ޚަބަރު

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 77 ޕަސެންޓް ނިމިއްޖެ

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 77 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން ތާރުއެޅުމުގެ 40 ޕަސެންޓް މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ. މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

ޖުމުލަ 331.05 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުލައި 4، 2019ގަ އެވެ. ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް ނިންމާލުމަށްފަހު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2020ގައެވެ.

އެ މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި 19،940 މީޓަރުގެ ސަރަހައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.