ނެދަލޭންޑްސްގެ ސައިޑް ބެކް، ޑަލޭ ބްލިންޑް ހިލޭ ޓްރާންސްފާއެއްގައި ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ބްލިންޑް ބަޔާންއަށް ސޮއިކުރިކަން އެ ކްލަބުން ވަނީ ރޭ އިއުލާން ކޮށްފައެވެ. ބްލިންޑް ފްރީ އެޖެންޓެއްގެ ގޮތުގައި ހުރީ މިދިޔަ ޑިސެންބަރު މަހު 27 ވަނަ ދުވަހު، އަޔެކްސްގެ އެއްބަސްވުން އުވާލުމާއެކުގައެވެ.
ބްލިންޑް އަޔެކްސް ދޫކޮށްލަން ނިންމީ ދެ ފަރާތް އެކުގައި ވާހަކަ ދެއްކުމަށްފަހުއެވެ. ބްލިންޑް އަޔެކްސް ދޫކޮށްލީ އެ ކްލަބުގެ ޖާޒީގައި 333 މެޗު ކުޅުމަށްފަހުއެވެ. އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، އޭގެ ކުރިން އެއްބަސްވުން އުވާލީ އިތުރު ކްލަބަކަށް ދިއުމަށް ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. ބްލިންޑް އަޔެކްސް ދޫކޮށްލާފައި ވަނީ އެ ޓީމުގެ ފުރަތަމަ 11 އިން ރަނގަޅަށް ފުރުސަތު ނުލިބެން ފެށުމާއެކުގައެވެ.
ގައުމީ ޓީމަށް 99 މެޗު ކުޅެދީފައިވާ ބްލިންޑް އަޔެކްސްގެ ކެރިއަރު ފުރަތަމަ ފެށީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ލޯން އެއްބަސްވުމެއްގައި އެފްސީ ގްރޮނިންގެންއަށް ކުޅެފައިވާ އިރު، 2014 ވަނަ އަހަަރުގެ ވޯލްޑް ކަޕްގައި ވިދާލައި، އެ އަހަރު އިނގިރޭސި ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިއެވެ. ބްލިންޑް އަލުން ޑަޗް ލީގުގެ އަޔެކްސްއަށް ބަދަލުވީ ޔުނައިޓެޑަށް ހަތަރު ސީޒަނެއްގައި ކުޅުމަށްފަހުއެވެ.
އަޔެކްސްގައި ބްލިންޑް ވަނީ ހަތް ފަހަރު ލީގު ކާމިޔާބުކޮށް، 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލްގައިވެސް ކުޅެފައެވެ.
ބްލިންޑްގެ ސޮޔާއެކު ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލީހާމިޑްޒިކް ވިދާޅުވީ ބްލިންޑަކީ ގިނަ މަގާމުތަކަކަށް ކުޅެވޭނެ ތަޖުރިބާކާރު ޑިފެންޑަރެއް ކަމަށާއި ބްލިންޑްގެ ބައިނަލްއަގުވާމީ ތަޖުރިބާއާއި ލީޑާޝިޕް ކޮލިޓީ ޓީމަށް ބޭނުންކުރެވޭނެ ކަމަށެވެ.
ބްލިންޑް ބުނެފައި ވަނީ ބަޔާނަކީ ތަށި ހޯދުމަށް އަބަދުވެސް މަސައްކަތްކުރާ ޓީމެއް ކަމަށާއި ސީޒަނުގެ ފަހު ބަޔަށް ބަޔާން ޖާޒީގައި ނުކުމެވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް