އެމްޑީޕީގެ ވަކި މީހަކަށް ރައްޔިތުން ތާއީދު ނުކުރާ ކަމަށާއި ރައްޔިތުން ވޯޓު ދޭނީ އެ ޕާޓީގެ ސިޔާސަތުތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު އަދި ފުވައްމުލަކު ރައްޔިތުންނާއެކު ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް ދޭ ތާއިދާއަކީ އެ ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން ދެމުންގެންދާ ތާއީދެއް ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް މިދޭ ތާއިދެއް މިދެނީ އަޅުގަނޑުމެންނަކަށް ނޫނޭ. އަޅުގަނޑުމެން މިދައްކާ ތަންފީޒު ކުރަންވެގެން މިއުޅޭ ސިޔާސަތަށް. އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެ މީހުން ވޯޓު ދެނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީން އެހެން ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހަދަންޖެހޭނަމަ، އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އެމްޑީޕީން މިހާރު ކޯލިޝަން ހަދާފައިވަނީ ސަރުކާރުގެ 40 ޕަސަންޓަށް ކަމަށާއި އެކަމަކު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މުޅި ރާއްޖެއިން ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ދީފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ކޯލިޝަންގެ ހިމެނޭ ޕާޓީއަކަށް ކެބިނެޓުން ތިން މަގާމު ދިން ކަމަށާއި އެ ޕާޓީގެ މެމްބަރަކު މަޖިލިސްގައި ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ 100 ޕަސަންޓް ތާއިދު އޮތްއިރު ސަރުކާރުން 40 ޕަސަންޓް ނަގާނަމަ، އެމްޑީޕީ މެމްބަރުން ބާކީ ވެގެންދާނެ ކަމަށެވެ. ރައްޔިތުން އެމްޑީޕީގެ ވަކި މީހަކަށް ތާއިދު ނުކުރާ ކަމަށާއި ރައްޔިތުން ތާއިދު ކުރަނީ އެމްޑީޕީގެ ސިޔާސަތުތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު