ކެމްޕެއިން ކުރަންވާނީ ޕްރައިމަރީ ނިމުމާއެކުވެސް އެންމެން އެކުގައި ކުރިއަށްދެވޭނެ ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވެލިދުއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ގިނަ ފިކުރުތަކާއެކު ވެރިކަން ކުރެއްވޭނެ ބޭފުޅަކަށް އެމްޑީޕީގައި ހުންނެވީ އެމަނިކުފާނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީ މެމްބަރުންގެ ހުރިހާ ވިސްނުމެއް ބަހައްޓަން ޖެހޭނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނެ ގޮތަކަށް ކަމަށާއި ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުމުންވެސް ކުރިއަށްދާނީ އެއްކޮށް ކަމަށާއި އެމްޑީޕީއަކީ އެއްބައެއް ކަމަށް ވިދާޅުވިއެވެ.
"ޕާޓީގެ ޕްރައިމަރީ ނިމުމާއެކުގައި އެގޮތަށް (އެކުގައި) މަސައްކަތް ކުރެވޭނެ ވިސްނުމެއްގައި އަޅުގަނޑުމެންގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އަޅުގަނޑުގެ ސަޕޯޓަރުންގެ އަރިހުން އެދޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުންވެސް ގެންދަވަނީ ކެމްޕެއިން ފޯރީގައި ކުރައްވަމުންނެވެ. ކެމްޕެއިންގެ ތެރެއިން ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެފައިވެސް އެބަހުއްޓެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު