ރ. އަލިފުށީގައި ކެންސަރު ބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހަދަން ބޭނުންވާ ކަމަށް އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެދިއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަލިފުއްޓަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ އަލިފުށީ ބޯޓުޔާޑް ސަރަހައްދުގައި އުފެދޭ ފައިބަރު ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށްވެސް އެދިފައެވެ.
މި ބައްދަލުވުމުގައި އެ ރަށު ކައުންސިލުން ވަނީ މި ވަގުތަށް އެރަށަށް ބޭނުން ވެފައިވާ ކަންކަންވެސް ހިއްސާކޮށްފައެވެ. އެގޮތުން އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތުކުރުމާއި ސިނާއީ ސަރަހައްދަށް ބިން އިތުރު ކުރުމާއި އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ފާހަގަކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އަލިފުށީގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫތައް ގޮސްފައިވާ ހިސާބާއި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން އަލިފުށީގައި ސަރުކާރުން އިމާރާތްކުރާ އާ ހޮސްޕިޓަލަށް ފަންޑު ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހް އަލިފުއްޓަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ އިސްވެރިންތަކެއް ބައިވެރިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު