ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލީ އެއްވެސް ފަޅު ރަށެއް ވިއްކާނުލައިކަމަށް ވިދާޅުވެ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ، ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، އެމްޑީޕީން ދައްކާ ވާހަކަތުގެ ތެރޭގައި ވޯޓުން އުފާވެރިކަން ހޯދާ ވާހަކަ ހިމެނޭ ކަމަށެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ލިބުނު އުފާވެރިކަމަކީ މީގެ ކުރިން އެމްޑީޕީގެ ތާރީހުގައި ލިޔެވިފައި ނެތްވަރުގެ އުފާވެރިކަމެއްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ރައީސް ސޯލިހު ގެންދަވަނީ އެމްޑީޕީ އުފެދުނީއްސުރެ ވަމުން އަންނަ ވައުދުތައް ފުއްދަވަމުންކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ހުރިހާ ރަށަކަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައާއި ދަތުރުފަތުރުގެ މައްސަލަ ހައްލު ކުރައްވާފައިކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
"އެއްވެސް ފަޅު ރަށެއް ވިއްކާނުލައްވައި ދަތުރުފަތުރުގެ ނިޒާމަކުން، މުޅި ރާއްޖެ ގުޅުވާލުމުގެ ބޮޑު މަޝްރޫއު ކުރިއަށް އެ ގެންދަވަނީ އެއީ ވޯޓުން އުފާވެރިކަމަކީ، އެއީ އެމްޑީޕީ ކުރިއަށް ދިޔުމަކީ، އެއީ ތާހިރު ދިރިއުޅުމަކީ، އެއީ ޖަޒީރާ ރާއްޖެ އަކީ، އެއީ އަޅުގަނޑުމުން މި ބޭނުންވާ އެމްޑީޕީއަކީ" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ އޭނާއަށް ރޭ ވާހަކަ ދައްކަވައިލައްވަން ލިބިވަޑައިގަތީ ވަރަށް ޝައުގުވެރި މައުލޫއެއް ކަމަށާއި އެއީ ކުޑަ ރަށްތަކާއި ބޮޑު ރަށްތަކާއި ތަފާތު ނުކުރެއްވުން ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، ކުޑަ ރަށާއި ބޮޑު ރަށާއި ތަފާތު ކުރުމެއްނެތި ރައީސް ސޯލިހު ހިދުމަތް ކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ މީގެ ކުރިން މީދޫ ދާއިރާގެ މެމްބަރުން ހިތަށްވެސް ނުގެންނަ ވަރަށް ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީގެ ސިއްހީ ދާއިރާ ތަރައްގީ ކުރައްވާފައި ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ ވ. ވޭވަށަކީ ކުޑަ ރަށެއް ކަމަށާއި އެ ރަށަކީ މަސްވެރި ރަށައްގެ އިތުރުން މަސްވެރިކަމުގެ އަމިއްލަ ބްރޭންޑެއް އުފައްދައިގެން މަސް ގަނެގެން، މަސް ހިއްކައިގެން ރާއްޖޭއިން ބޭރަށް އެކްސްޕޯޓް ކުރާ ރަށެއް ކަމަށެވެ. އެ ރަށުގެ އިގްތިސޯދައަށް އެއައި ބަދަލަކީ ރައީސް ސޯލިހުގެ ވިސްނުންފުޅެއްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
"ކިހިނެއްތޯ (ނަޝީދު) ވޭވަށަށް އަރާ މިއަދު ބުނަނީ ކުޑަރަށެއް ނުބަލާނަމޭ ތިމަންނަ، ނުބުނެވޭނެ. އެމްޑީޕީގެ ފިކުރެއް ނޫން ކުޑަ ރަށަކަށް ނުބެލުމަކީ." ރޮޒެއިނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު