓާ ކާތިބަކަށެވެ. ކޮޅުނބުގައެވެ. އަޅުގަނޑު ސަނަދުނަގަން މާލެ ގެންނެވުމުގެ ބަދަލުގައި ކޮޅުނބުގައި ހުރެގެން އިމްތިޙާނުގައި ބައިވެރިވެވޭނެގޮތް ހަމަޖައްސަވައިދެއްވިއެވެ. ކޮޅުނބަށް އިމްތިޙާނު ފޮނުއްވައިދެއްވިއެވެ. މިއީ އަޅުގަނޑު އެދިގެން ކޮށްދެއްވި ކަމެއްވެސް ނޫނެވެ. އަޅުގަނޑަށް ރަނގަޅުވީހީ އިމްތިޙާނުގައި ބައިވެރިވާން މާލެ އަންނާން ޗުއްޓީއެއް ދެއްވިނަމައެވެ. ކޮންމެއަކަސް އިމްތިޙާނަށް ތައްޔާރުވުމެއްނެތިވެސް އަޅުގަނޑު އެ އިމްތިޙާނުން ފާސްވިއެވެ. އަޅުގަނޑުގެ ސަނަދު ކޮޅުނބަށް ގެންގޮސްދެއްވީ އޭރުގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު الـفــاضـــل عــبــد اللّــه جـمـيــل މ.ދޫރެސް، ކޮޅުނބަށް ވަޑައިގެންނެވި ދަތުރުފުޅެއްގައެވެ.

ވާހަކަ ފަށައިގެން ތަންކޮޅެއް ބޮޑަށް އޮއިފައްސިޔަށް ދޫކޮށްލެވިއްޖެ ދޮގެއްތޯއެވެ؟ މިހިސާބުން މިޞްރާބު ސީދާކޮށްލަމެވެ. އާދެ، 11 ނޮވެމްބަރ 1993 ގައި رئيس الجــمــهــوريّـــة الأستـــاذ مــأمــــون عــبــدالــقــيّـــوم ރައީސްކަމުގެ ހުވާކުރެއްވިތާ ދެތިންވަނަޔަކަށްވީ ދުވަހު (ވަކިދުވަހެއް ހަނދާނެއް ނެތް) رئيس الجــمــهــوريّـــة ގެ އޮފީހުން الـفــاضـــل محـمّــد حسـين މއ.ރިހިތަރި. އަޅުގަނޑަށް ފޯނުކުރައްވައިފިއެވެ. ވިދާޅުވީ، އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަން އަޅުގަނޑާ ޙަވާލުކުރައްވަން رئيس الجــمــهــوريّـــة ނިންމަވައިފައިވާކަމަށާއި އަޅުގަނޑުގެ ވިސްނުން ހުރިގޮތެއް ބައްލަވައިލައްވަން ގުޅައިލެއްވީ ކަމުގައެވެ. މިއީ އަޅުގަނޑަށް ޚާއްޞަކަމެއް ނޫނެވެ. ސަރުކާރުގެ ވަކިފެންވަރެއްގެ މަޤާމުތަކަށް މީހުން ހޮއްވެވުމުގައި މިހާރުވެސް އަދި އޭރުވެސް ޢަމަލުކުރެވޭގޮތެވެ. އެންޓި-ކޮރަޕްޝަންގެ ދާއިރާއަކީ އެހައިތަނަށް އަޅުގަނޑު ވިސްނައިފައިވާ ދާއިރާއެއް ނޫނެވެ. އެހެންކަމުން އަޅުގަނޑު ދަންނަވައިފީމެވެ. އަޅުގަނޑަށް ރަނގަޅީ އަޅުގަނޑަށް ކުރިއެރުމެއް ދެއްވާކަމުގައިވާނަމަ އަޅުގަނޑު ހުރި ދާއިރާއިން ކުރިއެރުމެއް ދެއްވުމެވެ. ނަމަވެސް رئيس الجــمــهــوريّـــة ބޭނުންފުޅުވާގޮތަކީ ތިޔައީކަމުގައިވާނަމަ އަޅުގަނޑު ވިސްނައިލާން ފުރުޞަތެއް ދެއްވުން އެދެމެވެ.

محـمّــد حسـين އެންމެ ރަނގަޅޭ ވިދާޅުވެފައި ފޯނު ކަނޑުއްވައިލައްވައިފިއެވެ.

މިބާވަތުގެ ކަމެއްގައި އެދުވަސްވަރު އަޅުގަނޑު މަޝްވަރާކުރާން ތިއްބެވި ބޭފުޅުންނާ މަޝްވަރާކޮށްލުމުން އެބޭފުޅުން މަޝްވަރާ ދެއްވީ رئيس الجــمــهــوريّـــة ޙަވާލުކުރައްވާ މަޤާމެއް ޤަބޫލުކުރާންވާނެ ކަމުގައެވެ. (ކަން ވާންޖެހޭގޮތަކީ އެއީކަން އަޅުގަނޑަށް އަމިއްލަޔަށްވެސް ތަޖްރިބާކުރެވުނެވެ. އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމުގައި ހުއްޓައި އިލެކްޝަންސް ކޮމިޝަންގެ ކޮމިޝަނަރކަން އަޅުގަނޑަށް ހުށަހެޅުނެވެ. އޭރު 2008 ގެ ރިޔާސީ އިންތިޚާބު އޮތީ ބޯމަތިވެފައެވެ. އެހެންކަމުން އަޅުގަނޑު އެ މަޤާމު ޤަބޫލެއް ނުކުރީމެވެ. ދެން ފެނުނީ އިލެކްޝަންސަށް އެހެން ބޭފުޅަކު ހަމަޖެއްސެވިތަނެވެ. ހަމަޖެއްސެވީ ސްޓޭޓް މިނިސްޓަރެއްގެ ލެވެލްގައެވެ. އެހައިތަނަށް އިލެކްޝަންސްގައި ހުންނެވި ބޭފުޅާ އެހެން މަޤާމަކަށް ބަދަލުކުރެއްވީވެސް ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. އަޅުގަނޑުމެން ތިންމީހުން ނާއިބުންގެ ފެންވަރަށް އައީ އެކުއެކުގައެވެ. އަޅުގަނޑު ހުރިފެންވަރުގައި ހުރީއެވެ.) އެ މަޝްވަރާ ލިބުމުން އެއްދުވަސް މެދަށް ދޫކޮށްލައިފައި އަޅުގަނޑު الـفــاضـــل محـمّــد حسـين އަށް ފޯނުކޮށްފީމެވެ. އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަން ޤަބޫލުކުރާނެ ވާހަކަ ދަންނަވައިފީމެވެ. محـمّــد حسـين ވަރަށް ގާތްކަން ބަހައްޓަވާ ރާގެއްގައި "ވަރަށް ރަނގަޅޭ" ވިދާޅުވެފައި ފޯނު ބާއްވަވައިފިއެވެ. ގިނަދުވަހެއްނުވެ 16 ނޮވެމްބަރ 1993 ގައި އަޅުގަނޑު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރުކަމުން އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމަށް ބަދަލުކުރެއްވިކަމުގެ ޗިޓު ލިބިއްޖެއެވެ. އަޅުގަނޑު އެންޓި-ކޮރަޕްޝަން ބޯޑުގެ ކޮމިޝަނަރކަމުގެ ހުވާކުރީ 23 ނޮވެމްބަރ 1993 ގައެވެ. އަޅުގަނޑު އެ މަޤާމާ ޙަވާލުވީ ގޮންޖެހުމެއް ޤަބޫލުކުރުންކަމުގައި ހިތުން ޢަޒުމު ކަނޑައަޅައިގެންނެވެ. އަޅުގަނޑުގެ ދާއިރާއެއްކަމުގައި ނުވާތީއެވެ.

(ނުނިމޭ)