(30 ޑިސެމްބަރުގެ އަދަދާ ގުޅޭ)
އޭނާގެ ނަންފުޅަކީ محـمّــد ثــانــــى އެވެ. އެކަމަކު ތާރީޚުގައި އޭނާގެ ނަންފުޅު ފަވައިލެވިފައިވަނީ محمّـد الـفـاتـح ގެ ޝަރަފުވެރި ނަންފުޅުންނެވެ. محمّـد الـفـاتـح ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 26 ރަޖަބު 831ހ. (20 އެޕްރީލް 1424) ގައެވެ. محـمّــد ގެ ބައްޕާފުޅު سلطـــان مــــــراد ثــانــــى އަކީ ޢަދުލުވެރި، ރަޙްމުވެރި، ދީލަތިފުޅު އިސްލާމީ ރަސްކަލެކެވެ. ހަރުދަނާ މިޒާޖުފުޅުގެ ބޭފުޅެކެވެ. ބުއްދިފުޅު ތަނަވަސް ބޭފުޅެކެވެ. އޭނާގެ ރައްޔިތުން އޭނާ ދެކެ ލޯބިވެއެވެ. އޭނާގެ ދައުރުގައި ރައްޔިތުން ތިބީ ތިޔާގިކަމާއި އުފާފާގަތިކަމުގައެވެ. އަމަންއަމާންކަމުގައެވެ. سلطـــان مــــــراد ثــانــــى އަކީ ވަރަށްބޮޑަށް މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ ފަސޭހައާއި ލާބަޔަށްޓަކައި ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. سـلطـــان مــــــــراد ثــانــــــى ވަނީ އޭނާގެ ދަރިކަލުން محمّـــد ގެ ތަޢުލީމަށާއި ތަރްބިޔަތަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިފައެވެ. ދަރިކަލުންނަށް ކިޔަވައިދެއްވުމުގެ އެންމެފުރިހަމަ އިންތިޒާމުތައް ހަމަޖައްސަވައިފައެވެ. އެޒަމާނުގައި ޢާންމުކޮށް ފެތުރިފައިވާ ޢިލްމުތަކާއި ފަންނުތައް ދަސްފުޅުކޮށް އެރުވުމަށްޓަކައިވެސް މަތީދަރަޖައިގެ އަފޫރުއްބަ ޢާލިމުންނަށް ވަޒީފާ ދެއްވައިފައެވެ. އެބޭކަލުންނަށް ވަރަށްބޮޑެތި މުސާރަތައް ދެއްވައިފައެވެ. محمّـــد ثــانـــــى އަކީ އެމަނިކުފާނުގެ ފިޠުރީ އުފެދުމުގައިވެސް ނުހަނު ހިތްޕުޅުއަލި ވިސްނުންފުޅު ތޫނު ބޭފުޅެކެވެ. ޢިލްމު ހޯއްދަވަން ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ އުސްތާޒުންވަނީ އެމަނިކުފާނުގެ ޤާބިލިއްޔަތަށް އިޢުތިރާފުވެވަޑައިގެންފައެވެ. محمّـــد ވަރަށް އަވަހަށް ވަރަށްގިނަ ބަސްތައް ދަސްފުޅުކުރެއްވިއެވެ. އެމަނިކުފާނުގެ އަމިއްލަފުޅު މާދަރީބަސްކަމުގައިވާ ތުރުކިޔޭ ބަހެވެ. އޭގެއިތުރަށް ޢަރަބިބަހާއި ފާރިސީބަހާއި ލެޓިންބަހެވެ. ހިބްރޫބަހާއި ޔޫނާނީބަހަށްވެސް ނުހަނު ފަރިތަފުޅެވެ. ދީނީތަޢުލީމުގެ އިތުރަށް ޔޫނާނީ ފަލްސަފާއާއި އިރުމަތީގެ ތަހްޒީބާއި ޘަޤާފަތާއި ތާރީޚުގެ މައުޟޫޢުތައްވެސް އޭނާއަށް ފެންފަދައެވެ. ރަސްރަސްކަލުންގެ ތާރީޚަށް އޭނާ ނުހަނު ޝައުޤުވެރިވެވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ފާތިޙުންގެ ޙަޔާތްޕުޅުގެ ވާހަކަ ނުހަނު ޝައުޤުވެރިކަމާއެކު ވިދާޅުވެއެވެ. سكــنــدر أعـظـــــم ގެ ޙަޔާތްޕުޅުގެ ވާހަކައަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ބެހެއްޓެވިއެވެ.
ފަށުވި ފަންނުތަކުގެ ތެރެއިން ޅެމާއި ޅެންވެރިކަމަކީ އޭނާ ޠަބީޢީގޮތުން ލެނބިވަޑައިގެން ހުންނެވި ފަންނެކެވެ. ވަލީޢަހްދުކަމުގެ ދުވަސްވަރު އައުމުގެކުރީން އޭނާވަނީ އޭނާގެ އެދުރުންގެ މަގުދެއްކެވުމުގައި އެފަންނުގެ ހުރިހައި ކަވިކަމަކާއި ހުނަރުތަކާއި ބަހުރުތަކެއް އުނގެނިވަޑައިގެންފައެވެ. ތުރުކިޔޭއިންނާއި ޢަރަބީންނާއި ފާރިސީންގެ މޮޅު ޅެންވެރީންގެ ޅެމުގެ މުތްތަކުން ޖީބުފުޅާއި ދާވަނިކޮޅު ފުރައިލައްވައިފައެވެ. އޭނާއަކީ ކުޅަދާނަ އަދީބެކެވެ. ޤާބިލު ވާހަކަދެއްކެވުންތެރިޔެކެވެ. މިދެންނެވި ޢިލްމުތަކުގެ އިތުރަށް ހަނގުރާމައިގެ ފަންނުތަކާއި ހެވިކަމުގެ އުކުޅުތައް ދަސްފުޅުކުރައްވަންވެސް އޭނާ ނުހަނު ޝައުޤުވެރިވެވަޑައިގެންނެވިއެވެ.
ޢުޘްމާނީ ޚާންދާނުގެ ގިނަ ރަސްރަސްކަލުންނަކީ ޢައްޔާޝީ ބޭފުޅުންނެއް ނޫނެވެ. ވެރިކަން ކުރެއްވުމުގެ ޤާބިލިއްޔަތާއެކު އެބޭފުޅުންނަކީ ޢަސްކަރީ ޖަނަރަލުންނެވެ. ހިތްވަރުފުޅުގަދަކަމާއި، ހިންމަތްތެރިކަމާއި ޢަޒުމުފުޅުގެ ވަރުގަދަކަމާއި ސާބިތުކަމަކީ محمّـــد ثــانـــــى އަށް ޢާއިލީ ވާރުތައިން ލިބިވަޑައިގެންނެވި ކަންކަމެވެ. محمّـــد ގެ ބައްޕާފުޅު سلطـــان مــــــــراد ثــانـــــى އަކީ أولــــوالـــعـــــزم ގެ ވެރި މުޖާހިދެކެވެ. محمّـــد ރަސްކަން ހިންގެވުމުގެ ފާޑުވެރިކަމާއި ސިޔާސީ ރާޒުވާއާއި ޢަސްކަރީ ރޭއްވެވުންތެރިކަމުގެ ތަރްބިޔަތު ހޯއްދެވީ ބައްޕާފުޅުގެ އަރިހުންނެވެ.
سلطـــان مــــــــراد ثــانـــــى އަކީ އެމަނިކުފާނުގެ މިޒާޖުފުޅުގައި ދަރުވޭޝީ ޚަޞީލަތުގެ ބޭފުޅެކެވެ. އެމަނިކުފާނުގެ ރަސްކަމުގެ ވިއްސަކަށް ބާވީހަކަށް އަހަރު ހޭދަކުރެއްވީ މެދުކެނޑުމެއްނެތި ފަރަންޖީންނާ ދެކޮޅަށް ޖިހާދު ކުރެއްވުމުގައެވެ. އޭގެސަބަބަކީ އެމަނިކުފާނުގެ ރަސްކަން ފުޅާކުރައްވާހިތްޕުޅުވުމެއް ނޫނެވެ. مــــــــراد ކޮންމެފަހަރަކުވެސް އަހުގެ ރިކާބުގައި ފައިންޕުޅު އަޅުއްވަނީ ދުޝްމިނުން އޭނާއަށް ހަނގުރާމަކުރައްވަން މަޖްބޫރުކުރުވުމުންނެވެ. ދުޝްމިނުން ބަލިކުރައްވައި ކިޔަމަންކުރެއްވުމަށްފަހު އެމަނިކުފާނު ހަތިޔާރު ބަހައްޓަވަނީއެވެ. ދުޝްމިނުންނާ ކުރައްވާ މުޢާހަދާއަށް ވަރަށްބޮޑަށް ވަފާތެރިވެވަޑައިގަންނަވައެވެ. ހަންގޭރީގެ ރަސްގެފާނާއެކު ދިހަ އަހަރުގެ ޞުލްޙައިގެ މުޢާހަދާއެއް ކުރެއްވުމަށްފަހު (މަޝްހޫރު ސީޖަދު ނުވަތަ ޒީޖީޑީން މުޢާހަދާ) އެނބުރިވަޑައިގެންނެވިއިރު ހުންނެވީ ރަސްކަމުގެ މަތީން ވަރަށްބޮޑަށް ފޫހިފުޅުވެފައެވެ. އަނެއްކޮޅުން ޢުޘްމާނީ ސަރަޙައްދަށް ވެދެވަޑައިގެންނެވުމާއެކު سلطـــان مــــــــراد އަށް ލިބިވަޑައިގެންނެވި ހިތާމަވެރި ޚަބަރަކީ އެމަނިކުފާނުގެ ދޮށީދަރިކަލުން عــلاءالــدّيــــن އަވަހާރަވީ ޚަބަރެވެ. عــلاءالــدّيــــن އަކީ ނުހަނު ޤާބިލު ބޭފުޅެކެވެ. ވަރަށްބޮޑު ބަހާދަރެކެވެ. ކުޅަދާނަފުޅު ހެއްވެކެވެ. އެހެންކަމުން سلطـــان مــــــراد ثــانــــى ރަސްކަން މުޅީން ދޫކޮށްލައްވަން ކަނޑައަޅުއްވައި އެމަނިކުފާނުގެ ދެވަނަ ދަރިކަލުން محمّـــد ثــانـــــى އާ ރަސްކަން ޙަވާލުކުރައްވައިފިއެވެ. އޭރު محمّـــد ގެ އުމުރުފުޅަކީ ސޯޅަވަރަކަށް އަހަރުފުޅެވެ. سـلطـــان مــــــــراد ރަސްކަން ދޫކޮށްލައްވައިފައި ވަޑައިގެންނެވީ އޭޝިޔާކޫޗަކުގެ މަންގީޝިޔާއަށެވެ. އޭނާ މަޝްޣޫލުވެވަޑައިގެންނެވީ މާތް اللّـــه އަށް އަޅުކަންކުރެއްވުމާއި ޒިކުރު ކުރެއްވުމުގައެވެ. (ތާރީޚެ އިސްލާމްކީ ޢަޒީމު ޝަޚްޞިއްޔަތު، ނާޢިމާ ޞުހައިބު)
سـلطـــان مــــــــراد ރަސްކަމުން ދުރުވެވަޑައިގެން އެމަނިކުފާނުގެ ތުއްޕުޅު އަދި ތަޖްރިބާއެއްނެތް ދަރިކަލުން محمّـــد އާ ރަސްކަން ޙަވާލުކުރެއްވި ޚަބަރު ޢާންމުވުމާއެކު ޔޫރަޕުގެ މަސީޙީން ހައްޓަކު ހެޔެއްނެތެވެ. ޢުޘްމާނީ ދައުލަތާއެކު ކޮށްފައިވާ ހުރިހައި މުޢާހަދާތަކެއް ފުރަގަހަށް އެއްލައިލުމަށްފަހު ޢުޘްމާނީ ސަރަޙައްދަށް ޙަމަލަދޭންފަށައިފިއެވެ. ކަޅުކަނޑުގެ އައްސޭރިފަށް އެފުށްމިފުށަށް ޖަހައިލައިފިއެވެ.
ޝައްކެއްނެތެވެ. މަސީޙީންގެ ފިޠުރަތަށް ބަލާއިރު މިއީ ޠަބީޢީކަމެކެވެ. ކާޑިނަލް ޖަސާރީނީ ބޮލޯނާ (Bologna) ހަންގޭރީގެ ލެޑްސަލާސްއަށް ޚަބަރު ފޮނުއްވިއެވެ. "ތިޔަބޭފުޅުން ތުރުކިޔޭއިންނާއެކު ކުރެއްވި މުޢާހަދާ އުވައިލެއްވިދާނެއެވެ. އެހެނީ އެއީ "ކާފަރުންނާ" ކުރެއްވި މުޢާހަދާއެކެވެ. ޕޯޕުވަނީ އެފަދަ މުޢާހަދާތައް ބާޠިލުކަމުގައި ކަނޑައަޅުއްވައިފައެވެ." ނަތީޖާއެއްގެގޮތުން ހަންގޭރީއާއި، ޕޮލެންޑާއި ޖަރުމަނީއާއި ފްރާންސާއި، ވެނިސްއާއި ބައިޒެންޓެއިން ރަސްކަމާއި ރޯމުގެ ޕޯޕާއި ބާރގެންޑީއާ އެންމެން އަނެއްކާވެސް އިއްތިހާދެއް އުފައްދައިފިއެވެ. އެގޮތުން 848ހ./1444މ. ގައި މުސްލިމު ތުރުކިޔޭއިންނަށް ޞަލީބީންގެ ފަސްވަނަ އިއްތިހާދާ ކުރިމަތިލާން ޖެހިއްޖެއެވެ. މަސީޙީންގެ ވަރުގަދަ ލަޝްކަރު ވިދީނާއި (Vidin) ނައިކޯޕޯލިސްގެ ކިއްލާ ހިފާން މަސައްކަތްކުރުމުން ކާމިޔާބެއް ނުވިއެވެ. މަސީޙީންގެ ގާތަށް އައިރުޅީގައި ފަށައިގަތީ އެދެރަށުގެ ރައްޔިތުން ފޭރުމުގެ މަސައްކަތެވެ. ކިއްލާތަކުގެ ފާރުމަތީންނާއި ބުރުޒުތަކުގެމަތީން މުސްލިމުން ބޭރަށްއުކައި މެރުމުގެ ވަޙްޝީ މަސައްކަތެވެ.
އެކަމާގުޅިގެން އުދުރުނާގައި ޢުޘްމާނީ ދައުލަތުގެ ޝޫރާ މަޖިލީހުގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުނެވެ. ޝޫރާގެ މެމްބަރުން سـلطـــان محمّـــد ثــانـــــى ގެ އަރިހަށް ޤަރާރެއް ހުށަހެޅުއްވިއެވެ. އެ ޤަރާރުގައި ވަނީ މިދަންނަވާގޮތަށެވެ.
"އަޅުގަނޑުމެންނަށް ދުޝްމިނުން ބަލިކުރެވޭނީ ވެރިކަމުގެ މަސްއޫލިއްޔަތު މަނިކުފާނުގެ ބައްޕާފުޅާ ޙަވާލުކުރައްވައިގެންނެވެ. އަޅުގަނޑުމެންގެ އެދުމަކީ ބައްޕާފުޅު މިތަނަށް ވަޑައިގެން މަސީޙީން ބަލިކޮށްދެއްވަން މަނިކުފާނު ބައްޕާފުޅަށް ދަންނަވައިދެއްވުމެވެ. ޞަލީބީންގެ މި ޙަމަލާ ނިމުމުން މަނިކުފާނު ރަސްކަމުގެ ފޮނިމީރުކަން ހޯއްދަވާށެވެ."
سـلطـــان محمّـــد ثــانـــــى މި ޤަރާރު ވިދާޅުވުމަށްފަހު އިސްކަންދެއްވީ މިއްލަތުގެ މަޞްލަޙަތަށެވެ. محمّـــد އޭނާގެ ބައްޕާފުޅަށް ލިޔުއްވިއެވެ. "ބައްޕާފުޅު އުދުރުނާއަށް ވަޑައިގެން ވެރިކަމާ ޙަވާލުވެވަޑައިގަންނަވާށެވެ." ނަމަވެސް مــــــــراد ވަޑައެއްނުގެންނެވިއެވެ. سـلطـــان محمّـــد ثــانـــــى ނުހަނު ޙިކުމަތްތެރިކަމާއެކު ދެވަނަ ސިޓީފުޅެއް ލިޔުއްވިއެވެ. އެ ސިޓީފުޅުގައި ލިޔުއްވިއެވެ.
"ބައްޕާފުޅާއެވެ! ރަސްކަލަކީ އަޅުގަނޑު ކަމުގައިވާނަމަ އަޅުގަނޑު ބައްޕާފުޅަށް އަމުރުކުރަމެވެ. ބައްޕާފުޅުގެ ލަޝްކަރު ގޮވައިގެން ވަޑައިގަންނަވާށެވެ. ރަސްކަލަކީ ބައްޕާފުޅު ކަމުގައި ވާނަމަވެސް އަވަހަށް ވަޑައިގެން ބައްޕާފުޅުގެ ރަސްކަން ދިފާޢުކުރައްވާށެވެ."
މަސީޙީންގެ އަނިޔާވެރިކަމުގެ ވާހަކައާއި މި ބަލާޣާތްތެރި ސިޓީފުޅު ލިބިވަޑައިގެންނެވުމުން مــــــــراد ގެ ލޯފުޅުން ކަރުނަފޮދު އަތުވެއްޖެއެވެ. އިންކާރެއް ނުކުރެއްވުނެވެ. ޒިކުރުކުރައްވަން އިށީނދެވަޑައިގެން އިންނެވި މުސައްލަ ނަންގަވައި އަހުގެ ބުރަކަށިމަތީގައި ފަތުރައިލެއްވުމަށްފަހު ބިސްމި ވިދާޅުވެފައި އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. ނުހަނު ހަލުވިކޮށް ދަތުރުކުރައްވައިފައި އުދުރުނާއަށް ވަޑައިގެންފިއެވެ. سـلطـــان مــــــــراد އެފަހަރު އޭނާގެ ދަރިކަލުން ވެރިކަމަކުން ދުރެއް ނުކުރައްވައެވެ. ސާޅީސްހާސް ސިފައިންގެ ލަޝްކަރެއް އެއްކުރައްވައިގެން މިސުރާބު ޖެއްސެވީ ކަޅުކަނޑުގެ އައްސޭރީގައި ފޭލިގެ ޖަހައިގެންތިބި މަސީޙީންނާ ދިމާޔަށެވެ. އެފަހަރު މުސްލިމުންނާ މަސީޙީންނާ ދެމެދު ކުރެވުނު ހަނގުރާމައަކީ މަޝްހޫރު ވާރުނާ (Varuna) ހަނގުރާމައެވެ. އެހަނގުރާމަ ހިނގީ 26 ރަޖަބު 848ހ. (10 ނޮވެމްބަރ 1444މ.) ގައެވެ. މަސީޙީ އިސްމީހުންކުރެ ލެޑް ސަލާސާއި ކާޑިނަލް ޖަސާރީނީ މިހަނގުރާމައިގައި ޤަތުލުވިއެވެ. (ޖޯން ހުންޔާޑީ ޖާނު ސަލާމަތްކޮށްގެން ފިލައިގެންދިޔައީއެވެ.) މައިދާނުގައި ޤަތުލުވެފައިތިބި ނަޞާރާއިންގެ ތެރޭގައި ވަރަށްގިނަ ޢަދަދަކަށްތިބީ ޒަބޫރުގެ އާޔަތްތައް ކިޔަވަކިޔަވައިފައި މުޢާހަދާއާ ޚިލާފުވާން ހިތްވަރުދިން ފާދިރީންނެވެ. މި ފަތަޙައިގެ ސަބަބުން ޢުޘްމާނީ ދައުލަތުގެ ސަރަޙައްދުގައި އުފާވެރިކަމުގެ ރާޅެއް ދަތުރުކުރިއެވެ. މުޅި އިސްލާމީ އުންމަތް އެއުފަލުގައި ބައިވެރިވިއެވެ. މިސުރަށް އެޚަބަރު ލިބުނީ 22 ޛިލްޙައްޖާ 848 (1 އެޕްރީލް 1445) ގައެވެ. މިސުރުގެ މަމްލޫކީ ސުލްޠާން ޗަގުމާގު ހުކުރު ޚުޠުބާގައި ތާނިޔާ ކިޔާއިރު ޢައްބާސީ ރަސްގެފާނުގެ ނަންފުޅުގެ ފަހަތަށް سـلطـــان مــــــــراد ثــانـــــى ގެ ނަންފުޅު އިތުރުކުރާން އެންގެވިއެވެ. (އެޓްލަސް ފުތޫޙާތެ އިސްލާމީ)
سـلطـــان محمّـــد ثــانـــــى ގެ އެދިވަޑައިގެންނެވުމަށް އެމަނިކުފާނުގެ ބައްޕާފުޅު ތިންފަހަރެއްގެމަތީން ރަސްކަމާ ޙަވާލުވެވަޑައިގެންނެވިއެވެ. ދެވަނަފަހަރު ޙަވާލުވެވަޑައިގެންނެވީ މުސާރައިގެ މައްސަލައިގައި ޢުޘްމާނީ ލަޝްކަރުގައި ބަޣާވަތުގެ އަސަރު ފާޅުވުމުންނެވެ. ތިންވަނަޔަށް ޙަވާލުވެވަޑައިގެންނެވިފަހަރު ހައަރުވަންދެން ނުހަނު ޝާނާއި ޝައުކަތުގައި ވެރިކަންކުރެއްވިއެވެ. محمّـــد ثــانـــــى އާ އެކިދާއިރާތައް ޙަވާލުކުރައްވައި ވަރުގަދަޔަކަށް ތަމްރީނު ދެއްވިއެވެ.
ވާރުނާ ހަނގުރާމައިގައި މަސީޙީ އިއްތިހާދުގެ ލަސްކަރު ބަލިވިތާ ހަތަރުވަނަޔަށްވީ އަހަރު މަސީޙީން އަނެއްކާވެސް އެބައިމީހުންގެ ނާކާމިޔާބީގެ ބަދަލުހިފާން ޢަޒުމު ކަނޑައަޅައިފިއެވެ. މިފަހަރުވެސް މަސީޙީ ކޮމާންޑަރަކީ ކުރީގެވެސް ކޮމާންޑަރ ޖޯން ހުންޔާޑީއެވެ. (Hunyadi) މިފަހަރު އެއްވި މަސީޙީންގެ ތެރޭގައި ހަންގޭރީއާއި ޖަރުމަނާއި ޕޮލެންޑާއި ޞަޤަލިއްޔާއާއި ނޭޕަލްސާއި މޯލްޑާވިޔާ ހިމެނެއެވެ. ރޯމުގެ ޕޯޕުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މަސީޙީންގެ ލަޝްކަރުގެ ޢަދަދު އެއްލައްކަޔަށްވުރެ މައްޗަށް އެރިއެވެ. މިބައިބޯ ލަޝްކަރު ޢުޘްމާނީ ސަރަޙައްދަށްވަދެ ކޮސޯވޯ ހިފައިފިއެވެ. ކޮސޯވޯގެ މައިދާނަކީ އޭގެކުރީން މުސްލިމުންގެ އަތުން މަސީޙީން ވަރަށް ނިކަމެތިގޮތަކަށް ބަލިވެފައިވާ މައިދާނެކެވެ.
سـلطـــان مــــــــراد ثــانـــــى އަށް މަސީޙީންގެ ޙަމަލައިގެ ޚަބަރު ލިބިވަޑައިގެންނެވުމުން އަވަސްއަވަހަށް ތައްޔާރުވެވަޑައިގެން މަސީޙީންނާ ޙަމަލަދެއްވަން ކޮސޯވޯއަށް ވަޑައިގެންފިއެވެ. ޢުޘްމާނީންނާއި މަސީޙީންނާ ދެމެދު ތިންދުވަސްވަންދެން ވަރުގަދަޔަކަށް ހަނގުރާމަ ހިނގިއެވެ. (10-12 ޛިލްޤަޢިދާ 852ހ.،17-19 ޖަނަވަރީ 1448) مــــــــراد ثــانـــــى ތިންވަނަޔަށްވީދުވަހު މަސީޙީންނަށް އެނބުރި ދެވޭންހުރި ހުރިހައި މަގުތަކެއް ބަންދުކުރައްވަން ތުރުޚާން ޕާޝާއަށް އެންގެވުމަށްފަހު މަސީޙީންނާ ވަރުގަދަ ޙަމަލައެއްދެއްވައި މަސީޙީ ލަޝްކަރު ބުރުއްސައިލެއްވިއެވެ. މިހަނގުރާމައިގައި މަސީޙީންގެ ސަތާރަހާސް މީހުން ޤަތުލުވިއެވެ. ތުރުކިޔޭއިންގެ ތެރެއިންވެސް ހަތަރުހާސް މުޖާހިދުން ޝަހީދުވިއެވެ.
سـلطـــان مــــــــراد ثــانـــــى ގެ ފުތޫޙާތު މިހިސާބަކުންވެސް ނުނިމެއެވެ. މީލާދީ ސަނަތުން 1449 ވަނައަހަރުގެ ހޫނުމޫސުމުގައި އޭނާ އަލްބޭނިޔާއަށް ޙަމަލަދެއްވިއެވެ. مــــــــراد އަވަހާރަވީ އަލްބޭނިޔާ ފަތަޙަކުރެއްވުމުގެ މަސައްކަތްޕުޅުގައި އުޅުއްވަނިކޮށެވެ. (އެޓްލަސް ފުތޫޙާތެ އިސްލާމީ: 336)
سـلطـــان مــــــــراد ثــانـــــى އަވަހާރަވީ 3 ފެބްރުއަރީ 1453 ގައެވެ. އޭރު ޝެހެޒާދާ محمّـــد ثــانـــــى ހުންނެވީ މަންގީޝިޔާގައެވެ. އެޚަބަރު ލިބިވަޑައިގެންނެވުމާއެކު އޭނާ ނުހަނު ހިމޭންކަމާއެކު ވަޑައިގެންނެވީ ގެލީޕޯލީއަށެވެ. محمّـــد ހުންނެވީ ބައްޕާފުޅު އަވަހާރަވީ ޚަބަރު ސިއްރުކުރައްވައިގެންނެވެ. ބޮޑުންގެ ތެރޭގައި ބަޣާވާތެއް އުފެދިދާނެކަމަށް ބިރުފުޅުންނެވެ. ބައްޕާފުޅުގެ ޙަޔާތްޕުޅުގައި محمّـــد ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ ކޮންމެފަހަރަކު وزيـــــرالأعـظـــــم خــلـيــل ޕާޝާއާއި އޭނާގެ އެކުވެރީން مــــــــراد ގެ އަރިހުގައި محمّـــد ގެ ޝަކުވާކުރައްވައެވެ. محمّـــد އެހެންމީހުންގެ މަޝްވަރާ ޤަބޫލު ނުކުރައްވާކަމުގައެވެ. محمّـــد އަށް ފެނިވަޑައިގަންނަވާ ގޮތްކޮޅުގައި މާބޮޑަށް ހިފަހައްޓަވާކަމުގައެވެ. ބައްޕާފުޅުގެ އަރިހުގައި ވެރިކަމުގެ ދާއިރާގައި ޢަމަލީގޮތުން އުޅުއްވި ހައަހަރުގެ ތެރޭގައި محمّـــد އަށްވަނީ އޭނާގެ ރަވައްޔާ އިޞްލާޙުކުރައްވަން ފުރުސަތު ލިބިވަޑައިގެންފައެވެ. ނަމަވެސް محمّـــد ބިރުފުޅުގެންވަޑައިގެންނެވީ ނުހަނު ވިސްނުންތެރިކަމާއެކު މައްސަލައިގެ މައްޗަށް ބާރު ނުހިންގަވައިފި ކަމުގައިވާނަމަ އޭނާގެ ޤާއިމްމަޤާމުކަމަށް ނުރައްކާވެދާނެތީއެވެ. محمّـــد އަކީ މިހާރު ރަސްކަންކުރެއްވުމުގެ އާޖުފާޖުހުރި ބޭފުޅެކެވެ. އޭގެއިތުރަށް މިހާރު އޭނާއަކީ ތަޖްރިބާކާރު ޢަސްކަރީ ކޮމާންޑަރެކެވެ. އޭނާ ތަދައްބުރާއި ފަރާސަތުގެ ބޭނުންކުރައްވައިގެން މައްސަލަތައް ރީތިކޮށް އޮމާންކޮށް ޙައްލުކުރެއްވިއެވެ. އެކަށޭނަ ދަނޑިވަޅެއް ލިބިވަޑައިގެންނެވުމުން ބައްޕާފުޅު އަވަހާރަވިކަން އިޢުލާންކުރެއްވިއެވެ. ހަމައެއާއެކު ލަސްނުކުރައްވައި ތަޚްތުގައި އިށީނދެވަޑައިގެން ތާޖުކޮޅު ތުރުކުރެއްވުމުގެ ރަސްމިއްޔާތު ނިންމައިލެއްވިއެވެ. سـلطـــان محمّـــد ثــانـــــى އޭނާގެ ބައްޕާފުޅުގެ ހުރިހައި ވަޒީރުންނާއި އަމީރުން އެބޭފުޅުންގެ މަޤާމުތަކުގައި ދެމެހެއްޓެވިއެވެ. ޤާބިލިއްޔަތުގެ މައްޗަށް ބައްލަވައިގެން އައު މަޤާމުތަކަށް މީހުން ޢައްޔަންކުރެއްވިއެވެ.
ޤައިޞަރު ޤުސްޠަންޠީން (XII) އަދިވެސް ދެކެވަޑައިގަންނަވަނީ سـلطـــان محمّـــد އަކީ ތުއްޕުޅު ބޭފުޅަކު ކަމުގައެވެ. އެހެންކަމުން محمّـــد ތަޚްތަށް އިސްވެވަޑައިގެންނެވުމާއެކު ޢުޘްމާނީ ސަރަޙައްދާ ތޮޅިވަޑައިގަންނަވާން ފައްޓަވައިފިއެވެ. سـلطـــان محمّـــد ثــانـــــى ގެ ދަރުބާރަށް ސަފީރަކު ފޮނުއްވައި ނުހަނު ބޭއަދަބީގޮތަކަށް ދެންނެވިއެވެ.
"އަޅުގަނޑުގެ ޙަވާލުގައި ހުންނެވި ޢުޘްމާނީ ޝެހެޒާދާގެ ޕެންޝަން ބޮޑުކުރައްވާށެވެ. އެހެންނޫނީ އަޅުގަނޑުމެން އޭނާ ޢުޘްމާނީ ތަޚްތަށް އިސްކޮށްފާނޫއެވެ."
سـلطـــان محمّـــد އަށް މި މެސެޖު ލިބިވަޑައިގެންނެވީ އޭޝިޔާކޫޗަކުގެ ހަރުކަށިފުޅު ބައެއް އަމީރުންގެ "މިޒާޖުފުޅު ރަނގަޅުކުރެއްވުމުގައި" މަޝްޣޫލުވެވަޑައިގެން އުޅުއްވަނިކޮށެވެ. سـلطـــان محمّـــد ކެތްތެރިވެވަޑައިގެން ހަމަޖެހިވަޑައިގެންނެވުމާއެކު އެ އިންޒާރު އަޑުއެއްސެވިއެވެ. ވަކި ޖަވާބެއް ނުދެއްވިއެވެ. މި ހާދިސާއާ ވިދިގެން ޢުޘްމާނީ އަމީރުންނަށް ކަށަވަރުވެވަޑައިގެންނެވީ ޢުޘްމާނީންނާއި ބައިޒެންޓެއިނުންނާ ދެމެދު ދެގޮތުންކުރެ އެއްގޮތެއްގެ މައްޗަށް ހަނގުރާމަކުރުމުގެ ވަގުތުއައިސް ޖެހިއްޖެކަމެވެ.
(ނުނިމޭ)