ރާއްޖޭގައި ތައުލީމީ އާ ޖީލެއް ބިނާކުރުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވެލިދުއަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށާއި އެގޮތުން އެމަނިކުފާނުގެ ގަބޫލުކުރައްވާ ގޮތުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ މީހުން ބިނާކޮށް އާ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ކަމަށެވެ.
ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރުން ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން 1578 ކްލާސްރޫމާއި 85 މަލްޓި ޕާޕަސް ހޯލުގެ އިތުރުން ސްކޫލުތަކުގައި 509 އެހެން އިމާރާތްތައް ގާއިމްކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 16،000 ވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާގެ ކުރިއެރުމަށް މި ސަރުކާރުން ކުރަމުންގެންދާ ކަންކަން ނުހުއްޓި ކުރިއަށްގެންދިއުމަށްޓަކައި، އެމަނިކުފާނު ޕްރައިމަރީ ކާމިޔާބު ކުރައްވަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ތައުލީމު ކުރިއެރުވުމަށްޓަކައިވެސް، އާ ޖީލެއް ބިނާކުރުމަށްޓަކައިވެސް އަޅުގަނޑުމެން އެބަ ޖެހޭ މި ޕްރައިމަރީ ކާމިޔާބުކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ގިނަ ފިކުރުތަކާއެކު މަސައްކަތްކުރެއްވޭނެ ބޭފުޅެއް ކަމަށާއި ރިޔާސީ އިންތިހާބު އެއްބުރުން ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު