ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ރީތި އަދި އެންމެ ޑިމާންޑް ބޮޑު ޖޯޒީއެއްގެ ގޮތުގައި ބެލެވެނީ އާޖެންޓީނާގެ ޖޯޒީއެވެ. އާޖެންޓީނާގެ ޖޯޒީ ތައްޔާރުކޮށް މާކެޓް ކުރަނީ މަޝްހޫރު އެޑިޑާސް ކުންފުނިންނެވެ. މިފަހަރުގެ ވޯލްޑްކަޕް މޫސުމުގައިވެސް އެޑިޑާސްއަށް އެންމެ ބޮޑު މަންފާއެއް ލިބުނީ އާޖެންޓީނާގެ ޖޯޒީ ވިއްކައިގެންނެވެ. އާޖެންޓީނާއަށް މިފަހަރު ތަށި ލިބުމުގެ ކުރިން ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެޑިޑާސްގެ 2022 ވަނަ އަހަރުގެ އާޖެންޓީނާ ސްޓޮކް ވަނީ ހުސްވެފައެވެ. އެންމެ ގިނަ ޖޯޒީ ވިކިފައިވަނީ އޭޝިޔާގައެވެ. ޚާއްސަކޮށް ބަންގްލަދޭޝްގައެވެ. ދެން އިންޑިޔާ އާއި އަރަބި ދުނިޔޭގައެވެ. ފޭކް ޖޯޒީވެސް ހިމެނޭގޮތުންނެވެ. އެންމެންވެސް މިހާރު އިންތިޒާރު ކުރަނީ އެޑިޑާސް ކުންފުނިން 2023 ވަނަ އަހަރު އާޖެންޓީނާގެ އައު ޖޯޒީ މާކެޓަށް ނެރޭނެ ވަގުތަކަށެވެ.

އެޑިޑާސް ކުންފުނިން ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު މިހާތަނަށް އާޖެންޓީނާގެ ޖޯޒީގެ އައު ސާދަ ކިޓެއް ނެރެފައެވެ. އެއީ އަށް ހޯމް ކިޓާއި ހަ އަވޭ ކިޓެވެ. މިހާރު ބޭނުން ކުރަމުން އެދަނީ 2022 ވަނަ އަހަރު ނެރެނު ދެ ކިޓެވެ. މިފެށުނު 2023 ވަނަ އަހަރުގެ ތެރޭގައިވެސް ބޭނުން ކުރާނީ މި ދެ ކިޓެވެ. ހަމައެކަނި ބަދަލަކަށްވާނީ ކުރިންހުރި ދެ ތަރީގެ ތެރެއަށް ތިންވަނަ ތަރިއެއް ލުމާއި ދުނިޔޭގެ ޗެމްޕިއަނުންގެ ބެޖު ހަރުކުރުމެވެ. ފަރުމާއަށް ބަދަލެއް ގެނެސްގެން އައު ކިޓެއް ދެން އެންމެ އަވަހަށްވެސް ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށެވެ. އެޑިޑާސް ކުންފުނިން އާޖެންޓީނާގެ އައު ފަރުމާގެ ކިޓް އަބަދުވެސް ނެރެމުން އަންނަނީ ކޮންމެ ވޯލްޑްކަޕަކާއި ކޮންމެ ކޮޕާ އެމެރިކާއެއް ބޯމަތިވުމުން އެ މުބާރާތަކަށެވެ.

އަންނަ އަހަރުގެ ކޮޕާ އެމެރިކާއަކީ ވަރަށްވެސް ތާރީޚީ މުބާރާތެކެވެ. ކޮޕާ އެމެރިކާއަކީ ދެކުނު އެމެރިކާގެ ގައުމުތަކުގެ ސަރަހައްދީ މުބާރާތަށް ވާއިރު މިހާތަނަށް ކޮޕާ ބާއްވާފައިވަނީ މުޅިންވެސް ދެކުނު އެމެރިކާގެ ގައުމުތަކުގައެވެ. އެގޮތުން 47 މުބާރާތް މިހާތަނަށް ބާއްވައިފިއެވެ. އެކަމަކު މިފަހަރު މުބާރާތް ބާއްވާނީ ދެކުނު އެމެރިކާއިން ބޭރުގައެވެ. މުޅިން އެހެން ކޮންފެޑެރޭޝަނަކަށް ނިސްބަތްވާ ގައުމެއްގައެވެ. އުތުރު އެމެރިކާއަށް ނިސްބަތްވާ އެމެރިކާގައެވެ. ކުރިން ހަމަޖެހިފައިއޮތީ އިކުއެޑޯރުގައި ބާއްވާގޮތަށެވެ. އާޖެންޓީނާއަކީ މިވަގުތު ހަމައެކަނި ދުނިޔޭގެ ޗެމްޕިއަނެއް ނޫނެވެ. ކޮޕާ އެމެރިކާގެ އެންމެފަހުގެ ޗެމްޕިއަނަކީވެސް އާޖެންޓީނާއެވެ. ކޮޕާ އެމެރިކާ ކުޅޭނީ އަންނަ އަހަރުގެ ޖޫން މަހުން ޖުލައި މަހަށެވެ. އާޖެންޓީނާގެ ކުޅުންތެރިންގެ މޭމަތިން ތިންތަރި ފެންނާނެ ފުރަތަމަ މުބާރާތަކީ އެއީއެވެ.

ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް އެހެން ކޮންފެޑެރޭޝަނެއްގެ ސަރަހައްދުގައި ކުޅުމުގެ އިތުރަށް އަދި އެހެން އިއްތިފާގެއްވެސް މިފަހަރު ފެންނާނެއެވެ. މިފަހަރުގެ ކޮޕާ އެމެރިކާ ކުޅެވޭނީ އެއަހަރުގެ ޔޫރޯއާވެސް ދިމާވާ ގޮތަށެވެ. ހަމަ އެދުވަސްވަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ ޔޫރޯ ކުޅެވޭނީ ޖަރުމަންވިލާތުގައެވެ. މުޅިއެކު 24 ޓީމު ވާދަކުރާނެއެވެ. އެހެންވީމާ އެޑިޑާސް ކުންފުނިން އާޖެންޓީނާގެ 2024 ވަނަ އަހަރުގެ އައު ހޯމް ކިޓާއި އަވޭ ކިޓް ނެރޭނީ ޔޫރޯ މުބާރާތުގައި ވާދަކުރާ ޔޫރަޕުގެ ބައެއް ޓީމުތަކާއި ކޮޕާ އެމެރިކާގައި ވާދަކުރާ ދެކުނު އެމެރިކާގެ ބައެއް ޓީމުތަކުގެ ކިޓާވެސް އެކީގައި ކުރިއަށްމިދާ 2023 ވަނަ އަހަރުގެ ނޮވެމްބަރު ހިސާބުގައެވެ. ޖަރުމަނާއި ސްޕޭނާއި ބެލްޖިއަމުގެ ކިޓްވެސް އުފައްދަނީ މިކުންފުނިންނެވެ.

އެޑިޑާސް ކުންފުނިން އާޖެންޓީނާގެ އައު ކިޓް ނެރޭއިރު ތިންވަނަ ތަރި އިތުރުކުރާނެ ތަނުގެ ސުވާލު ބައެއް މީހުން ކުރެއެވެ. މިހާރު އެހެރަ ދެތަރީގެ މަތީގައި އެއްތަރި ބާވައެވެ. ނުވަތަ އެދެތަރިއާ އެއްހަމައެއްގައި އެހެން ތަރިއެއް ބާވައެވެ. އާޖެންޓީނާގެ ސަޕޯޓަރުންގެ ތެރެއިން އެންމެ ގިނަބަޔަކު އެދެނީ އެއް ފައްޗެއްގައި ތިންތަރިވެސް ހުރުމަށެވެ. އެނޫންގޮތަކަށް ހުރުމަށް ތާއީދު ނުކުރާނޭ ކަމަށް ވަރަށް ގިނަބަޔަކު ވަނީ ބުނެފައެވެ. އެހެންވީމާ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި އެޑިޑާސް ކުންފުނިންވެސް ސަޕޯޓަރުންގެ ވިސްނުމަށް ރިއާޔަތް ކުރާނޭ ކަމަށް ބެލެވެއެވެ. ބްރެޒިލްގެ ފަސްތަރިޔާއި ޖަރުމަނާއި އިޓަލީގެ ހަތަރު ތަރިވެސް ޖަހާފައި ހުންނަނީ އެއްލައިނަކަށްވާ ގޮތަށެވެ. އާޖެންޓީނާއިންވެސް އަލުކުރާނީ މިގޮތަށް ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވެއެވެ.

އާޖެންޓީނާ އާއި ޖަރުމަނާއި ސްޕޭނުގެ ކިޓް އެޑިޑާސް ކުންފުނިން ތައްޔާރުކުރާ އިރު ބްރެޒިލް އާއި ފްރާންސް އަދި އިންގްލެންޑުގެ ކިޓް ތައްޔާރު ކުރަނީ އެޑިޑާސްއާ އެންމެ ވާދަވެރި ނައިކީ ކުންފުނިންނެވެ. ޕޯޗުގަލްގެ ކިޓް ތައްޔާރުކުރަނީވެސް ނައިކީންނެވެ. އިޓަލީގެ ކިޓް ތައްޔާރުކުރަނީ ޕޫމާއިންނެވެ. މިހުރިހާ ކުންފުނިތަކުގެ ތެރެއިން ފުޓްބޯޅައިގެ އެންމެ ބޮޑު މާކެޓެއް އޮތީ އެޑިޑާސް އަށެވެ. މިއީ ޖަރުމަންވިލާތުގެ ކުންފުންޏެކެވެ. ދުނިޔޭގެ މަޝްހޫރު ކުލަބުތަކުގެ ތެރެއިން ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، ޔުވެންޓަސް، އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ކިޓް ތައްޔާރު ކުރަނީވެސް އެޑިޑާސް ކުންފުނިންނެވެ. ސްޕޭނުގެ ބާސެލޯނާ އާއި އިންގްލެންޑުގެ ޗެލްސީގެ ކިޓް ތައްޔާރުކުރަނީ ނައިކީންނެވެ. އެއީ އެމެރިކާގެ ކުންފުންޏެކެވެ.