އިދިކޮޅުން ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިޔާނާތް ހިންގި މައްސަލަ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
މި މުޒާހަރާތަކުން ކޮންމެ ރެއަކުވެސް މީހުން ހައްޔަރު ކުރެއެވެ.
ފުލުހުންގެ މީޑިއާ އިން "ވަން" އަށް މިއަދު ބުނީ، ރޭގެ މުޒާހަރާއިން ހައްޔަރުކުރީ ޖުމުލަ ނުވަ މީހުން ކަމަށާއި އޭގެ ތެރެއިން ތިން މީހަކު ފިޔަވައި އެހެން އެންމެން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބާކީ ތިބި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީން މިނިވަންވުމާ ހަމައަށް މުޒާހަރާތައް ކުރިއަށް ގެންދާނެއެވެ. އެ މަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނެތި ރިޔާސީ އިންތިހާބު ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު