ފެށުނީއްސުރެ ރައްޔިތުންގެ މަޖިލީހުން އައީ ގޮންޖެހުންތައް ކުރިމަތި ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުން މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ނ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކެނދިކުޅުދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ފެށުނީއްސުރެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރިމަތި ކުރަމުންދިޔަ ގޮންޖެހުންތައް ހުރަސްކޮށް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެހެން އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭހާ ހިދުމަތް މި ސަރުކާރަށް ކޮށްދެވިފައިވާ ކަމަށެވެ. އަދި ކޮންމެ ފަސް އަހަރެއްގެ ހިސާބު ޖެހުމުން އެކަން ސާބިތުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރަށް ކުރިމަތިކުރުވި އެ ގޮންޖެހުންތައް ހުރަސްކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމުގައި ދެމި ހުންނެވީ ކެތްތެރިކަމާއެކު ކަމަށެވެ. ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭހާ ގިނަ މަސައްކަތް މި ހަތަރު އަހަރު ތެރޭގައި ކޮށްދެއްވިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަސާސީ ހިދުމަތްތަކުގައި އެއްވެސް ރައްޔިތަކު ބާކީވެގެންނުވާނެ ކަމަށެވެ. އަދި ސަރުކާރަކުން ރައްޔިތަކަށް ކޮށްދޭ އެއްވެސް ކަމަކީ އިސްރާފެއް ނޫން ކަމަށާއި އެގޮތަށް ދެކިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަނީ އެގޮތަށް އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ސަރުކާރުން ހިދުމަތްދެމުން މިހާރުވެސް ގެންދާގޮތަށް އެކަންތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު