ޚަބަރު

އައްޑޫ ޓެރަރިޒަމް މައްސަލަ: ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި "ފަހު އިންޒާރު" ދީފި

މުހައްމަދު އިޝާން

1

ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް، ދީނުގެ ނަމުގައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުގައި ފުލުހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހިންގި މީހުން ދޫކޮށްލަން ގޮވާލައި، އިންޒާރު ދީފިއެވެ.

ފުލުހުން ވަނީ އައްޑޫގެ އިތުރުން ކ. ގުރައިދޫ އަދި މާލޭގައި ވެސް އެ އޮޕަރޭޝަނުގެ ބައެއް ކުރިއަށް ގެންގޮސްފައެވެ. ފުލުހުން ވަނީ އެ އޮޕަރޭޝަންގެ ތެރެއިން 14 މީހަކު ހައްޔަރުކޮށްފައެވެ.

އެ 14 މީހުން ދޫކޮށްލަން ގޮވާލައި އިސްލާމިކް ސްޓޭޓުގެ ލޯގާއާއެކު އައްޑޫގެ އެކިތަންތަނުގައި ތަތްކޮށްފައިވާ އިންޒާރުގެ ލިޔުންތައް މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

"އައްޑޫ ސިއްސުވާލާނީ. ލޭ އޮހޮރުމަކަށް ނުގޮސް އަމާންދީ. އަދި އަހުންތައް ދޫކޮށްލާ. މީ ފަހުގެ އިންޒާރު،" ތަތްކޮށްފައިވާ ލިޔުންތަކުގައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނީ، އެ މައްސަލަ މިއަދު ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ހައްޔަރުކުރި މީހުން މަސައްކަތް ކުރަމުން ދިޔައީ ގޮވާ ތަކެތި ބޭނުން ކޮށްގެން ތަނެއް ގޮއްވާލުމަށް ކަމަށެވެ. އަދި އެ މީހުން މަސައްކަތް ކުރަމުން ދިޔައީ ގިނަ ބަޔަކު މަރުވާ ގޮތަށް ތަނެއް ގޮއްވާލަން ކަމަށް ފުލުހުން ބުންޏެވެ.