އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ ލިވަޕޫލާއި ވުލްވްސް ވާދަކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ލިވަޕޫލް ދަނޑުގައި ރޭ ކުޅުނު މެޗަށް ދެ ޓީމު ނުކުތް އިރު، ލިވަޕޫލަށް އޮތް އެންމެ ބޮޑު މާޔޫސްކަމަކީ އަނިޔާގެ މައްސަލަތަކެވެ. ސީޒަންގެ ކުރީކޮޅުން ފެށިގެންވެސް ޑިއޭގޯ ޖޮޓާއާއި ލުއިސް ޑިއާޒަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ރޭގެ މެޗަށް ނުކުންނަން ޖެހުނީ އެންމެ މުހިންމު ޑިފެންޑަރު، ވާޖިލް ވެން ޑައިކްވެސް ނުލައެވެ.
ލިވަޕޫލުން ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެން ޑައިކްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިފައެވެ.
މެޗުގެ ކުރީކޮޅުގައި ވުލްވްސްއިން ލީޑު ނެގީ ގޮންސާލޯ ގުއެޑެސްގެ ގޯލުންނެވެ. ޕޯޗުގަލްގެ ތަރި ގުއެޑެސް އެ ގޯލު ޖެހުމުގައި އެންމެ ބޮޑު ފައިދާއެއް ހޯދީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަތުން ހެދުނު ގޯހެވެ.
އޭގެ ފަހުން ދެން މެޗުގައި ފެނިގެން ދިޔައީ ލިވަޕޫލުން ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލި ތަނެވެ. ޑާވިން ނުނޭޒްގެ ހިތްގައިމު ގޯލަކުން ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރި އިރު، މުހައްމަދު ސަލާހް ވަނީ އެ ޓީމަށް ފަހަތުން އަރައި ލީޑު ނަގައިދީފައެވެ.
ވުލްވްސްއަށް މެޗުގައި ދެވަނަ ގޯލެއް ޖަހައިދިނީ ބެންޗުން ކުޅެން ނުކުތް ވޭންހް ހީ-ޗޭންއެވެ. އެ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަވެ، އަނެއް ބުރަށް ދާނެ ޓީމެއް ކަނޑައެޅުމަށް އިތުރު މެޗެއް ކުޅެން ޖެހިފައިވާ އިރު، ރޭގެ މެޗުގައި ވުލްވްސް އިން ވަނީ ތިންވަނަ ގޯލެއް ޖެހުނު ކަމަށް ނިންމައި އުފާފާޅުވެސް ކޮށްފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ވުލްވްސްގެ ސެންޓަ ޑިފެންޑަރު، ޓޮޓި ކޯނަރަކަށް އަރައި ޖެހި ބޯޅަ ގޯލުތެރެއަށް ވައްދާލައި، އޭނާ ޖާޒީ ބާލައިގެން އުފާފާޅުކުރި ނަމަވެސް ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ދިދަ ނަގައިފައެވެ. އެ ބޯޅައަށް ފުރުސަތު ތަނަވަސްކުރުމުގެ ތެރޭގައި އޮފްސައިޑްވި ކަމަށް ލައިންސްމަން ނިންމީ މަތުއުސް ނުނޭސެވެ.
ބެލިބެލުމަށް އެ ހަމަލާއަށް ފުރުސަތު ތަނަވަސްކުރުމުގައި ވުލްވްސްގެ ކުޅުންތެރިޔަކު އޮފްސައިޑް ނުވި ނަމަވެސް، ވީއޭއާރް އެހީގައި ނިންމުން ބަދަލުނުކުރީ ރަނގަޅު ކެމެރާ އެންގަލަކުން ރިޕްލައި ބެލޭނެ ގޮތެއް ނުވުމުންނެވެ.
އެ ނިންމުމާއެކު ވުލްވްސްގެ ކޯޗު ހުލެން ލޮޕެޓެގީ ވަނީ މެޗު ނިންމައި، ކެޕްޓަން ރުބެން ނެވޭސްއާއެކު ރެފްރީ އެންޑްރޫ މޭޑްލޭގެ ރޫމަށް ގޮސްވެސް ޝަކުވާކޮށްފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ލޮޕެޓެގީ ބުނީ "ވުޖޫދުގައި ނެތް އޮފްސައިޑެއް ދައްކައިގެން،" މެޗު އެއްވަރުވުމުން ރުޅިގަދަވެފައި ހުރި ކަމަށެވެ. މެޗުގައި ލައިންސްމަން ނިންމީ ގޯސް ނިންމުމެއް ކަމަށް ލޮޕެޓެގީ ބުނެފައިވާ އިރު، އޭނާ އިތުރަށް ބުނީ ވީއޭއާރުގެ އެހީގައި ނިންމުން އަލުން ނުބެލުން އެއީ ލަދެއް ކަމަށެވެ.
އެފްއޭ ކަޕްގެ މި ބުރުގެ މެޗުތައް ކުޅެމުންދާ އިރު، ވީއޭއާރްގެ ބޭނުން ކުރަމުން ދަނީވެސް ޕްރިމިއާ ލީގު ޓީމުތަކުގެ ދަނޑުތަކުގައި ކުޅެމުންދާ މެޗުތަކުގައި އެކަންޏެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް