ޕޯޗުގަލްގެ ތަރި، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއި ސައުދީ އަރަބިއާގެ އަލް ނަސްރުން ހޯދުމަކީ އެގައުމުގެ "ސްޕޯޓްސް ވޮޝިން" ގެ ކަންކަން ފުޅާވެގެން ދިޔަ ކަމެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ، ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފައިވާ އިރު، އޭނާ ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ދެމިގެންދާނެ އެއްބަސްވުމެއްގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ނަސްރުގެ އެއްބަސްވުމާއެކު ރޮނާލްޑޯއަށް އަހަރަކު 177 މިލިއަން ޕައުންޑްގެ މުސާރައެއް ޖެހޭނެއެވެ.
އެ ޓްރާންސްފާއާ ގުޅިގެން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ "ސައުދީއަކީ ފުރިހަމަ ގައުމެއް،" ކަމަށާއި އެގައުމުގެ ލީގަކީ ވާދަވެރި ވަރުގަދަ ލީގެއް ކަމަށެވެ. އެވާހަކަތައް ރޮނާލްޑޯ ދެއްކުމާއެކު އެމްނެސްޓީން ވަނީ ރޮނާލްޑޯއަށް ފާޑު ކިޔައިފައެވެ. އެމްނެސްޓީން ބުނެފައި ވަނީ ރޮނާލްޑޯގެ ފަރާތުން ސައުދީއަށް ތައުރީފު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓް ފޯމްތައް ބޭނުންކޮށްގެން ދައްކަންވި ވާހަކައަކީ ސައުދީގެ އިންސާނީ ހައްގުތަކުގެ ވާހަކަ ކަމަށެވެ.
"ސައުދީއަށް ތައުރީފު ކުރުމުގެ ބަދަލުގައި ރޮނާލްޑޯ ދައްކަންވި ވާހަކައަކީ އިންސާނީ ހައްގުތަކުގެ ވާހަކަ. ޕަބްލިކް ބޮޑެތި ޕްލެޓްފޯމްތަކުގެ ބޭނުންކޮށް ރޮނާލްޑޯ ކުރަންވި ކަމަކީ ސައުދީން ހިންގަމުންދާ ލާއިންސާނީ ކަންކަމުގެ ވާހަކަ މީހުންނަށް ބުނެދޭންވީ،" އެމްނެސްޓީގެ މެދުއިރުމަތި ދިރާސާ ކުރާ ކޮންސަލްޓެންޓް ޑޭނާ އަހުމަދު ވިދާޅުވިއެވެ.
އެމްނެސްޓީން ސައުދީގެ ކުޅިވަރު ހަރަކާތްތަކަށް އަބަދުވެސް ފާޑު ކިޔަމުން ގެންދެއެވެ. އެގޮތުން އެގައުމުން ކުޅިވަރުގެ ބޭނުންކޮށް، ލާ އިންސާނީ ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް އެމްނެސްޓީން ބުނަމުންދެއެވެ.
ސައުދީން މި ފަހަކަށް އައިސް ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އެގައުމުގައި ހިންގަމުންދާ އިރު، ފޯމިއުލާ ވަން ރޭސިންނާއި އެލްއައިވީ ގޮލްފް ސީރީސް އަދި ދުނިޔޭގެ ފެންވަރުގެ ބޮކްސިން އިވެންޓްތައްވެސް މިދިޔަ އަހަރު އެގައުމުގައި ހޯސްޓް ކޮށްފައިވެއެވެ. އޭގެ އިތުރުން ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން 2021 ވަނަ އަހަރު ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑްވެސް ގަނެފައިވެއެވެ.
ނިއުކާސަލް ސައުދީން ގަތުމާއެކުވެސް އެމްނެސްޓީން ފާޑުކިޔާފައިވާ އިރު، އެމްނެސްޓީން ވަނީ ސައުދީގެ އާންމު ގަވާއިދުތަކަށްވެސް ފާޑު ކިޔައިފައެވެ. އެގޮތުން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތައް ޖަލަށް ލުމުގެ މައްސަލަތަކާއި މަރުގެ އަދަބު ދިނުމުގެ ކަންކަމުގައިވެސް އެމްނެސްޓީން ސައުދީއަށް ފާޑު ކިޔާފައިވާ އިރު، ނޫސްވެރިޔާ ޖަމާލް ހަޝޯގީ، ތުރުކީގައި ހުންނަ ސައުދީ އެމްބަސީގައި މަރާލި މައްސަލައިގައި ސައުދީ ސަރުކާރުގެ ރޯލެއް ވާކަމަށް އެ ޖަމިއްޔާގެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
"ސައުދީން މަރުގެ އަދަބުވެސް ދެމުންދަނީ. އެގޮތުން މީހުން މެރުމާއި ރޭޕްގެ ކަންކަމުގެ އިތުރުން ޑްރަގް މައްސަލަތަކުގައި ސައުދީން މިދިޔަ އަހަރު އެއް ދުވަހުވެސް 81 މީހަކަށް މަރުގެ އަދަބު ދިން. އޭގެ ތެރެއިން ގިނަ ބަޔަކީ އެކަށީގެންވާ ޝަރީއަތެއް ނުލިބި މަރުގެ އަދަބާ ކުރިމަތިލާން ޖެހުނު މީހުން. ސައުދީ އިދާރާތަކުން ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށްވެސް ދަނީ ހުރަސް އަޅަމުން. އެގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ ފަރާތްތަކަށާއި ސިޔާސީ ކުށްވެރިންނަށްވެސް ބޮޑެތި ޖަލުހުކުންތައް ދަނީ ތަންފީޒުކުރަމުން،" ޑޭނާ ވިދާޅުވިއެވެ.
ޑޭނާ އިތުރަށް ވިދާޅުވީ ސައުދީން އިންސާނީ ހައްގުތަކުގެ ކަންކަން ފޮރުވަން ގެންގުޅޭ ހަތިޔާރަކަށް ރޮނާލްޑޯ ވެގެން ނުވާނެ ކަމަށާއި އަލް ނަސްރުގައި ހޭދަކުރާ ވަގުތުގައި ރޮނާލްޑޯ ވާން ޖެހޭނީ އެގައުމުގެ އިންސާނީ ހައްގުތަކުގެ ކަންކަން އާންމުންނަށް ހާމަކޮށްދޭ މީހަކަށް ކަމަށެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ ޔޫރަޕްގެ ރެކޯޑު ގޯލު ޖެހުންތެރިއެކެވެ. ރޮނާލްޑޯ ބޮޑު މުސާރައިގައި އަލް ނަސްރަށް ގޮސްފައިވާ އިރު، ކްލަބުގެ ރައީސް މުއައްމާރު ވިދާޅުވީ ރޮނާލްޑޯގެ މުސާރަ ބޮޑު ނަމަވެސް، އެ އެއްބަސްވުމަކީ ވިޔަފާރީގެ އެތައް ގޮތަކަށް ބަލައި އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ރޮނާލްޑޯ ގެންދިއުމުގެ ހަމައެކަނި ބޭނުމަކީ ފުޓްބޯޅަ ނޫން ކަމަށްވެސް އަލް ނަސްރުގެ ރައީސް މުއައްމާރު ވިދާޅުވިއެވެ.
ސައުދީން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އެގައުމުގައި ބާއްވަން މަސައްކަތް ކުރަމުންދާ އިރު، އެކަމަށް ގްރީސް އާއި މިސްރު އެކުވެ ޖޮއިންޓް ބިޑެއް ކުރަން ވަނީ ތައްޔާރުވެފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ