ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާ ދެމުންދާ އުމުރުން 25 އަހަރުގެ އިންޑިއާގެ ވިކެޓްކީޕަރު ރިޝާބް ޕާންޓް، ސާޖިރީއަކަށް އިއްޔެ މުމްބާއީއަށް ގެންގޮސްފިއެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުން ޕާންޓް ދުއްވަން އިން ކާރު އެކްސިޑެންޓްވީ، އޭނާގެ އުފަން އަވަށް، ރޫރްކީގެ ކައިރިންނެވެ. އެއީ އުއްތަރަހާންދް ސްޓޭޓްގެ އަވަށެވެ. ޕާންޓް ކާރު ފެނިފައި ވަނީ މަންގަލައުރާއި ނުރްސާންއާ ދެމެދުގެ ހިސާބަކުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުން، ޕާންޓް ދުއްވަން އިންދައި އޭނާއަށް ނިދިގެން ކާރު ހައިވޭގެ ކައިރިފަށުގައި ޖެހި، މައިތިރިވެފައި ވަނީ ދެ ފަހަރަށް ފުރޮޅާލައިގެންނެވެ. އަދި ކާރުގައި ރޯވެ، އަނދައި ހުލިވެފައިވާ ކަމަށްވެސް ބުންޏެވެ.
އެކްސިޑެންޓުގައި ޕާންޓްގެ ބޮލަށާއި ފައިގެ އިތުރުން ބުރަކައްޓަށްވެސް އަނިޔާ ލިބުނެވެ. ޕާންޓަށް ފުރަތަމަ ފަރުވާ ދީފައިވަނީ ރޫރްކީގެ ހޮސްޕިޓަލަކުންނެވެ. އޭގެ ފަހުން ދެގަރަދޫންގެ ހޮސްޕިޓަލަކަށް ޕާންޓް ބަދަލުކުރި އިރު، ފައިގެ ސާޖަރީއަކަށް އިއްޔެ މުމްބާއީއަށް ގެންދިޔައީ ވައިގެ މަގުން އެއާ އެމްބިއުލާންސެއްގައެވެ.
ބީސީސީއައިގެ ސެކްރެޓަރީ ޖޭ ޝާހް ވިދާޅުވީ ޕާންޓްގެ ފައިގެ ލިގަމެންޓް ސާޖަރީއެއް ހަދަންޖެހިފައިވާ ކަމަށާއި ބޯޑުގެ ފަރާތުން ޕާންޓްގެ ރިކަވަރީއަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ.
ރިޝާބް ވަނީ އިންޑިއާ ގައުމީ ޓީމަށް 33 ޓެސްޓް މެޗާއި 30 ވަން ޑޭ އިންޓަނޭޝަނަލް މެޗު އަދި 66 ޓީ20 މެޗު ކުޅެދީފައެވެ. ބަންގްލަދޭޝްގައި މި މަހު އިންޑިއާއިން ކުޅުނު ޓެސްޓް ސީރީސްގައިވެސް ރިޝާބް ވަނީ ރަނގަޅު ކުޅުމެއްވެސް ދައްކައިފައެވެ. ފުރަތަމަ އިނިންގައި އިންގްލެންޑަށް އެންމެ ގިނަ ލަނޑު ހަދައިދިން ކުޅުންތެރިޔަކީވެސް އޭނާއެވެ. އެއީ 93 ލަނޑެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް