މާ ބޮޑަށް "ރިއެކްޓް" ކުރީމަ ވެރިކަން ވެއްޓޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައްދުދެއްވައިފިއެވެ.
ނ. ވެލިދޫގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ހިސާން އެގޮތަށް ވިދާޅުވީ، ރައީސް ސޯލިހު "ރިއެކްޓް" ނުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުން ފާޑުވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުންނެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލްކަންވެސް ކުރެއްވި ހިސާން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިއަކު މާގަދައަށް ރިއެކްޓް ކުރުމަކީ ގަދަކަމެއް އަދި އެކަމުގެ ނަތީޖާވެސް ސަޅި ކަމެއް ނޫނެވެ. އެގޮތުން މާބޮޑަށް ރިއެކްޓް ކުރީމާ ބައެެއް ފަހަރު ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަނުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އަނެއްބައި ފަހަރު މާގަދައަށް ރިއެކްޓް ކުރެއްވީމާ ވެރިކަން އެބަ ވެއްޓިގެންދޭ. އަނެއްބައި ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ނޫނީ ވެރިކަން ނުމެ ދެމެހެއްޓޭ. ބައެއް ފަހަރު ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން އެތާ ތިބި ފަނޑިޔާރުން ދަމާ ކޫއްތާ އެބަ ނެރެންޖެހޭ. އާދެ މި ރިއެކްޝަންގެ ނަތީޖާއަކީ އަޅުގަނޑުމެން ނުކުމެ މަގުމަތިވުން" ހިސާން ވިދާޅުވިއެވެ.
ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަންކުރަން ޖެހުނު ކަމަށް ހިސާން އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ތިން ނައިބުން ފެނިގެން ގޮސްފައިވެއެވެ. ވެރިކަން ވެއްޓޭ ކަމަށް ހިސާން އެ އިޝާރާތް ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ނިމިގެންދިޔަ ގޮތަށެވެ.
ހިސާން ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ވަނަ އަހަރު ނިމުނު ގޮތާއި އެއަށްފަހު އައި ފަސް އަހަރު ދުވަހު އެމްޑީޕީ މެންބަރުން އުޅުން ގޮތް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ވެއްޓުމަށްފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ޖެހެންދެން އެމްޑީޕީގެ މުޅި ލަޝްކަރު އޮތީ މުޒާހަރާގައި މަގުމަތީގައި ކަމަށާއި 2013 ގައި އިދިކޮޅަށް ވެރިކަން ލިބުމަށްފަހު އައީ އަދި މާއުނދަގޫ ހާލަތެއް ކަމަށް ވިދާޅުވިއެވެ.