މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތަށް ފައިސާ ހޯދުމަށް މިދިޔަ ހުކުރު ދުވަހު ފެށި "ޗާލު މިސްކިތް" ފަަންޑް ހަރަކާތް ރޭ ނިންމާލި އިރު، ހަތް ލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
މާލެ ސިޓި ކައުންސިލުން އިއްޔެ ބުނީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާގެ ބަޖެޓަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އެހެން ކަމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ހަރަކާތުން 744713.90 ރުފިޔާ ލިބިފައިވާ ކަމަށެވެ.
ޗާލު މިސްކިތް ފަންޑް ހަރަކާތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މި ހަރަކާތުގެ ފުރަތަމަ ދުވަހު 313397.90 ރުފިޔާ ވަނީ ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމީ މިސްކިތްތައް ކައުންސިލާ، ސަރުކާރުން ހަވާލުކުރީ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓެއް ދީފައިނުވާތީ ކަމަށް އެކައުންސިލުން ބުންޏެވެ.
މި ހަރަކާތް ނިންމުމަށް އާޓިފިޝަލް ބީޗުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މަރާމާތަށް ހަރަދު ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް ނުވަ މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު