އިޓަލީގެ ކުރީގެ ފުޓްބޯޅަ ތަރި ޖިއާންލޫކާ ވިއާއްލީ ވަނީ ހުކުރު ދުވަހު ކެންސަރުބަލީގައި ނިޔާވެފައެވެ. އުމުރުން 58 އަހަރުގައި ވިއާއްލީ މިދުނިޔެއިން ވަކިވެގެންދިޔަކަން އިއުލާންކުރީ އޭނާގެ ކުރީގެ ކުލަބް ކަމަށްވާ އިޓަލީގެ ސެމްޕްޑޯރިޔާއިންނެވެ. ވިއާއްލީގެ ރަންޒަމާނުގައި އޭނާ މަޝްހޫރުވެފައިވަނީ އިޓަލީގެ ގޯލްޑަން ބޯއިގެ ނަމުންނެވެ. އެއީ އިޓަލީގައި އުފެދުނު އެންމެ ކުޅަދާނަ އެއްފޯވާޑެވެ. ސެމްޕްޑޯރިޔާގެ އިތުރުން ޔުވެންޓަސްއަށްވެސް ކުޅުނެވެ. އިނގިރޭސިވިލާތުގެ ޗެލްސީއަށްވެސް ކުޅުނެވެ. އިޓަލީގެ ގައުމީ ޓީމަށް ޖުމްލަ 59 މެޗު ކުޅެދީފައިވެއެވެ. އެހެންނަމަވެސް ގައުމީ ޓީމާއެކު މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަމިއްލަ ގައުމުގައި 1990 ވަނަ އަހަރުގެ ވޯލްޑްކަޕުން ތިންވަނަ ލިބުނެވެ. ޖުމްލަ ދެ ވޯލްޑްކަޕެއްގައި 7 މެޗު ކުޅުނެވެ.

މިޒަމާނުގައި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ތަރިން ދިވެހިރާއްޖެއަށް އައުމަކީ ވަރަށް އާއްމު ކަމެކެވެ. އެކަން އެހާ އާއްމު ނޫން ޒަމާނުގައި ފުޓްބޯޅަ ތަރިންގެ ތެރޭގައި ރާއްޖެ އިޝްތިހާރު ކުރުމުގައި ވިއާއްލީގެ ދައުރެެއް އޮތްކަމަށް ފެނެއެވެ. އެފެންވަރުގެ ތަރިންގެ ތެރެއިން އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްގެން އެވާހަކަ ނޫސްތަކަށް އެރި ފުރަތަމަ ކުޅުންތެރިއަކީ ވިއާއްލީ ކަމަށް ވެދާނެއެވެ. އޭނާ އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ މީގެ ތިރީސް އަހަރު ކުރިންނެވެ. ވިއާއްލީއާ އެކު އިޓަލީގެ އެހެން ތަރިއަކުވެސް އެފަހަރު އައެވެ. ނަމަކީ ޕިއެތުރޯ ވިއެރްކޮވޮޑެވެ. މި ދެމީހުންވެސް ރާއްޖެއަށް އައީ ވިއާއްލީގެ ހިތުތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން އުފެދިގެން އޭނާގެ އިސްނެގުމުގެ މަތިންނެވެ. އޭނާއާ ވާހަކަ ދައްކައިލުމުގެ ނަސީބު އަޅުގަނޑަށްވެސް އޮތީ ލިބިފައެވެ.

ނޫސްވެރިއެއްގެ ގޮތުގައި ބައިނަލްއަގުވާމީ ކުޅިވަރުގެ ޚަބަރުތައް ކަވަރުކުރަން ފެށުމުގެ މާކުރީގައިވެސް ބޭރުދުނިޔޭގެ ކުޅިވަރުގެ ކަންކަމަށް ވަރަށް ބޮޑު ޝައުވެރިކަމެއް ދެވުނެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 1986 އަދި 1990 ވަނަ އަހަރު ބަލާފައިވަނީ ނޫސްވެރިކަމުގެ ތެރެއަށް ވަނުމުގެ ކުރިންނެވެ. އެ ދެ މުބާރާތުން ފެނުނު ކުޅުންތެރިންގެ ތެރެއިން ހަމަލޮލުން އަޅުގަނޑަށް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނުނު ދެ ކުޅުންތެރިންނަކީ އިޓަލީގެ ފޯވާޑް ޖިއާންލޫކާ ވިއާއްލީ އާއި ޑިފެންޑަރު ޕިއެތުރޯ ވިއެރްކޮވޮޑެވެ. މި ދެކުޅުންތެރިންވެސް ވަނީ ކުރިން ދެންނެވި ދެ ވޯލްޑްކަޕުގައި އިޓަލީއަށް ކުޅެފައެވެ. ވިއެރްކޮވޮޑަކީ 1982 ގެ ވޯލްޑްކަޕް އިޓަލީ ކާމިޔާބުކުރިއިރު ސްކޮޑްގައި ހިމެނުނު ކުޅުންތެރިއެކެވެ. އެކަމަކު މެޗެއް ނުކުޅެއެވެ.

ލޫކާ ވިއާއްލީ އާއި ޕިއެތުރޯ ވިއެރްކޮވޮޑް ދިވެހިރާއްޖެއަށް އައީ ހަނދާންވާގޮތުގައި 1992 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިމުމުން އާއިލާޔާއެކު ޗުއްޓީ ހޭދަކުރުމަށެވެ. އެދެމީހުން ތިބީ ދިވެހިރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން އިޓަލީގެ މެނޭޖްމަންޓެއް އޮންނަ އެކްސްކުލޫސިވް ރިސޯޓެއް ކަމުގައިވާ ނިކަ ހޮޓަލުގައެވެ. އެއީ އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއާ ވަރަށް ގާތުގައި އޮންނަ ރިސޯޓެކެވެ. އަސްލު ނަމަކީ ކުޑަފޮޅުދޫއެވެ. ދެހަފުތާއެއްހާ ދުވަހު ދެމިތިއްބެވެ. ވިއާއްލީއަކީ އިޓަލީގެ ފުޓްބޯޅައިގެ ގޯލްޑަން ބޯއިގެ ނަމުން މަޝްހޫރުވެފައިވާތީއާއެކު ދިވެހީންވެސް ވަރަށް ދަންނަ ކުޅުންތެރިއެކެވެ. ދެމީހުންގެ ތެރެއިން ގައުމީ ޓީމުގައިވެސް އަދި ކުލަބުގައިވެސް ސީނިއަރ ކުޅުންތެރިއަކީ ވިއެރްކޮވޮޑެވެ. އެކަމަކު ގިނަބަޔަކަށް އޭނާއެއް ނޭނގެއެވެ. ރާއްޖެއަށް އައިއިރު ދެމީހުންގެވެސް ކުލަބަކީ ސެމްޕްޑޯރިޔާއެވެ.

ނިކަހޮޓަލުގައި ފުޓްބޯޅަ ދަނޑެއް ނޯވެއެވެ. ވޮލީ ކޯޓެއް އޮވެއެވެ. އަދި ކާޕެޓް އަޅާފައި އޮންނަ ޓެނިސް ކޯޓެއްވެސް އޮވެއެވެ. ދޭތެރެޔަކުން ދިވެހިންނާއެކު ވޮލީ ކުޅެލަން ބައެއް ދުވަސްދުވަހު ހަވީރު ވިއާއްލީ އާއި ވިއެރްކޮވޮޑް ވޮލީ ކޯޓަށް އާދެއެވެ. އަދި އެދެމީހުން އެކަކު އަނެކަކާ ދެކޮޅަށް ދޭތެރެއަކުން ޓެނިސް ކުޅެންވެސް ކޯޓަށް އަރައެވެ. މަޝްހޫރު ތަރިންކަމުގައިވިއަސް އެމީހުންގެ އުޅުން ވަރަށް ސާދާވެފައި އެކުވެރިކަން ފާޅުކުރުން ބޮޑެވެ. ކޮންމެ މީހަކާވެސް ސަމާސާކޮށް ވާހަކަ ދައްކައި ހަދައެވެ. އޭރު ދުނިޔޭގެ ފުޓްބޯޅައިގެ ތަރިންނާހެދި ދިވެހީން އެހާބޮޑަށް ނޫޅޭތީކަންވެސް ނޭނގެއެވެ. އެމީހުންނާ ބައްދަލުނުކުރެވިގެން، ފޮޓޯ ނުނެގިގެން އުޅޭ ދިވެއްސަކު ނުފެނެއެވެ. އެކަމުގައި އަވަދިނެތި އުޅޭތީ ފެނުނީ އިޓަލީގެ ފަތުރުވެރިންނެވެ. ހަނދާން ބަލިނޫންކަމަށްވަނީނަމަ ނިކަ ހޮޓަލުގެ މުވައްޒަފުންނާ ބައިވެރިވެގެން ފުޓްބޯޅަ ކުޅެން ދެދުވަހެއްގައި ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑަށްވެސް އެދެމީހުން ދިޔައެވެ.

ލޫކާ ވިއާއްލީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ ކިތައްފަހަރުކަން ދަންނަވާކަށް ނޭނގެއެވެ. އެކަމަކު މިދެންނެވި ފަހަރަކީ އަލަށް އައި ފަހަރެވެ. ވިއާއްލީ އާއި ވިއެރްކޮވޮޑް ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ވާހަކަ ދުވަހު ނޫސް ހަވީރުގައި ޝާއިއު ކުރިއެވެ. އެދެމީހުން ފުރުމުގެ ކުރިން ގަލޮޅު ދަނޑުގައި ދައްކައިލުމުގެ މެޗެއް އިންތިޒާމްކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަނުން މަސައްކަތްކުރިއެވެ. މެޗެެއްވެސް ކުޅުނެވެ. ހަނދާންވާގޮތުގައި ރާއްޖޭގެ ލީގުން ހޮވައިލެވުނު ދެ ޓީމެއްގެ ޚާއްސަ މެޗެކެވެ. ކުޑަވަގުތުކޮޅަކަށް ދެމީހުންވެސް ކުޅެން ނުކުތް ހަނދާންވެއެވެ. ހުރެވުނީ މާލޭގައި ނޫންކަމުން މެޗެއް ނުދެކެމެވެ. އެކަމަކު ކުޅުނުކަން ދެނަހުރީމެވެ. ބުނާތީ އިވެއެވެ. ދިވެހި ފޭނުންނަށް އޮޓޮގްރާފް ދިނުމާއި ފޮޓޯ ނެގުންވެސް އޮތެވެ. އެދަތުރަށްފަހު ދެން ވިއާއްލީ ބަދަލުވީ ޔުވެންޓަސް އަށެވެ.