އެމްޑީޕީގެ ދިރުމަކީ ވެސް، ފިކުރަކީ ވެސް ވަކި މީހެއްގެ ވަށައި އެނބުރޭ އެއްޗެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ މައި ހަރުގޭގައި ބަހައްޓާފައި ހުންނަ ބޮނޑިބަތްކޮޅާއި ސްޕީކަރުތައް ވެސް ފުލުހުން ފޮނުވައިގެން ނަންގަވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި އެފަދަ ކަންކަން ނުހިނގާތީ އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލުކުރާ ގޮތުގައި ޑިމްކޮރްސީއަކީ އެތެރޭގެ އިންތިހާބެއްގައި ކޯޅިގަތުން ކަމަށާއި އަދި ތިމަންނާމެންގެ ބަޔަކު ނޫން މީހަކު ވެރިކަމުގައި ނޫނީ ހުރެގެން ނުވާނެ ކަމަށް ގަބޫލުކުރައްވާ މެމްބަރުންވެސް އެމްޑީޕީގައި އެބަތިއްބެވި ކަމަށެވެ.

"ތިމަންނަމެން ނޫން އެހެންބަޔަކު މި ޕާޓީގައި ހުރެގެން ނުވާނެއޭ، އެ ވެރިކަން ކުރަންވެސް ޖެހޭނީ ވަކި ބައެކޭ، އެބައެއްގެ އަޑު އެއީއޭ އަޅުގަނޑުމެންގެ އެންމެ ދިރުމަކީ. އެކަމަކު އަޅުގަނޑުމެން މި އަމިއްލައަށް ކުރެވޭނީ ކީއްކަން އަޅުގަނޑުމެން އެބަ ވިސްނާލަން ޖެހޭ. އެމްޑީޕީގެ ފިކުރަކީ މީހެއްގެ ވަށާލައިގެން އެނބުރޭ ފިކުރެއް ނޫން. އެމްޑީޕީގެ ދިރުމަކީ މިީހެއްގެ ވަށާލައިގެން އެނބުރުމެއް، ދިރުމެއް ނޫން. އަޅުގަނޑުމެން އަބަދުވެސް ތަންދިނީ މިނިވަން ހިޔާލާއި މިނިވަން ފިކުރަށް. އަޅުގަނޑުމެން ނުކުތީ 30 އަކަށް އަހަރު ދުވަހު އެކަކުގެ ވަށާލައި އެ އެނބުރޭ ފިކުރުން ނުކުމެ، އެ މިނިވަންވެ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް، އަޅުގަނޑުމެންނަށް ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި މި މިނިވަންކަން އަދި އަޅުގަނޑުމެންނާ އިދިކޮޅުވެސް ވާހަކަ ދެއްކިގެން، އެހެންވިޔަސް ޖަލަށް ނުލާނެކަމުގެ ޔަގީންކަން އަޅުގަނޑުމެން ހޯދުމަށްޓަކައި،" މާރިޔާ ވިދާޅުވިއެވެ.

މިހާރު މިއޮތީ ޑިމޮކްރަސީ އައިސްފައި ކަމަށް ބުނެ އެތެރޭގެ އިންތިހާބެއްގައި މިހާރު އަމަލު މިކުރާ ގޮތަށް ކުރަންވެއްޖިއްޔާ އަތުގައި މިހާރު މިއޮތް ސަރުކާރުވެސް ގެއްލިދާނެ ކަމަށާއި މިހާރު ވިސްނަންވީ ސަރުކާރުގައި ތިބެވޭނެ ގޮތަކާ މެދު ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޕީޕީއެމުން ޕްރައިމަރީގެ ވާހަކަދެއްކެވުމުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ޖަލަށްލާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. ރައީސް ސޯލިހު ވެސް ހުންނެވީ ޔާމީން އޭރު ހުންނެވި ބާރުވެރިކަމުގައި ކަމަށާއި ނަމަވެސް ރައީސް ސޯލިހު އެމްޑީޕީގެ ޕްރައިމަރީގައި އެ ދައްކަވާ މަންޒަރު ނުފެންނަ ކަމަށްވަންޏާ 2018 ހޯދި ކާމިޔާބީއެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.